ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް މީހުން ބަދަލުކުރުމުގެ ވިސްނުމެއް ނެތް ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
އަސްލަމް އެފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މިއަދު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ނެެވެ.
ޖާބިރު އެއްސެވީ ހަރަދުތައް ކުޑަކޮށް އިންފްރާސްޓްރަކްޗާ ގާުއިމުކުރުމަށްޓަކައި ރާއްޖޭގެ އާބާދީ އެއްފަސްކުރުމުގެ ސިޔާސަތުތަކަކީ ކޮބައިތޯ އެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ އެއް ރަށުގައި ތިބި މީހުން އަނެއް ރަށަށް ބަދަލުުކޮށް އެމީހަކު ވިހާ ބޮޑުވި ތަނުން އެމީހާ ގެންގޮސް އެހެން ތަނަކަށް ލުމުގެ ވިސްނުމެއް އޭނާގެ ނެތް ކަމަށެވެ. އަދި ސަރުކާރުގެ ވިސްނުންވެސް ހުރީ ހުޅުވާލައި ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ޓްރާންސްޕޯޓް ލިންކްއެއް ގާއިމުކުރުން ކަމަށެވެ.
"އެއީ ޕޮޕިއުލޭޝަން ކޮންސޮލިޑޭޓްކުރަން ސަރުކާރުގެ ވިސްނުންހުރި ގޮތަކީ. ޕަބްލިކް ޓްރާންސްޕޯޓް ފެރީ ނިޒާމެއްގެ ތެރެއިން ލާފަ. ތަންކޮޅެއް ކުރީގައި ގެންގުޅުނު ވިސްނުމެއް ކުދި އާބާދީތަކުގެ މީހުން ބޮޑެތި ރަށްރަށަށްލާ މަސައްކަތް ކުރުން. އެހެން ނަމަވެސް އަޅުގަނޑުމެންގެ ވިސްނުމެއް ނޫން އެއީ. އެ ވިސްނުމާއިގެން ކުރިއަކަށް ނުވެސް ގެންދަން." އަސްލަމް ވިދާޅުވި އެވެ.
އަސްލަމް އިތުރަށް ވިދާޅުވީ ޕަބްލިކް އިންފްރާ ސްޓްރަކްޗާ މިހާރު ހުރިހާ ރަށެއްގައިވެސް ގާއިމުކުރެވިފައިވާ ކަމަށާއި އަދި ފެނާއި ނަރުދަމާގެ ނިޒާމްވެސް ގިނަ ރަށްރަށުގައި ގާއިމުކުރަމުންދާ އިރު މީހުން ރަށްރަށުން ބޭލުމުގެ ބޭނުމެއް ނެތް ކަަމަށެވެ.
"ބައެއް ކުދިކުދި ރަށްރަކީ ސަރުކާރުގެ ސިޔާސަތަށް އަންނަ ބަދަލާއެކު އެރަށުގެ އިގްތިސޯދު ވަރަށް ބޮޑަށް ފުޅާ ވެގެންދާ ތަންތަން އަސްލު. މީގެ ދުވަސްތަކެއް ކުރީގަ އުކުޅަހަކީ އެއްވެސް ރަށެއް ނޫން. މިއަދު އުކުޅަހަކީ ބޮޑު އިގްތިސޯދެއް އޮތް ރަށެއް، މާފުއްޓަކީ މާ މުހިއްމު ރަށެއް ނޫން މިއަދު ވަރަށް ބޮޑު އިގްތިސޯދެއް އޮތް ރަށެއް. މާދަމާ ރަކީދޫ ވެދާނެ ވަރަށް ބޮޑު އިގްތިސޯދެއް އޮތް 50 މީހުންގެ އާބާދީގެ ރަށަކަށް އެހެންވީމާ އެއްރަށުން އަނެއް ރަށަށް މީހުން ބޭލުމަކީ އަޅުގަނޑު ގަބޫލުކުރަނީ އެމީހުންގެ މުސްތަގުބަލުގައި ހުރި ކަންކަން މަރާލުން. އަޅުގަނޑު ގަބޫލުކުރަނީ އިންސާނުންނަކީ ގަސްގަހާގެހި ކަހަލަ އެއްޗެއް ނޫން އުފުރައިފަ ގެންގޮސް އެހެންތަނުގައި އިންދާކަށް،" އަސްލަމް ވިދާޅުވި އެވެ.