ވ. އަންބަރާގެ ތިމާވެއްޓަށް ގެއްލުން ލިބޭ ކަންކަން ކޮށްފައި ހުރި ނަމަވެސް އެ ގެއްލުންތަކަށް އެ ރަށުގައި ރިސޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކުންފުނިން ޒިންމާވާން ނުޖެހޭނެ ކަމަށް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) ނިންމި ނިންމުމާމެދު ހިތްހަމަނުޖެހި ވ. އަތޮޅު ކައުންސިލުން އެ މައްސަލަ ރައީސް އޮފީހަށް ހުށަހަޅައިފި އެވެ.
އަންބަރާގައި ރިސޯޓު ތަރައްގީކުރަމުން އަންނަ ކުންފުނިން އެ ރަށުގެ ވެއްޓަށް ގެއްލުން ދެމުންދާ ކަމަށް ބުނެ ވ. ތިނަދޫ ކައުންސިލުން އީޕީއޭއަށް ހުށަހެޅި ޝަކުވާގެ ޖަވާބުގައި އެ އޭޖެންސީން ފޮނުވި ސިޓީގައި ބުނެފައިވަނީ، އެ ރަށުގައި އީއައިއޭއާއި ހިލާފަށް ބައެއް ކޮށްފައިވާކަން އީޕީއޭއިން އަންބަރާއަށް ކުރި އިންސްޕެކްޝަން ދަތުރުން ފާހަގަކުރެވިފައިވާ ކަމަށެވެ.
ނަމަވެސް އެ މައްސަލައާއި ގުޅިގެން އެއްކުރެވުނު މައުލޫމާތުތަކުންނާއި އެ އޭޖެންސީން އިތުރަށް ބެލި ބެލުންތަކުން އަންބަރާގެ ވެއްޓަށް ލިބިފައިވާ ގެއްލުންތަކަކީ އެ ރަށުގައި ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރުމުގެ މަޝްރޫއު ހިންގަމުން އަންނަ ފަރާތުން ކޮށްފައިވާ ކަންތައްތަކެއް ނޫންކަން ސާބިތުވެފައިވާ ކަމަށް އީޕީއޭ އިން ވަނީ ބުނެފަ އެވެ.
އީޕީއޭގެ ނިންމުމަކީ ތިމާވެށި ހިމާޔަތްކުރުމުގެ ގާނޫނާއި ގަވާއިދުތަކާ ހިލާފު ނިންމުމެއް ކަމަށް ބުނެ ވ. އަތޮޅު ކައުންސިލުން ވަނީ އެ މައްސަލަ ރައީސް އޮފީހުގެ އިތުރުން ރައްޔިތުންގެ މަޖިލީހާއި އެންވަޔަރަމަންޓް މިނިސްޓްރީއަށް ހުށަހަޅާފަ އެވެ.
ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި އަންބަރާ މިހާރު ތަރައްގީ ކުރަމުން ގެންދަނީ ހަނދުވަރު އޯޝަން ޕްރައިވެޓް ލިމިޓެޑް ކުންފުނިންނެވެ.
އަންބާރާ އޯޝަން ޕްރައިވެޓް ލިމިޓެޑާއި ހަވާލުކުރުމާއި ގުޅިގެން މީގެ ކުރިން ވ. އަތޮޅު ކައުންސިލްގެ ރައީސް ޝުޖާއު އަލީ އަވަސް އަށް ވިދާޅުވީ، އަންބަރާއަކީ 2004 އިން 2016 އަށް ޕިކްނިކް އައިލެންޑެއްގެ ގޮތުގައި އޮތް ރަށެއް ކަމަށާ، އެ ރަށަކީ އަތޮޅުގެ އެތެރެވަރީގައި އޮތް އެންމެ ރީތި އެއް ރަށް ކަމަށެވެ. އެހެންވެ އެ ރަށުގައި ރިސޯޓެއް ހަދައި ރަށުގެ ތިމާވެށި ބަދަލުކޮށް، ހަލާކުކޮށް، ފަނާކޮށްލަން އެ އަތޮޅުގެ ރައްޔިތުން ބޭނުން ނުވާ ކަމަށެވެ.
ވ. އަތޮޅުގައި ފަޅުރަށާއެކު ޖުމްލަ 19 ރަށް އޮންނަ އިރު، މީހުން ދިރިއުޅެނީ ފަސް ރަށުގަ އެވެ. އަދި މި އަތޮޅުގައި ހަތަރު ރިސޯޓެއް މިހާރު ހިންގާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކަ އެވެ. މި އަތޮޅުގެ ގެސްޓްހައުސްތަކުގައި ހާހެއްހާ އެނދު ހުރެ އެވެ. އެންމެ ގިނައިން ބެޑްހުރީ ތިނަދޫގައި އެވެ.