އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީފީއޭ) ހިންގުމަށް ބޭނުންވާ ވަރުގެ ބަޖެޓެއް ނުބިލޭ ކަމަށް އެންވަޔަރަންމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވެފައިވަނީ މަޖިލީހުގެ ތިމާވެއްޓާ ބެހޭ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އީޕީއޭއާ ގުޅޭގޮތުން މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
ކޮމިޓީގެ މި ބައްދަލަވުމުގައި ވަނީ އެންވަޔަރަންމަންޓް މިނިސްޓްރީގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓާ ގުޅޭގޮތުން މަޝްވަރާކޮށްފަ އެވެ.
ކޮމިޓީގައި ވާހަކަދައްކަވަމުން މަޑަވެލި ދާއިރާގެ މެންބަރު ހުސައިން ފިރުޝާން ވިދާޅުވީ ރާއްޖޭގައި ހިންގަ ބައެއް މަޝްރޫއު ތަކުގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުންތައް މިނިސްޓްރީން އެދެވޭ ވަރަށް މޮނިޓާ ކުރަމުން ނުދާ ކަމަށެވެ.
ފިރުޝާންގެ ވާހަކަތަކާއި ގުޅިގެން މިނިސްޓަރު ޝައުނާ ވިދާޅުވީ އީޕީއޭގެ ކެޕޭސިޓީ ވަރުގަދަކޮށް، މަޝްރޫއުތައް މޮނިޓާ ކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. ނަމަވެސް އެ މުއައްސަސާގެ މަސައްކަތްތައް ކުރުމަށް އެދެވޭވަރުގެ ބަޖެޓެއް ނުލިބޭ ކަމުގައި ވިދާޅުވި އެވެ. ލިބޭ ބަޖެޓުން ހަމައެކަނި ކުރެވޭ ކަމަކީ މުވައްޒަފުންގެ މުސާރަ ދިނުމާއި ބައެއް އިދާރީ މަސައްކަތައް ކަމުގައިވެސް ވިދާޅުވި އެވެ.
މިބައްދަލުވުމުގައި ބައެއް މެންބަރުން ވަނީ އީޕީއޭ މިނިވަންކުރުމާ ގުޅޭގޮތުން ވެސް ވާހަކަދައްކަވާފަ އެެވެ. މެންބަރުންގެ ވާހަކަތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޝައުނާ ވިދާޅުވީ އީޕީއޭ މިނިވަން ކަމާއެކު މަސައްކަތް ކުރާ އިދާރާ އަކަށް ހެދުމުގެ ކުރިން އެ އިދާރާގެ ގާބިލްކަން އިތުރުކޮށް އަމިއްލަ މަސައްކަތް ކުރެވޭނެ ތަނެއްގެ ގޮތުގައި އީޕީއޭ ތަރައްގީ ކުރަންޖެހޭ ކަމަށެވެ.
"އެހެންކަމުން ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި އެ މަސައްކަތް ކުރެވޭނެ. އީޕީއޭ މިނިވަން ކުރުމުގެ މަސައްކަތް ކުރެވޭނެ،" ޝައުނާ ވިދާޅުވި އެވެ.
ރާއްޖޭގެ ރަށްތަކަށް ކުރިމަތިވެފައިވާ ފެންބޮޑުވުމާއި ރަށް ގިރުމުގެ މައްސަލަ އަށް އިޝާރާތް ކުރައްވާ މިނިސްޓަރު ވިދާޅުވީ ފްލޭނިން މިނިސްޓްރީ އާއި ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީއާ ގުޅިގެން ކަމާ ގުޅޭ ދިރާސާއެއް ކުރިއަށް ގެންދާ ކަމަށެވެ. އެ ދިރާސާގައި ރަށްތައް ގިރާ ގޮތާއި އެކަން ހައްލު ކުރާނޭ ގޮތާއި ފެން ބޮޑުވުމުގެ މައްސަލައާއި ގުޅޭ މައުލޫމާތުތައް ހޯދައި ހިމަނާނެ ކަމަށެވެ.
"ރާއްޖޭގެ 90 ޕަސަންޓް ރަށް ތަކުގައި ފެންބޮޑުވޭ. 60 ޕަސަންޓް ރަށްތައް ގިރާ. މިނިސްޓްރީގެ ބަޖެޓަކަށް ނުކަތާނެ ވެލިބަސްތާ ކޮންމެ ރަށަކު ކޮންމެ އަހަރަކު ޖަހާކަށް،" މިނިސްޓަރު ވިދާޅުވި އެވެ.
މިބައްދަލުވުމުގައި ޝައުނާ ވަނީ މިނިސްޓްރީން މިހާރު ހަދަމުންދާ ދިރާސާ ނިމުނުހާ އަވަހަށް ރިޕޯޜް އެކުލަވާލައި މަޖިލީހާއި ހިއްސާކުރުމަށްފަހު މެންބަރުންގެ ހިޔާލު ހުރި ގޮތް ހޯއްދަވާނެ ކަމުގައިވެސް ވިދާޅުވި އެވެ.