އެންވަޔަރަންމަންޓް މިނިސްޓްރީން ހުއްދަ ނަގައިގެން ރާއްޖެއަށް ކުނި އެތެރެކުރުމުގެ ހުއްދަ ލިބޭ، ކުނި މެނޭޖުކުރުމާ ބެހޭ ބިލް އިސްލާހުކުރުމަށް ބަންޑާރަނައިބުގެ އޮފީހަށް ފޮނުވާފައިވާ ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވެއްޖެ އެވެ.
ރޭ އޮތް ވެމްކޯގެ އަހަރީ ދުވަހުގެ ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު މިކަން ހާމަކުރެއްވިއިރު، ރާއްޖެއަށް ކުނި އެތެރެކުރެވޭ ގޮތަށް އެ ބިލުގައި އޮތް މާއްދާއަށް ތާއީދު ނުކުރާ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވަނީ މީގެ ކުރިންވެސް ބުނެފަ އެވެ.
ރައްޔިތުންގެ މަޖިލީހުން ނިމިދިޔަ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު ފާސްކުރި ކުނި މެނޭޖުކުރުމުގެ ބިލްގައިވާ ގޮތުން އެންވަޔަރަންމަންޓް މިނިސްޓްރީން ހަދައި އާންމުކުރާ ގަވައިދެއްގެ ދަށުން ހުއްދައަށް އެދުމުން ހަކަތަ އުފެއްދުމުގެ ބޭނުމަށް ރާއްޖެއަށް ކުނި އެތެރެ ކުރުމުގެ ހުއްދަ ލިބޭނެ އެވެ. މިގޮތުން މިބިލަށް އަމަލުކުރަން ފަށާތާ ހަމަސް ދުވަހުގެ ތެރޭގައި ކުނި އެތެރެކުރުން ހުއްދަކުރުމުގެ ގަވައިދު ހަދައި އާންމުކުރަން ޖެހެ އެވެ.
މިދިޔަ ޑިސެމްބަރު 18 ވަނަ ދުވަހު ރައީސުލްޖުމުހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވަނީ މި ބިލް ތަސްދީގު ކުރައްވާފަ އެވެ.
ސަރުކާރުން ފުރަތަމަ މަޖިލީހަށް ކުނި މެނޭޖުކުރުމުގެ ބިލް ހުށަހެޅިއިރު ރާއްޖެއަށް ކުނި އެތެރެކުރުން އޮތީ މަނާ ކަމެއްގެ ގޮތުގަ އެވެ. ނަމަވެސް ގިނަ ގައުމުތަކަކަށް މިހާރު ވެސް ކުންޏަކީ ބޭނުންތެރި އެއްޗެއް ކަމަށާއި އޭގެއިން ހަކަތަ އުފެއްދޭނެ ކަމަށް ބުނެ ކޮމިޓީ މަރުހަލާއިގައި ވަނީ ރާއްޖެއަށް ކުނި އެތެރެކުރެވޭ ގޮތަށް ބިލް އިސްލާހުކޮށްފަ އެވެ.
ކުނި ބޭނުންކޮށްގެން ހަކަތަ އުފެއްދުމުގެ ޕްލޭނެއް ދިވެހި ސަރުކާރުން ގެންގުޅޭއިރު ބިލް މިހާރު އޮތް ގޮތުން އެފަދަ ބޭނުމަކަށް ބޭނުންވާ ކުނި ލިބުން ދަތިވެއްޖެ ހާލަތެއްގައި ކުނި ލިބޭނެ އިންތިޒާމުތައް ފަސޭހަކަމާއިއެކު ހަމަޖެހޭނެ ކަމަށްވެސް ކޮމިޓީގެ ބައެއް މެންބަރުން ވިދާޅުވެފައިވެ އެވެ.
ރާއްޖެއަށް ކުނި އެތެރެކުރެވޭ ގޮތަށް ބިލް ފާސްކޮށްފައިވާތީ ކަންބޮޑުވުން ފާޅުކޮށް ޒީރޯ ވޭސްޓް މޯލްޑިވްސް އާއި ސޭވް މޯލްޑިވްސް ކެމްޕޭންގެ އިތުރުން ޓްރާންސްޕޭރަންސީ މޯލްޑިވްސް ހިމެނޭހެން 17 ޖަމިއްޔާއަކުން ގުޅިގެން ވަނީ ނޫސްބަޔާނެއް ވެސް ނެރެފަ އެވެ.
މިބަޔާނުގައި ބުނެފައިވަނީ ދިވެހި ސަރުކާރުން ފަށާފައިވާ "ވޭސްޓު ޓު އެނާޖީ" މަޝްރޫއަކީ ރާއްޖޭގައި ކުރިއަށް ގެންދިއުމަށް އެކަށީގެންވާ މަޝްރޫއެއް ނޫން ކަމަށާއި މިކަމުގައި ގިނަ ފަންނީ އަދި މާލީ ދަތިތަކެއް ހުރި ކަމަށެެވެ. އަދި ބޭރުގެ ކޮންޓްރެކްޓަރުންނާއި ކުންފުނިތަކުން ކުނި އުކާލަން ގެންގުޅޭ ތަނަކަށް ރާއްޖެ ހަދައިގެން ނުވާނެ ކަމަށާއި މިކަމަށް ގަވައިދެއް ހަދަންޖެހޭ ކަމަށްވެސް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.