މާލޭގެ ސިނާއީ ސަރަހައްދުގައި ހަދާފައިވާ މާލޭ ވޭސްޓް ޓްރާންސްފާ ސްޓޭޝަން މިރޭ ރަސްމީކޮށް ހުޅުވާ ބޭނުންކުރަން ފަށައިފި އެވެ.
މާލޭ ވޭސްޓް ޓްރާންސްފާ ސްޓޭޝަން ހުރި ތަނުގައި މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މިސްޓޭޝަން ހުޅުއްވައިދެއްވީ ނައިބް ރައީސް ފައިސަލް ނަސީމު އެވެ.
މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވި މިރޭ ހުޅުވަ ވޭސްޓް މެނޭޖުމެންޓު ސްޓޭޝަނަކީ މާލެ ސަރަހައްދަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ފުރިހަމަ ހައްލެއް ގެނެސްދޭނެ ތަނެއް ކަމަށެވެ. މާލެ ސަރަހައްދުގައި ކުނީގެ ހާލަތު ގޯސްވީ އެކަމަށް މާޒީގައި އެއްވެސް ސަމާލުކަމެއް ދެވިފައި ނުވާތީ ކަމަށާއި އެކަމަކު މިހާރު އެ މަސައްކަތް ގެންދަނީ ރޭވުންތެރިކަމާ އެކު ހައްލުކުރަމުން ކަމުގައި ވިދާޅުވި އެވެ.
"މާލޭ ވޭސްޓް ޓްރާންސްފަ ސްޓޭޝަނަކީ ސަރުކާރުން މާލެ ސަރަހައްދުގެ ކުނި މެނޭޖްކުރުމަށް ގެނެސްދޭ އެންމެ ޒަމާނީ އެންމެ ފުރިހަމަ ހައްލު،" ޝައުނާ ވިދާޅުވި އެވެ.
ވޭސްޓް ޓްރާންސްފާ ސްޓޭޝަން ގާއިމުކުރުމާ ގުޅޭ ތައާރަފެއް
މާލެ، ހުޅުމާލޭ އަދި ވިލިމާލޭގައި ވޭސްޓް ޓްރާންސްފާ ސްޓޭޝަން ހެދުމުގެ މަސައްކަތް ކުރީ ޗައިނާގެ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިން ކޯޕަރޭޝަން (ސީއެސްސީއީސީ) އިންނެެވެ. މިދިޔަ އަހަރުގެ ޖޫން 24 ގައި ހަވާލުކުރި މަޝްރޫއުގެ ދަށުން ވޭސްޓް ޓްރާންސްފާ ސްޓޭޝަން އިމާރާތްކުރުމާއި ތަނަށް ބޭނުންވާ ސާމާނު ރާއްޖެ ގެނެސް އިންސްޓޯލްކުރީ ވެސް ސީއެސްސީއީސީންނެވެ. މިތަނުގައި ބޭނުންކުރާ އުޅަނދުތައް ގެނައީ މިދިޔަ ޖޫން މަހުގެ ތެރޭގައެވެ.
ވޭސްޓް ޓްރާންސްފާ ސްޓޭޝަނަކީ މާލެ އާއި ވިލިމާލެ އަދި ހުޅުމާލެ އިން ނަގާ ކުނި ޖަމާކުރާ ތަނެވެ. އެތަނުގައި ކުނި އެކި ބައިތަކަށް ބައިބައި ކުރުން ވެސް ކުރިއަށް ދާނެ އެވެ.
