ކަނޑުތަކަށް އަޅާ ކުނި މަދުކުރުމަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ޕްރިވެންޝަން އޮފް މެރިން ލިޓާ އިން ދަ ލަކްޝަދީޕް ސީ -- ޕްރޮމިސް މަޝްރޫއާ ގުޅޭ މަޝްވަރާ ބައްދަލުވުންތައް ރާއްޖޭގައި މިއަދު ފަށައިފި އެވެ
ގައުމީ ޔުނިވަސިޓީގެ އޮޑިޓޯރިއަމްގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި މަޝްވަރާތައް ފައްޓަވައިދެއްވީ ނައިބް ރައީސް ފައިސަލް ނަސީމް އެވެ.
މި ރަސްމިއްޔާތުގައި ނައިބް ރައީސް ވިދާޅުވީ ކުނީގެ މައްސަލައަށް އެދެވޭ ހައްލެއް ހޯދުމަށް ރާއްޖެއަށް ވަރަށް ގިނަ ގޮންޖެހުންތައް އެބަހުރި ކަމަށާއި އެކަމަށް ހައްލު ހޯދުމަށްވެސް ބުރަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ. އެކަމަކު ދެމެހެއްޓެނިވި ގޮތެއްގައި އަދި ރައްކާތެރިކަމާއެކު ކުނީގެ މައްސަލަ ހައްލުކުރުމަށް ކުރަންޖެހޭ މަސައްކަތްތަކުގައި ފަސްނުޖެހި ދިވެހި ސަރުކާރުން ކުރިއަށްދާނެ ކަމަށެވެ.
ފައިސަލް ނަސީމް ވިދާޅުވީ ކަނޑުފަޅުގެ ސިއްހަތާ ގުދުރަތީ ދިރުންތައް ދެމެހެއްޓުމަކީ މުހިއްމު ކަމަކަށްވާތީ ކަނޑުފަޅުތައް ރައްކާތެރިކަމާއެކު ދެމެހެއްޓުމަށްޓަކައި ރާއްޖޭގެ އިގްތިސޯދީ ސިޔާސަތުތައް ބަދަލުކޮށް ނޫ އިގްތިސޯދެއްގެ ސިފަތައް އަށަގެންނެވުމަށްޓަކައި ސަރުކާރުން މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކްގެ ބާވަތްތައް ރާއްޖެ އެތެރެކުރުން މަނާކުރުމާއި ކުންޏާ ބެހޭ ގަވައިދުތައް އިސްލާހުކޮށް ކުނި އުފައްދާ ފަރާތުގެ މައްޗަށް އޮންނަ ޒިންމާ ބޮޑުކޮށްފައިވާ ކަމުގައި ވިދާޅުވި އެވެ.
"ކުންޏަކީ އޭގެން މަންފާ ލިބޭ އެއްޗަކަށް ހެދުމަށްޓަކައި ހަތަރު މަރުހަލާއަކަށް ބަހާލައިގެން ސަރުކާރުން ދަނީ މަސައްކަތްތަކެއް ކުރަމުން. އެ މަސައްކަތުގެ ތެރެއިން ކުނި ބެލެހެއްޓުން ލާމަރުކަޒީ ކުރެވި މުޅި ރާއްޖެއަށް އެކަން ފުޅާކުރާނެ،" ފައިސަލް ވިދާޅުވި އެވެ.
ރައްކާތެރި ގޮތުގައި ކުނި ނައްތާލުމަށް ކުރަމުންދާ އީޖާބީ މަސައްކަތްތަކުން އުއްމީދީ މަންޒަރުތަކެއް މިހާރު ފެންނަން ފަށާފައިވާ ކަމުގައިވެސް ނައިބް ރައީސްގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފަ އެވެ. އަދި އެއީ މުޖުތަމައެއްގެ ގޮތުގައި ކުރިއަށް ދެވޭ މިސްރާބު ރަނގަޅުކަން ހާމަކޮށްދޭ ކަމެއްގެ ގޮތުގައި އެކަން ސިފަކުރެއްވެވި އެެވެ. މިއަދު ފެށި މަޝްވަރާ ބައްދަލުވުމުގައި ކުނީގެ މައްސަލަ ހައްލުކުރާނެ އިތުރު ގޮތްތައް ހޯދަން އުއްމީދީ މަސައްކަތްތަކެއް ކުރާ މަންޒަރު ފެނިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައިވެސް ވިދާޅުވި އެވެ.
ޕްރޮމިސް މަޝްރޫއަކީ ސްވިޗް އޭޝިއާ ޕްރޮގްރާމްގެ ދަށުން ލަކްޝްވަދީޕް ސަރަހައްދުގައި ހިމެނޭ އިންޑިއާ، ސްރީލަންކާ އަދި ދިވެހިރާއްޖޭގެ ގޮނޑުދޮށްތަކަށް ލައްގާ ކުނީގެ މިންވަރު މަދުކުރުމަށް ކަނޑުތަކަށް އެޅޭ ކުނި އުފެދޭ ތަންތަނަށް އަމާޒުކޮށް ކުރެވޭ މަސައްކަތެކެވެ. އެގޮތުން މިއަދު ފެށި ބައްދަލުވުންތަކުގެ ތެރެއިން ކުންޏާ ބެހޭ ސިޔާސަތުތައް އެކަށައެޅުމަށް ހުށަހެޅުންތައް ހުށަހަޅާނެ އެވެ.
ޕްރޮމިސް މަޝްރޫއަކީ ޔޫރަޕިއަން ޔޫނިއަން އިން ފަންޑުކޮށްގެން ހަތަރު އަހަރުގެ މުއްދަތަކަށް ހިންގާ މަޝްރޫއެކެވެ. މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ހަވާލުކޮށްފައިވަނީ ގައުމީ ޔުނިވަސިޓީ އަށެވެ.