ލޯކަލް ކައުންސިލް އިންތިހާބެއްގައި ޕާޓީއަށް ނާކާމިޔާބު ވެގެން ލީޑަޝިޕް އިސްތިއުފާ ދެއްވަން ޖެހި ވަޑައިގަންނަވާ ސަބަބެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް ކަަމުގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ކައުންސިލް އިންތިހާބަށްފަހު މިއަދު ނޫސްވެރިންނާ ފުރަތަމަ ފަހަރަށް ނޫސްވެރިންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ކައުންސިލް އިންތިހާބެއްގައި ބައްޔެއް ވުމަކީ އިސްތިއުފާ ދޭން ޖެހޭ ސަބަބެއް ނޫން ކަމަށެވެ. އަދި އެއީ ދުނިޔޭގެ އެއްވެސް ގައުމެއްގައި ޕާޓީއެއްގެ ލީޑަރަކު ކުރެއްވި ކަމެއް ވެސް ނޫން ކަމަށެވެ.
ރާއްޖޭގައި އިއްޔެ ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުގައި އާބާދީ ބޮޑެތި ސަރަހައްދުތަކުގައި އިދިކޮޅު ޕީޕީއެމް ކެންޑިޑޭޓުން ވަނީ ބޮޑު ކާމިޔާބީއެއް ހޯދާފަ އެވެ. އެކަމަށް އިޝާރާތް ކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީއަށް ލިބޭ ނާކާމިޔާބީއަކީ އެންމެންގެ އިހުމާލުން ވާ ކަމެއް ކަމަށެވެ.
"މިހާރު ފެންނަން އޮތް ނަތީޖާއިން ދެން އަޅުގަނޑުމެން ޖެހޭނީ ވިސްނާފަ ކަންކަން ކުރަން. މިހެން މިދިމާވީ ކިހިނެއްތޯ އާއި މިއީ އަޅުގަނޑުގެ ކުށުން ވީ ކަމެއްތޯ ޖެހޭނީ ބަލަން. ބަލިވީމަ ދެން ޖެހޭނީ މަޑުމަތިރިކަމާ އެކީ ވިސްނަން" ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ ނާކާމިޔާބު ވީ ސަބަބާމެދު ވެސް ޖެހޭނީ ވިސްނާލަން ކަމަށެވެ. އަދި މިއީ ރަނގަޅު ކެންޑިޑޭޓުން އިހުތިޔާރު ނުކުރެވިގެން ވީ ކަމެއް ނޫން ކަމަށަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.
"ޕްރައިމަރީ އިން ހޮވާ މީހެއް ގޮވައިގެން އަޅުގަނޑު ނުކުންނަނީ. މިފަހަރު އެހެން ފަހަރުތަކާ އެއްވަރަކަށް ނުއެއް ހިނގޭ. ނެރޭ ކެންޑިޑޭޓަކު ރަނގަޅު ނުވެގެން އަޅުގަނޑު ޒިންމާ ވާކަށް ނުޖެހޭނެ،" ރައީސް ނަޝީދު ވިދާޅުވި އެވެ.