ހަބަރު

ޕްލާސްޓިކާ ގުޅޭ ދިރާސާއަށް ރައްދު ދޭން އެދިއްޖެ

Aug 19, 2020

މުޅި ދުނިޔޭގައި ވެސް މައިކްރޯ ޕްލާސްޓިކް އެންމެ ގިނައީ ރާއްޖޭގެ ކަނޑުތަކުގައި ކަމަށް ބުނެ ބޭރުގެ ސައިންސްވެރިންތަކެއް އާއްމުކުރި ދިރާސާއާ ގުޅިގެން، މިއަދު ރައްޔިތުންގެ މަޖިލީހުގައި ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އޮސްޓްރޭލިއާގެ ފްލިންޑާސް ޔުނިވަސީޓިގެ ސައިންސްވެރިން ވަނީ ޅ. ނައިފަރު ވަށައިގެން، ތަފާތު 22 ތަނަކުން ވެލި ނަގައިގެން، ޕްލާސްޓިކް ހުރި މިންވަރު ބަލައިފަ އެވެ.

އެ ދިރާސާގައި އިސްކޮށް ހަރަކާތްތެރިވި ޓޯބީ ޕަޓީ ބުނެފައި ވަނީ، ނައިފަރުން ނެގި ސާމްޕަލްތަކުގައި މުޅި ދުނިޔެއާ އަޅާބަލާއިރު، މައިކްރޯ ޕްލާސްޓިކް ހުރި މިންވަރު ވަރަށް ގިނަ ކަމަށެވެ.

"ނައިފަރުގައި މައިކްރޯ ޕްލާސްޓިކް ހުރީ -- ކިލޯއެއްގައި 1127.5-55 މައިކްރޯ ޕްލާސްޓިކް -- ބައިބޯ އިންޑިއާގެ ޓެމިލް ނާޑޫ -- ކިލޯއެއްގައި 611-3 މައިކްރޯ ޕްލާސްޓިކް -- އަށް ވުރެ ވެސް އިތުރަށް. އަދި ރާއްޖޭގެ އެހެން ހިސާބުތަކުން ނެގި ސާމްޕަލްތަކުގައި ހުރި މިންވަރަށް ވުރެ ވެސް ނައިފަރުގައި ގިނަ،" ޓޯބީ ބުނެފައިވެ އެވެ.

މައިކްރޯ ޕްލާސްޓިކްގެ ގޮތުގައި ސައިންސްވެރިން ބަލަނީ ފަސް މިލިމީޓަރަށް ވުރެ ބޮޑު ނޫން، ޕާލްސްޓިކް ކުނީގެ ގޮތުގައި ކަނޑުތަކަށް ދޫވެފައި ހުންނަ ތަކެއްޗެވެ. އެގޮތުން، ޕްލާސްޓިކް ފުޅިއާއި، ފޮތި ފަދަ ތަކެތި ކަނޑަށް ދޫވުމުގެ ސަބަބުން، ގިނަ އަހަރުތަކަށްފަހު މައިކްރޯ ޕްލާސްޓިކްގެ ގޮތުގައި ދައުރުވާކަމަށް ސައިންސްވެރިން ވަނީ ބުނެފަ އެވެ.

އަދި އޭގެ ސަބަބުން ހާއްސަކޮށް ފަރުތަކުގެ އިތުރުން، މަސް މަހާ މެއްސަށް އެތަކެތި ކެވިގެން، އޭގެ ނުރައްކާ ފަހުން އިންސާނުންނާ ހަމައަށްވެސް ވާރުތަކުރާކަމަށް ގިނަ ދިރާސާތަކެއްގައި ބުނެފައިވެ އެވެ.

ސަރުކާރުން ކުރިއަށް ގެންދާ ބައެއް މަޝްރޫއުތަކާ ގުޅޭގޮތުން، ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒްގެ އިތުރުން ފެލިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަޒުލް ރަޝީދު ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަން އެންވަޔަރަމަންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން މިއަދު މަޖިލީހަށް ހާޒިރުވެވަޑައިގެންފައިވާއިރު، އިތުރު ސުވާލުކުރަން މެންބަރުންނަށް ދެއްވި ފުރުސަތުގެ ތެރެއިން، އެ ދިރާސާއާ ގުޅޭ ކަންބޮޑުވުންތައް ވަނީ ފާޅު ކުރައްވައިފަ އެވެ.

އެގޮތުން، ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވީ އެ ދިރާސާއިން ނައިފަރުގެ އިތުރުން މުޅި ރާއްޖެއާ މެދު ނުބައި ތަސައްވުރެއް އުފެދޭ ކަމަށެވެ.

އަދި ވަކި ސަރަހައްދެއްގެ ސާމްޕަލް ނަގައިގެން އޭގެ ނަތީޖާ މުޅި ރާއްޖެއަށް ނިސްބަތް ކުރުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް ޝިޔާމް ފާހަގަ ކުރެއްވި އެވެ. އަދި އެކަމަށް ބައިނަލްއަގުވާމީ ގޮތުން ރައްދު ދޭންޖެހޭކަމަށްވެސް ޝިޔާމް ވިދާޅުވި އެވެ.

އެކަމާ ގުޅިގެން، މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވައި، އެ ދިރާސާގެ ނަތީޖާ އާ މެދު ސުވާލު އުފައްދަވައިފަ އެވެ.

އެކަމަށް ޖަވާބު ދެއްވަމުން، ޑރ. ހުސެއިން ވިދާޅުވީ ސެލެކްޓިވް ސާމްޕަލެއްގެ ދަށުން އާއްމުކޮށްފައިވާ އެ ދިރާސާއިން މުޅި މަންޒަރު ސާފުނުވާނެ ކަމަށާއި، އެހެންކަމުން އެކަމުގެ ކަންބޮޑުވުން އެންވަޔަރަމަންޓް މިނިސްޓްރީން ވެސް ހިއްސާކުރާ ކަމަށެވެ.

ނަމަވެސް، އެފަދަ ދިރާސާއެއްގެ ނަތީޖާ ދިފާއުކުރުމުގެ ކުރިން ބަލަންޖެހޭ ކަންތައްތަކެއް ހުންނާނެކަމަށާއި، އެކަމާ ގުޅޭގޮތުން ދިރާސާކުރި ފަރާތައް ލިއުއްވާނެ ކަމަށެވެ.

މިނިސްޓަރުގެ ވާހަކަފުޅަށް ރައްދު ދެއްވަމުން ނަޝީދު ވިދާޅުވީ، ދިރާސާ ކުރި ފަރާތަށް ލިއުއްވާއިރު، މިނިސްޓްރީގެ އަމިއްލަ ދިރާސާއަކާއެކު އެކަން ކުރައްވާނެކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

އަދި އެގޮތަށް ވަކި ސަރަހައްދަކުން ސާމްޕަލް ނަގައިގެން ދިރާސާ ކުރުމުގެ އުސޫލެއް އޮންނާނެ ކަމަށާއި، އެ އުސޫލު އަނެއްކާވެސް އާއްމުކުރެއްވުމަށް މިނިސްޓަރުގެ އަރިހުން ނަޝީދު ވަނީ އެދިވަޑައިގެންފަ އެވެ.