ރައްޔިތުންގެ މަޖިލިސް

އީޕީއޭ މިނިވަން ކުރަން ނޫޅޭ މައްސަލައެއް ބަލަނީ

އެންވަޔަރަމެންޓް މިނިސްޓަރު އައިމިނަތު ޝައުނާ އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) މިނިވަން ކުރަން ނޫޅޭ ކަމަށް ތުހުމަތުކޮށް، މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރްމެންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން ބަލަން ފަށައިފި އެވެ.

އެންވަޔަރްމެންޓް ކޮމިޓީގެ އިއްޔެގެ ބައްދަލުވުމުގައި އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ވަނީ އީޕީއޭ މިނިވަންކުރުމުގެ ވިސްނުން މިނިސްޓަރު ޝައުނާ ނުގެން ގުޅުއްވާ ކަމަށް ވިދާޅުވެފަ އެވެ.

އަދި މިނިސްޓަރު އިޕީއޭ މިނިވަން ކުރަން ބޭނުންނުވާ ގޮތަށް ވާހަކަފުޅު ދައްކަވާފައިވާ ކަމަށް ވެސް ތުހުމަތު ކުރެއްވި އެވެ. އެހެންވެ ވަހީދު ހުށަހެޅުއްވީ އެ މައްސަލަ ކޮމިޓީން ބެލުމަށެވެ.


އެ ހުށަހެޅުމަށް ފަރެސް މާތޮޑާ ދާއިރާގެ މެމްބަރު ހުސައިން ފިރުޝާން ތާއީދު ކުރެއްވި އެވެ. އަދި އިއްޔެގެ ބައްދަލުވުމުގައި އެ މައްސަލަ ބަލަން ފާސްވީ ކޮމިޓީގައި އެވަގުތު ބައިވެރިވެވަޑައިގެންނެވި ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ.

އީޕީއޭ މިނިވަން ކުރުމަކީ ރައީސް އިބްރާހިމް ސޯލިހްގެ ރިޔާސީ ވައުދެކެވެ. ނަމަވެސްއެ ވައުދު އަދި ފުއްދާދެވިފަ އެއް ނުވެ އެވެ. މީގެ ކުރިން ކޮމިޓީގައި ވާހަކަފުޅުދައްކަަވަމުން މިނިސްޓަރު ޝައުނާ ވިދާޅުވެފައިވަނީ އީޕީއޭގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ބަޖެޓް ނުލިބޭ ކަމަށެވެ. އަދި އެއީ އީޕީއޭ މިނިވަން ނުކުރެވިގެން އުޅޭ ސަބަބެއް ކަމަށެވެ.