އީޕީއޭ

ފައިސާ ހޯދުމަށް ކުރަންޖެހެނީ ހަނގުރާމަ: އީޕީއޭ

ތިމާވެއްޓަށް ދޭ ގެއްލުމުގެ ސަބަބުން ކުރާ ޖޫރިމަނާގެ ފައިސާ ހޯދުމަށް އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ކޮންމެ ފަހަރަކުވެސް ކުރަންޖެހެނީ ހަނގުރާމަކަމަށް އީޕީއޭގެ ޑިރެކްޓާ ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވެއްޖެ އެވެ.

ނައީމް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ތިމާވެއްޓާއި މޫސުމީ ބަދަލުތަކާ ބެހޭ ކޮމިޓީގައި މިއަދު ވާހަކަދައްކަވަމުންނެވެ.

ކޮމިޓީގެ ބައްދަލުވުމުގައި ނައީމް ވިދާޅުވީ ފަރުތަކަށް ލިބޭ ގެއްލުމުގެ ސަބަބުން ކުރާ ޖޫރިމަނާގެ ފައިސާ ހޯދުމަށް ކޯޓަށް ދިއުމުގެ ބާރު އީޕީއޭއަށް ލިބިފައިނުވާ ކަމަށާއި އޭގެ ސަބަބުން ފައިސާ ހޯދުން ދިގުލައިގެންދާ ކަަމަށެވެ.

އީޕީއޭއަށް މިނިވަންކަން އޮންނަނީ ބައެއް މީހުން ހީކުރާ ވަރަށް ވުރެ މާބޮޑަށްވެސް ހަނިކޮށް ކަމަށް ފާހަގަކުރައްވާ ނައީމް ވިދާޅުވީ ފައިސާ ހޯދުމުގެ މައްސަލަތައް ކޯޓަށް ހުށަހެޅުމަށް ބަންޑާރަނައިބުގެ އޮފީހަށް ފޮނުވުމުން އެ އޮފީހުގައިވެސް ގިނަ ދުވަސްތަކަކު މައްސަލަ ތާށިވެފައި އޮންނަ ކަމަށެވެ.

"އެބަހުރި ކޯޓަށް ދިއުމުގެ ކުރިން މިނިސްޓަރާ ހަމައިން އެޕީލްކޮށް، އެ ހިސާބުގައި މަޑުޖެހިފައިވެސް،" ނައީމު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފަރުތަކަށް ލިބޭ ގެއްލުމަށް ޖޫރިމަނާ ކުރުމުގައި ފަރަށް ލިބޭ ގެއްލުން ބެލުމަށް އުޅަނދުތައް ނަގަން ޖެހޭ ކަމަށާއި، ނަމަވެސް އެ އުޅަނދުތައް ނުނެގުމުގެ ސަބަބުން ފަރަށް ލިބިފައި ހުންނަ ގެއްލުން ބެލުމަށްވެސް އެތައް ދުވަހެއް ހޭދަވާ ކަމަށެވެ.

"އެއީ ޖޫރިމަނާ ކުރުމުގައި ދިމާވާ ގޮންޖެހުމެއް. އަދި ފައިސާ ހޯދުމަށްވެސް ދަތިވާ ކަމެއް،" ނައީމު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބޭރުގެ އުޅަނދެއް ރާއްޖޭގެ ފަރަކަށް އަރައިފިނަމަ ޖޫރިމަނާ ކުރާ ފަރާތްތަކުގެ އޭޖެންޓް ބަދަލުވުމާއި އުޅަނދު ވިއްކާލުމުން އެ އުޅަނދެއްގެ ވެރިމީހާ ބަދަލުވުމަކީވެސް ފައިސާ ހޯދުމަށް ދިމާވާ ވަރަށް ބޮޑު ދައްޗެއް ކަމަށެވެ. އަދި ބޭރުގެ އުޅަނދުތައް ފަރަށް އެރުމުން ޖޫރިމަނާ ކުރާއިރު އެ އުޅަނދެއްގެ ބޭރުގެ ކޮންސަލްޓަންޓުން އެ ހިސާބުތައް ސާވޭ ކުރަންޖެހޭ ފަހަރުވެސް އަންނަ ކަމަށާއި އެހެން ދިމާވަނީ ރާއްޖޭގައި އެފަދަ މަސައްކަތް ކުރާ ތަޖުރިބާކާރު ބޭފުޅުން މަދުވުމުން ކަމުގައިވެސް ވިދާޅުވި އެވެ.

ނައީމު ވިދާޅުވީ އީޕީއޭއަށް ބޭނުންވާ ވަރަށް ދައުލަތުންވެސް ބަޖެޓު ނުދޭ ކަމަށެވެ. އެގޮތުން ފަރަށް އުޅަނދުތައް އެރުމުން އެ ހިސާބަށް ދަތުރު ކުރުމަށް ހަރަދު ކުރަންޖެހޭ ވަރަށްވެސް އެ އިދާރާގެ ބަޖެޓުގައި ފައިސާ ނުހުންނަ ކަމުގައި ވިދާޅުވި އެވެ.

ފަރަށް ދޭ ގެއްލުމުގެ ސަބަބުން ކުރާ ޖޫރިމަނާ ފައިސާގެ ތެރެއިން އީޕީއަށް މިހާތަނަށް ލިބިފައިވަނީ 53 މިލިއަން ރުފިޔާ ކަމަށްވެސް ނައީމު ވިދާޅުވި އެވެ. ނަމަވެސް ޖޫރިމަނާގެ އަދަދު 300 މިލިއަން ރުފިޔާއަށް ވުރެ އިތުރުވާނެ ކަމަށްވެސް ވިދާޅުވި އެވެ.