ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން އަރަބިއްޔާ އަދި ގާކޮށިން ފްލެޓް ދޭނެކަމުގެ ލިޔުން ލިބިފައިވާ ކަމަށް ނަމަވެސް މިހާރު ލިއުންތައް ގެއްލިފައިވާ ކަމަށް ބުނެ ވަރަށް ގިނަ މީހުންގެ ފަރާތުން މިނިސްޓްރީއަށް ޝަކުވާ ލިބެމުންދާ ކަމަށާއި ލިއުން ނެތް ނަމަ ފްލެޓް ދޫކުރެވެން ނެތް ކަމަށް ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
ޅ. ނައިފަރުގެ ނަރުދަމާގެ ނިޒާމުގެ މަސައްކަތާ ގުޅޭ ގޮތުން ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ހުށަހެޅުއްވި ސުވާލަށް ޖަވާބު ދެއްވުމުގެ ގޮތުން މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މިނިސްޓަރު އަސްލަމް ހާޒިރުވެ އިންނެވި އެވެ. މިނިސްޓަށް ސުވާލު ކުރުމުގެ އިތުރު ފުރުސަތުގެ ތެރެއިން މާލޭގެ ދާއިރާތަކުގެ މެންބަރުން ވަނީ ވެށިފަހި މާލެ ޕްރޮގްރާމްގެ މަޝްރޫއުގައި ލިއުން ހަވާލުކުރި ފަރާތްތަކަށް ގެދޮރު ދެވޭނެ ވަގުތާ ގުޅޭ ގޮތުން ސުވާލު ކުރައްވައިފަ އެވެ.
މެންބަރުންގެ އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަސްލަމް ފުރަތަމަ ވިދާޅުވީ، ވެށިފަހި ޕްރޮގްރާމްގެ ލިއެކިއުން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމުން ބައެއް ފަރާތުން ލިއެކިއުންތައް ހުށަހަޅާފައިވާ ކަމަށެވެ. އެ ގޮތަށް ހުށަހެޅޭ ލިއެކިއުންތައް ވެރިފައި ކުރުމަށްފަހު އެއްބަސްވެފައިވާ ގޮތަށް ފްލެޓް ނުވަތަ ގެދޮރު ހަމަޖައްސައިދޭނެ ކަމަށެވެ.
"ފްލެޓަށް ހަމަޖައްސަން އޮންނަ ނަމަ އެ ގޮތަށް ހަމަޖައްސައިދޭނަން. އޭގައި ކަނޑައެޅިފައިވާ އޮތް ގޮތަކަށް ކޮށްދޭނަން. ވެށިފަހި މާލެ ޕްރޮގްރާމްގައި ވެފައިވާ އެއްބަސްވުމަށް އޮނާ ކުރާނަން. ލިއެކިއުން ހުށަހެޅުން އެ ލިއެކިއުން ވެރިކޮށް އެ ކަން ކުރާނަން،" މިނިސްޓަރު އަސްލަމް ވިދާޅުވި އެވެ.
އެހެން ނަމަވެސް ސަރުކާރުން ދީފައިވާ ލިއުން ގެއްލިގެން ވަރަށް ގިނަ ފަރާތްތަކުން މިނިސްޓްރީއާ ހަމައަށް އައިސްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ސަރުކާރުގައި އެ މަޝްރޫއުގެ އެއްވެސް ލިއެކިއުމެއް ނެތް ކަމަށް ވިދާޅުވި އެވެ. އެހެންކަމުން، ލިއުން ގެއްލުނު ކަމުގެ ޝަކުވާ ކުރާ ފަރާތްތަކަށް އެކަން ހަމަނުޖެހޭނެ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑަށް އެބަ އާދެއޭ ލިއުން ގެއްލިއްޖެ ކަމަށް ބުނެ ވަރަށް ގިނަ މީހުން. އަޅުގަނޑު އެއް ގޮތަކަށް ވެސް މި ބުނަނީ އަޅުގަނޑާ ހަމައަށް ޝަކުވާ ކުރާ މީހުން ދޮގު ހަދަނީއެއް ނޫން. މިއީ ދައުލަތުގެ މައްސަލައެއް މިއީ. ސަރުކާރުގައި އެ ލިއެކިއުންތައް ފެންނަން ނެތުމުން،" މިނިސްޓަރު އަސްލަމް ވިދާޅުވި އެވެ.
މިނިސްޓަރު އަސްލަމް އެހެން ވިދާޅުވުމުން އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާގެ މެންބަރު ޝިޔާމް ނިޒާމީ ނުކުތާއެއް ނެންގެވި އެވެ. ވިދާޅުވީ ސަރުކާރުގައި އޮންނަ ލިއެކިއުންތަކެއް ކޮންމެ ވެސް ފަރާތަކުން "ވަގަށް" ނެގި ކަމަށް މައުލޫމާތު ލިބުމުން، އެއީ ބަލައި ތަހުގީގު ކުރަން ޖެހޭ މައްސަލައެއް ކަމަށެވެ.
ޝިޔާމްގެ އެ ވާހަކައާ ގުޅިގެން މިނިސްޓަރު އަސްލަމް ވިދާޅުވީ އެ ކަމަކީ ބަޔަކު ގަސްދުގައި ނުވަތަ އޮޅިގެން ކުރި ކަމެއް ކަމަށް އޭނާ ވިދާޅުނުވާ ކަމަށާއި އެއީ ބަލަން ޖެހޭ ކަންކަން ކަމަށެވެ. ނަމަވެސް އެއް ސަރުކާރު ބަދަލުވެ އަނެއް ސަރުކާރު އަންނައިރު ދައުލަތުގައި ހުންނަން ޖެހޭ ލިއެކިއުންތައް ނެތުމަކީ ދިމާވާ ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ.
"އަޅުގަނޑު ނުދަންނަން ވަކި މީހަކު ވަކި ކަމެއް ކުރި ކަމެއްގެ ވާހަކަ. އޮޅިގެން ކަމެއް ވީ ކަމެއް ނުވަތަ ބަޔަކު ގަސްދުގައި ކުރި ކަމެކޭ ވެސްް ނުދަންނަވަން. މެންބަރު ވިދާޅުވި ފަދަ ކަމެއް ހިނގައިފިނަމަ އެ ކަމެއް ބަލަން ވާނެ. ދައުލަތުގެ ލިއެކިއުންތައް ގެއްލިގެން ދިއުމަކީ ބޮޑު މައްސަލައެއް." އަސްލަމް ވިދާޅުވި އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ ފެށި ވެށިފަހި މާލެ ޕްރޮގްރާމް ހުޅުވާލީ ކުދި ބިންތަކުގައި ދިރިއުޅޭ މާލޭގެ ރަށްވެހިންނާއި ބިން ނުވަތަ ދިރިއުޅޭނެ އަމިއްލަ ތަނެއް ނެތް މާލެއަށް އުފަން ރަށްވެހީގެ އިތުރުން މާލެ މުނިސިޕަލްޓީގެ ދަފުތަރުގައި ރަޖިސްޓްރީވެފައި ތިބި މީހުނަށެވެ. އޭގެ ތެރެއިން ފްލެޓް ލިބުނީ ބައެއް މީހުނަށެވެ.
އޭގެ ފަހުން ގާތްގަނޑަކަށް 10 އަހަރު ވެގެން ދިޔައިރު އަދިވެސް ފްލެޓް ނުލިބޭ ފަރާތްތައް އެބަ އުޅެ އެވެ. އޭގެ ތެރެއިން ބައެއް މީހުން ދިރިއުޅެމުން ދަނީ ކުލި ދައްކައިގެން ކުދިކުދި ތަންތަނުގައި ވަރަށް ހާލުގަ އެވެ. އެ ފަރާތްތަކަށް ގޮތެއް ހޯދައި ދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުފުޅެކެވެ.
ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން ފްލެޓާއި ގޯތި ނުލިބުނު ފަރާތްތަކުން އައިޑީ ކާޑު ކޮޕީގެ އިތުރުން ފްލެޓް ދޭނެ ކަމަށް އެއްބަސްވެ ސަރުކާރުން ދީފައިވާ ލިޔެކިޔުންތަކާއި، ދޫކޮށްލަން އެއްބަސްވި ގޭގެ ރަޖިސްޓްރީގެ ކޮޕީއެއް ހުށަހަޅަން ހައުސިން މިނިސްޓްރީން މި މަހު ވެސް އަންގާފައިވެ އެވެ.