ރާއްޖޭގެ ގިނަ ރަށްތަކެއް ގިރަމުންދާ މައްސަލައާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އެންވަޔަމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމެޓީގެ ކުއްލި ބައްދަލްވުމެއް ބޭއްވުމަށް ނިންމައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު ބުނީ އާންމުންނަށް ހުޅުވާލައިގެން ބާއްވާ މި ބައްދަލްވުމުން އޮންނާނީ މާދަމާ ހެނދުނު 11:00 ގައި މަޖިލީހުގެ އިދާރާގައި ކަމަށެވެ.
ރާއްޖޭގެ ގިނަ ރަށްތަކަކަށް ރަށްގިރުމުގެ މައްސަލަ ދިމާވެފައިވާއިރު މިއަހަރު ބައެއް ރަށްރަށަށް އެ މައްސަލަ ވަރަށް ބޮޑަށް ވަނީ ކުރިމަތިވެފައެވެ. ހާއްސަކޮށް ބ އަތޮޅާއި، ރ އަތޮޅުގެ ބައެއް ރަށްރަށުން ބޮޑު ބައެއް މި މޫސުމުގައި ގިރާލާފައިވެއެވެ.
މިނިސްޓަރު ޑރ ހުސައިން ރަޝީދު ވިދާޅުވި އެހެން އަހަރުތަކާއި ހިލާފަށް މިއަހަރުގެ އިރުވައިގައި ރާއްޖޭގެ ރަށްތައް ގިރުމުގެ މައްސަލަ ބޮޑު ކަމަށެވެ. އަދި އެ މައްސަލަ ދިމާވަނީ ކީއްވެގެންތޯ ބަލާ ފިޔަވަޅު އަޅުއްވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވަނީ ރަށްގިރުން ބޮޑު ރަށްރަށައް ކުރައްވާ ދަތުރުފުޅެއްވެސް ފައްޓަވާފައެވެ. އެގޮތުން ހއ. ހދ އަދި ށ ގެ ބައެއް ރަށްރަށައް ވަނީ ވަޑައިގެންފައެވެ. އަދި ރ އަތޮޅާއި ބ އަތޮޅަށްވެސް ވަރަށް އަވަހަށް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވިއެވެ.