ހަބަރު

ގުޅިފަޅުން މާލޭ ރައްޔިތުންނަށް 1200 ގޯތި ދޫކުރަނީ

ގުޅިފަޅު ހިއްކުމަށް ފަހު އެ ތަނުން މާލޭގެ ރައްޔިތުންނަށް 1،200 ބިން ނުވަތަ ގޯތި ދޫކުރަން ސަރުކާރުން ނިންމާފައިވާ ކަމަށް ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ރައްޔިތުންގެ މަޖިލީހުގައި މިއަދު ވިދާޅު ވެއްޖެ އެވެ.

މިނިސްޓަރު އަސްލަމް މިއަދު މަޖިލީހަށް ހާޒިރުވީ ޅ. ނައިފަރު ނަރުދަމާގެ ނިޒާމުގެ މަސައްކަތާ ގުޅޭ ގޮތުން ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ހުށަހެޅުއްވި ސުވާލަކަށް ޖަވާބު ދެއްވުމަށެވެ. މިނިސްޓަރަށް ސުވާލު ކުރުމުގެ ފުރުސަތުގައި މާލޭގެ ދާއިރާތަކުގެ މެންބަރުން ވަނީ މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލައާ ގުޅޭ ސުވާލުތަކެއް ކޮށްފަ އެވެ.

މެންބަރުންގެ އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ، މާލޭގެ ރައްޔިތުންގެ ތެރޭގައި ބޯހިޔާވަހި ކަމަށް ބޭނުންވެފައި ތިބި ކަމަށް ބެލެވޭ ގާތްގަނޑަކަށް 5،000 އާއިލާ އުޅޭނެ ކަމަށެވެ. ގުޅިފަޅުގައި ހިއްކާ ބިމުގެ ސަރަހައްދުން 1،200 ބިން މާލޭ ރައްޔިތުންނަށް ދޫކޮށްލުމުން ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ލިބޭނެ ކަމަށެވެ.

"އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ ގުޅީފަޅު ހިއްކުމުން 1،200 ބިންކޮޅު ދޫކޮށްލުމަށް މާލޭގެ ރައްޔިތުންނަށް. މާލޭގެ ރައްޔިތުންގެ ތެރެއިން 5،000 އެތައް އާއިލާއެއް އެ އެބަ އުޅޭ ހާލުގައި ދިރިއުޅެމުންގެންދާ." އަސްލަމް ވިދާޅުވި އެވެ.

މީގެ އިތުރުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ކުރީގެ ސަރުކާރުން އަޅާފައިވާ ހިޔާ މަޝްރޫއުގެ ފްލެޓްތައް ލިބޭނެ ފަރާތްތައް އަންނަ މަހުގެ ތެރޭގައި އިއުލާން ކުރަން ފެށިގެން ދާނެ ކަމަށް އަސްލަމް ވިދާޅުވި އެވެ. އެ މަޝްރޫއުން ފްލެޓް ދޫކުރަން ހަމަޖެހިފައި އޮތީ މާލޭގައި އުޅޭ މީހުނަށް ކަމަށް ވިޔަސް އެހެެން ބައެއް މީހުނަށް ދޫކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

"ހިޔާ މަޝްރޫއުގެ ތެރޭގައި ވަންނަނީ ވަކި ޓާގެޓް ޕޮޕިއުލޭޝަން އަށް ނުވާތީ އެއަށް އެހެން މީހުން ވެއްދުމަށް ޕްލޭން ކުރެވިފައިވޭ. މާލޭގައި ދިރިއުޅޭ ރައްޔިތުން ނޫން އެހެން ރައްޔިތުން،" އަސްލަމް ވިދާޅުވި އެވެ.

މީގެ ކުރިން ނޫސްވެރިންނާ ބައްދަލު ކުރައްވައި ވާހަކަ ދައްކަވަމުން ވެސް މިނިސްޓަރު އަސްލަމް ވިދާޅުވެފައި ވަނީ، ބޯހިޔާވަހި ކަމުގެ މައްސަލަ އެންމެ ބޮޑަށް ދިމާވެފައި އޮތީ މާލެ ސަރަހައްދަށް ކަމަށާއި އެ ކަމަށް އިސްކަން ދީގެން ގެދޮރުވެރި ކުރުމުގެ މަޝްރޫއުތަކެއް ކުރިއަށް ގެންދާނެ ކަމަށެވެ.