ބޯހިޔާވަހިކަން

"އަތޮޅު ތެރޭގައިވެސް ހައުސިން މަޝްރޫއުތައް ހިންގޭނީ ވިޔަފާރި އުސޫލަށް"

Feb 17, 2021
2

ވެރިރަށް މާލެއެކޭ އެއް ފަދައިން އަތޮޅު ތެރޭގައި ވެސް ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގޭނީ ބިންތައް ދިގު މުއްދަތަކަށް ކުއްޔަށްދީފގެން ވިޔަފާރި އުސޫލުންކަމަށް ހައުސިން އަދި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ވައުދުގެ ދަށުން ރަށްރަށުގައި ހުރި އަމިއްލަ ގޯތީގައި ހައުސިން ޔުނިޓް އިމާރާތް ކުރުމަށް މީގެ ދެ އަހަރު ކުރިން ނިންމާފައިވާ ނިންމުމާގުޅޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން އަސްލަމް މިއަދު މަޖިލީހުގައި ވިދާޅުވީ 25 ރަށަކުން 99 އަހަރަށް ބިން ކުއްޔަށްދިނުމަށް ޓަކައި އެކަން މަޖިލީހުގެ ކޮމިޓީއަކަށް ހުށަހަޅުއްވާފައިވާ ކަމަށާއި، އެކަމުން 1.3 ބިލިޔަން ރުފިޔާ ލިބޭނެ ކަމަށް އަަންދާޒާ ކުރެވޭ ކަމަށެވެ.

"ސަރުކާރުގެ ވިސްނުމަކީ، ކައުންސިލްތަކުން އެ ރަށެއްގެ ބިން ވިއްކައިގެން ލިބޭ ލާރިން، އެ ލާރި އެއީ ސީޑް މަނީގެ ގޮތުގައި ބޭނުން ކޮށްްގެން، ބޭންކަކަށް ލޯނަަކަށް ދާން ވިޔަސް އިކުއިޓީގެ ގޮތުގައި ބޭނުންކުރެވޭނޭ،" އަސްލަމް ވިދާޅުވި އެވެ.

އިތުރަށް ވިދާޅުވީ އެ ވިސްނުމުގެ ދަށުން މަޝްރޫއުތައް ހިންގާނީ ރަށުކައުންސިލާއި ބޭންކާއި ގޯތީގެ ވެރިފަރާތް ވެސް ބައިވެރިވެގެންނެވެ.

ނަމަވެސް، ކޮންމެ ރަށެއްގައި ވިޔަފާރި އުސޫލުން ހައުސިން މަަޝްރޫއުތައް ނުހިންގިދާނެކަމަށް ގަބޫލުކުރެވޭތީ، އެފަދަ ހާލަތެއް ކުރިމަތިވާ ރަށްރަށުގައި ސަރުކާރުގެ ދައުރު ފުޅާކުރެވޭނެ ކަމަށެވެ.

ހައުސިން އަކީ މާކެޓްގައި އަގު ހުރި ޕްރޮޑަކްޓެއް ކަމަށާއި އެކަން ހިންގޭނީ ހަމަ ވިޔަފާރި އުސޫލުން ކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވި އެވެ.

"ސަރުކާރަށް ލޯނު ނަގާފައި ގެދޮރު އަޅާފައި އެ އަޅަން ދިޔަ ހަރަދު ނުލިބޭނެ ގޮތަކަށް އެކަން ކުރާ ކަމަށް ވަންޏާ އެއީ ރާއްޖޭގައި އަޅުގަނޑުމެންނަކަށް ސަސްޓެއިންކުރެވޭ ކަހަލަ ސްކީމަކަށް ނުވާނެ،" އަސްލަމް ވިދާޅުވި އެވެ.