އާމިނަތު ޝައުނާ

އީޕީއޭ މުޅިން މިނިވަނެއް ނުކުރެވޭނެ: ޝައުނާ

އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އަކީ މުޅިން މިނިވަން މުސްތަގިއްލު ކޮމިޝަނަކަށް ހެދުމަކީ ރާއްޖެއަށް އެންމެ އެކަށީގެންވާ ނިޒާމު ނޫން ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ މިއަދު ވިދާޅުވެއްޖެ އެވެ.

އީޕީއޭ މިނިވަން މުސްތަގިއްލު ތަނަކަށް ހެދުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވައުދަކަށްވާއިރު، އަދި ފުރަތަމަ 100 ދުވަސް ތެރޭގައި ކުރަން ކަނޑައެޅި ކަމަކަށްވާއިރު މި ވައުދު ނުފުއްދި ދިގުވަނީ ކީއްވެތޯ ސުވާލު ކުރެއްވީ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އެވެ.

މިނިސްޓަރު ޝައުނާ ވިދާޅުވީ ސަރުކާރުގެ ބާރު ނުހިނގާ ގޮތަށް މުޅިން މިނިވަން މުސްތަގިއްލު ކޮމިޝަނަކުން ތިމާވެށީގެ ކަންކަން ރެގިއުލޭޓު ކުރުމަކީ ރާއްޖެ ފަދަ ތަރައްގީވަމުން އަންނަ ގައުމަކަށް އެކަށީގެންވާ ނިޒާމު ނޫންކަން ގަބޫލުކުރަންޖެހޭ ކަމަށެވެ.

މަޝްރޫއެއްގެ ސަބަބުން ތިމާވެއްޓަށް އަސަރު ފޯރާ މިންވަރު ބަލާ ދިރާސާ -- އެންވަޔަރަމަންޓް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ހެދުމާއި ފާސްކުރުމުގެ ބާރު 2015 ވަނަ އަހަރު ޓޫރިޒަމް މިނިސްޓްރީއަށް ބަދަލުކުރުމުން އީޕީއޭ މިނިވަންކުރުމުގެ އަޑު ގަދަވެގެން ދިޔަކަން ޝައުނާ ފާހަގަ ކުރެއްވި އެވެ.

ޝައުނާ ވިދާޅުވީ އީއައިއޭ ފާސްކުރުމުގެ ބާރު އީޕީއޭއަށް ލިބޭ ގޮތަށް މި ސަރުކާރުން ޓޫރިޒަމް ގާނޫނު އިސްލާހުކޮށްފައިވާ ކަމަށެވެ.

އެމެރިކާ އާއި އިނގިރޭސިވިލާތް އަދި ސިންގަޕޫރުގައި އީޕީއޭއަކީ އެ ގައުމެއްގެ ސަރުކާރުގެ ސިޔާސަތުތަކާއި އެއްގޮތަށް ތިމާވެށީގެ ވަޒީރެއްގެ ދަށުން ހިންގާ އެޖެންސީތަކެއް ކަމަށް މިނިސްޓަރު ޝައުނާ ވިދާޅުވި އެވެ.