ކުނި މެނޭޖްކުރުމަށް ރާއްޖޭގައި ކުރިއަށް ގެންދާ އެންމެ ބޮޑު މަޝްރޫއު ގްރޭޓާ މާލެ އެންވަޔަރުމެންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓް ތިލަފުށީގައި ފެށީ 2021 ވަނަ އަހަރުގެ ޑިސެމްބަރު 15 ގައެވެ. މިމަޝްރޫއަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އާއި ޓީއޭއެސްއެފް އާއި ޖޭއެފްފީއާއާރް އަދި ދިވެހި ސަރުކާރުން 11.8 މިލިއަން ޑޮލަރު -- 183 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހިންގި މަޝްރޫއެކެވެ. މިމަޝްރޫއު ފެށިފައިވާތީ ތިލަފުށީގައި ކުނި އެންދުން ހުއްޓާލުމަށްފަހު ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ކުނި ނައްތާލުމުގެ މަސައްކަތް ފަށާނެ އެވެ.
ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި ތިލަފުށީގައި އާ ބަނދަރެއް ހެދުމާއި، މާލެއާއި، ވިލިމާލެ އަދި ހުޅުމާލޭގައި ވޭސްޓް ޓްރާންސްފާ ސްޓޭޝަން ގާއިމުކުރުމާއި، ގްރޭޓަ މާލޭ ސަރަހައްދާއި ކ، އއ، އދ އަދި ވ. އަތޮޅުގެ ހުރިހާ ރަށެއްގައި ކުނި ކޮށި ގާއިމުކުރުމާއި މަރާމާތުކުރުން ހިމެނެ އެވެ.
މީގެއިތުރުން ރަށު ފެންވަރުގައި ކުނި މެނޭޖް ކުރުމަށް ބޭނުންވާ އުޅަނދާއި އިކުއިޕްމަންޓް ފޯރުކޮށްދިނުމާއި ތިލަފުށްޓަށް ގެންދާ ކުނި ކިރައި, ބައިބައި ވަކިކޮށް ޝްރެޑް ކުރުމަށްފަހު އިންސިނެރޭޓް ކުރުމަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް މިހާރު ވަނީ ގާއިމުކޮށްފަ އެވެ.
މި މަޝްރޫއުގެ ދެވަނަ ފިޔަވަހީގައި ކުނިން ހަކަތައް އުފެއްދުމަށް ވޭސްޓު އެނާޖީ ޕްލާންޓެއް ގާއިމުކުރުމަށްވެސް ހަމަޖެހިފައިވެ އެވެ. ޕްލާންޓް ގާއިމުކުރުމުގެ މަސައްކަތްތައް ކުރުމަށާއި އޮޕަރޭޓް ކުރުމަށް ސްޕެއިންގެ މަޝްހޫރު އުރްބާސާއާއެކު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. ޕްލާންޓް ގާއިމުކޮށް ހިދުމަތް ދޭން ފެށުމާ އެކު ތިލަފުށީގައި ދުވާލަކު 500 ޓަނުގެ ކުނި ޕްރޮސެސްކޮށް، 8 މެގަވޮޓާއި، 8.5 މެގަވޮޓްގެ ކަރަންޓް އުފައްދާނެ އެވެ. ސަރުކާރުގެ ދުރު މުސްތަގުބަލްގެ ޕްލޭނަކީ ތިލަފުށީގައި އުފައްދާ ކަރަންޓް މާލޭގެ މައި ކަރަންޓް ވިއުގައަށް ގުޅާލުމެވެ.
ތިލަފުށީގައި ކުނި މެނޭޖްކުރުމުގެ ބޮޑު މަޝްރޫއާ އެކު ތިލަފުށީގައި ކުރިން ހުރި ބޮޑެތި ކުނިގޮނޑުތައް އެކީ ހުސްކޮށްލައި އެރަށުގައި ކުނި އަންދާތީ އަރަމުން ދިޔަ ދުންގަނޑުގެ މައްސަލަ ވެސް ވަނީ ހައްލުކޮށްފަ އެވެ. މިމަޝްރޫއުގެ ދަށުން ރާއްޖޭގައި އުފައްދާ ކުނީގެ ގާތްގަނޑަކަށް 60 އިންސައްތަ ކުނީގެ މައްސަލައަށް ވަރަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ބުނެ އެެވެ.