ކުންފުންޏެއްގެ ހަރަދުގައި އަޅާ އިމާރާތަކުން އެ ކުންފުނީގެ މުވައްޒަފުންނަށް ފްލެޓް ދެވޭނީ ކްރައިޓީރިއާތަކަށް ފެތޭނަމަ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ ހައުސިން ކެޓަގަރީތަކެއް ކަނޑައަޅާފައިވާ ކަމަށެވެ.
އެގޮތުން ސޯޝަލް ހައުސިން ކެޓަގަރީ އާއި އެފޯޑަބަލް ހައުސިން ކެޓަގަރީ އަދި އަޕާ އިންކަމް ހައުސިން ކެޓަގަރީތައް ވަރަށް ތަފުސީލުކޮށް ކަނޑައަޅާފައިވާ ކަމަށް އަސްލަމް ވިދާޅުވި އެވެ.
"ކުންފުނިތަކުން އިމާރާތްކުރާ. އެއީ އެ ކުންފުނީގެ މުވައްޒަފުންނަށް ކަމުގައި ވިޔަސް އެ ކްރައިޓީރިއާތަކަށް ފެތެންޖެހޭނެ. އަޅުގަނޑު މައްސަލައެއް ނެތް ކުންފުންޏެއްގެ ހަރަދުގައި އަޅާ އިމާރާތެއްގައި އެ ކުންފުނީގެ މުވައްޒަފުންނަށް ބައެއް ހާއްސަ ކުރުމުގެ. އެހެން ނަމަވެސް އެ ކްރައިޓީރިއަށް ފެތެން ޖެހޭނެ،" އަސްލަމް ވިދާޅުވި އެވެ.
އެ ކެޓަގަރީތައް ކަނޑައެޅީ ކޮވިޑްގެ ކުރިން ކަމަށާއި އެކަމުގައި މަޖިލީހުގެ ބައެއް މެންބަރުން ބައިވެރިވެވަޑައިގެންނެވި ކަމަށް އަސްލަމް ވިދާޅުވި އެވެ.
ސަރުކާރުން މިހާރު ކުރިއަށް ގެންދާ ސޯޝަލް ހައުސިން އިއުލާނުކުރީ އެ ކްރައިޓީރިއާތަކާއެކުކަން އަސްލަމް ފާހަގަކުރެއްވި އެވެ.
އަސްލަމް ވިދާޅުވި ގޮތުގައި ސޯޝަލް ހައުސިން ލިބެން ޖެހޭނީ އެ ކެޓެގަރީއަށް ފެތޭ މީހަކަށެވެ. އެއީ ފްލެޓެއް ހުރި މީހަކަށް ވެގެންނުވާނެ ކަމަށްވެސް އަސްލަމް ވިދާޅުވި އެވެ.
އަސްލަމް މިހެން ވިދާޅުވި އިރު އާބަންކޯގެ މުވައްޒަފުންނަށް ހުޅުމާލޭ އިން ފްލެޓްތަކެއް ބަހާލި ކަމަށް ބުނާ މައްސަލައެއް ވަނީ ފެންމަތިވެފަ އެވެ.
"އެޗްޑީސީއަށްވެސް އަޅުގަނޑުމެން ވާނެ އަންގާފަ އޭގައި ހުރި އުސޫލުންނޭ ފްލެޓްތައް ދޭން ޖެހޭނީ،" އަސްލަމް މިއަދު ވިދާޅުވި އެވެ.