ރައްޔިތުންގެ މަޖިލިސް

މަޖިލީހުގެ ޖަލްސާތައް މިމަހު 18ގައި ފަށަނީ

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ ޖަލްސާތައް މިމަހުގެ 18 ވަނަ ދުވަހު ފެށުމަށް ނިންމައިފި އެވެ.

މަޖިލީހުގެ ތިންވަނަ ދައުރުގެ ޖަލްސާތައް މިމަހުގެ 18ވާ ބުރާސްފަތި ދުވަހު ފެށި ނަމަވެސް ތިންވަނަ ދައުރު ފެށޭނީ މިމަހުގެ 16 ވަނަ ދުވަހު އެވެ.

އަވަސްއިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން މަޖިލީހުގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ހަސަން ޒިޔާއު ވިދާޅުވީ ޖަލްސާތައް ފަށާ ތާރީހު އަދި މެންބަރުންނަށް އަންގާފައި ނުވާ ކަމަށާއި އެޖެންޑާ ވެސް އަދި ތައްޔާރުކޮށްފައި ނުވާ ކަމަށެވެ.

މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރު ނިންމަވާލެއްވުމަށްފަހު މެންބަރުން ޗުއްޓީއަށް ވަޑައިގެންނެވީ މިދިޔަ ޖޫން މަހުގެ 30 ވަނަ ދުވަހު އެވެ.

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމުގެ ގޮތުން ރިޔާސީ ބަޔާން އިއްވުމަށް ބާއްވަންޖެހޭ ޖަލްސާ ބާއްވާފައިވަނީ މިއަހަރުގެ ފެބްރުއަރީ ތިންވަނަ ދުވަހު އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މިމަހު ފެށުމަށް ތައްޔާރުވަމުންދާއިރު މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް އެމްޑީޕީ ވަނީ ވަރަށް ބޮޑަށް ދެބައިވެފަ އެވެ. އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދުކުރައްވާ މެންބަރުން މިހާރު ވެސް މަސައްކަތް ކުރައްވަނީ ދެ ފެކްޝަނެއްގެ ގޮތުގަ އެވެ.

ކުރިއަށް އޮތް ދައުރުގެ ތެރޭގައި ދެ ފެކްޝަންގެ ވާދަވެރިކަން އިތުރަށް ބޮޑުވެ، މަޖިލީހުގައި އެމްޑީޕީގެ މެންބަރުންގެ މެދުގައި ހިނގާ ކޯޅުން އިތުރުވާނެ ކަމަށް ފެނެ އެވެ.

ރައީސް ސޯލިހަށް ތާއީދު ކުރައްވާ މެންބަރުން މިހާރު ވެސް ގެންދަވަނީ މަޖިލީހުގެ ރައީސް ނަޝީދާއި މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ މަގާމުން ވަކިކުރުމުގެ މައްސަލަ ކުރިއަށް އޮތް ދައުރަށް ހުށަހެޅުމަށް މެންބަރުންގެ ސޮއި ހަމަކުރުމުގެ މަސައްކަތް ކުރައްވަމުންނެވެ. ރައީސް ސޯލިހަށް ތާއީދު ކުރައްވާ މެންބަރުން އެ މަސައްކަތް ފެއްޓެވީ އަންހެން ކުއްޖަކާ އެކު ރައީސް ސޯލިހް ބަދުއަހްލާގީ އަމަލު ހިންގަވާ މަންޒަރު ފެންނަ ހަތަރު ފޮޓޯ އެބައޮތް ކަމަށް ވިދާޅުވެ ރައީސް ނަޝީދު، ރައީސް ސޯލިހްގެ އިސްތަށިފުޅުގައި އެޅުއްވި ބޮޑު ތުހުމަތާ ގުޅިގެންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ ޖަލްސާތައް ފަށާއިރު މަޖިލީހުގެ އިތުރު މެންބަރަކު ވަނީ އެމްޑީޕީއަށް ސޮއި ކުރައްވާފަ އެވެ. އެއީ މަޖިލީހުގައި އަމިއްލަ މެންބަރެއްގެ ގޮތުގައި ހުންނެވި ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން އެވެ. ސައުދުގެ ސޮޔާ އެކު މަޖިލީހުގައި ހިމެނޭ އެމްޑީޕީގެ މެންބަރުންގެ އަދަދު ވަނީ 66 އަކަށް އިތުރުވެފަ އެވެ.