މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ

ކުނި މެނޭޖްކުރުމުގެ ބިލަށް ހިޔާލު ހޯދަނީ

ކުނި މެނޭޖްކުރުމުގެ ބިލަށް އާންމުންގެ ހިޔާލު ހޯދުމަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ބުނެފި އެވެ.

މިނިސްޓްރީން ބުނީ އަންނަ މަހުގެ 12 ވަނަ ދުވަހުގެ ކުރިން އެންވަޔަރަމެންޓް މިނިސްޓްރީއަށް ފޯމު ފުރިހަމަކުރުމަށް ފަހު ހުށަހެޅުމަށެވެ.

ކުނި މެނޭޖްކުރުމުގެ ބިލަކީ ރާއްޖޭގައި ކުނި މެނޭޖްކުރުމުގެ ކަންކަން ދެމެހެއްޓެނިވި ގޮތެއްގައި ރާވާ ހިންގާ، ބެލެހެއްޓުމަށްޓަކައި، ކުނި މެނޭޖްކުރުމުގެ އުސޫލުތަކާއި މިންގަނޑުތަކާއި، އިޖުރާއަތްތައް ކަނޑައެޅުމުގެ ގާނޫނެވެ.

އެންވަޔަރަމެންޓް މިިނިސްޓްރީން އާންމުކޮށްފައިވާ ކުނި މެނޭޖް ކުރުމުގެ ގާނޫނުގެ ޑްރާފްޓުގައި ވާގޮތުން ކުނި މެނޭޖްކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން ޖެހޭނީ ސަރުކާރުން ކަނޑައަޅާ ސިޔާސަތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށާއި ސިޔާސަތުތައް ކަނޑައެޅުން ކުރިއަށްގެންދާނީ ރައީސްގެ ލަފާފުޅުގެ މަތިން އެންވަޔަރަންމެންޓް މިނިސްޓަރު ކަމަށެވެ.

އަދި ކުނި އުފެއްދުން މަދުކުރުމަށް ކޮންމެ ފަސް އަހަރުން އެއް އަހަރު ކުނި މަދުކުރުމުގެ ގައުމީ ލަނޑުދަނޑީގެ ޕްލޭން ކަނޑައަޅައި އާންމުކުރަން ޖެހޭނެ އެވެ. އެ ޕްލޭންގައި ކުނި މެނޭޖްކުރުމުގެ ގައުމީ ސިޔާސަތާއި، މި ސިޔާސަތު ތަންފީޒުކުރާނެ ސްޓްރެޓެޖީތަކާއި، ލަނޑުދަނޑިތަކާއި، އާންމު ކުންޏާއި، ކޮންސްޓްރަކްޝަން ކުންޏާއި، ނުރައްކާތެރި ކުންޏާއި، ހާއްސަ ކުނި މެނޭޖްކުރާނެ ގޮތްތަކާއި، ރަށު ފެންވަރުގައާއި، ސަރަހައްދީ ފެންވަރުގައި ކުނި މެނޭޖްކުރާނެ ގޮތްތައް ހިމަނަންޖެހޭނެ ކަމަށް ޑްރާފްޓްގައި ބުނެފައި ވެއެވެ.

ގާނޫނުގެ ޑްރާފްޓްގައިވާގޮތުން ރާއްޖެއަށް އެތެރެކުރާ އަދި ރާއްޖޭގައި އުފައްދާ ތަކެއްޗާއި، އެތަކެތިން އުފެދޭ ކުންޏަކީ އެ އެއްޗެއް އުފެއްދި، ނުވަތަ އެ އެއްޗެއް އެތެރެކުރި މީހެއްގެ ޒިންމާއެކެވެ.

މީގެ އިތުރުން ނުރައްކާތެރި ކުނި މެނޭޖްކުރުމުގައި ހާއްސަ އިސްކަމެއް ދީގެން އެކަން ކުރުމަށް ނުރައްކާތެރި ކުނީގެ ލިސްޓެއް މިނިސްޓްރީން އާންމުކުރަންޖެހޭނެ ކަމަށާއި ނުރައްކާތެރި ކުންޏާއި ހާއްސަ ކުނި ވެއްޓަށް ބޭރުވުމުން ހިނގާފާނެ ހާދިސާއަކަށް ބަލައި، އެކަމުގައި ގައުމީ ފެންވަރުގައި އަމަލުކުރާނެ ގޮތް ބަޔާންކުރާ ޕްލޭނެއްވެސް މިނިސްޓްރީން އެކުލަވާލަން ޖެހޭނެ ކަމަށް ވެސް ޑްރާފްޓްގައި ބަޔާންކޮށްފައި ވެއެވެ.

އެ ގަނޫނުގައި ބަޔާންކުރާ ކަންކަމާ ހިލާފުވެއްޖެނަމަ 5،000 އާއި 100،000،000 ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށެވެ.