ކުނީގެ މައްސަލަ މި އަހަރު ހައްލުވާނެކަމަށް އެންވަޔަރަންމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޝައުނާ ވިދާޅުވީ ކުރިން ރާއްޖޭގައި ކުރިހާވެސް ކަމަކީ ހަމައެކަނު ކުނި ޖަމާކުރުން ކަމަށާއި އަދި ކުނި މެނޭޖްކޮށްފައި ނުވާ ކަމަށެވެ. އެގޮތުން ރަށްރަށުގައި އުފެދޭ ކުނި ވަކިކޮށް ބައިކޮށް އޭގެން އާމްދަނީ ހޯދުމުގެ ބަދަލުގައި މަސައްކަތްކޮށްފައި އޮތީ އެއް ތަނަަކަށް ކުނި ޖަމާކުރުމަށް ކަމަށެވެ.
"އެހެންވީމާ މިވީހާ ތަނަށް މިކަން ހައްލުނުކުރެވި އޮތް ނަމަވެސް އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި، މި އިއްޒަތްތެރި މަޖިލީހަށް ވެސް އަދި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެސް ފެނިގެންދާނެ ކުނީގެ މައްސަލަ ބޮޑުތަނުން ހައްލުކުރެވިގެން އަންނަތަން. ރާއްޖެއަށް ދިމާވެފައި އޮތް ތިމާވެށީގެ އެންމެ ބޮޑު މައްސަލައަކީ ކުނީގެ މައްސަލަ،" ޝައުނާ ވިދާޅުވި އެވެ
މިނިސްޓަރު ވިދާޅުވީ ކުނީގެ މައްސަލަ ހައްލުކުރަން ރާއްޖޭގެ ތިން ސަރަަހައްދެއްގައި ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ސެންޓަރެއް ގާއިމުކުރަމުންދާ ކަމަށެވެ. އަދި އޭގެ އިތުރުން އަތޮޅުތެރޭގައި އެއް ރަށުން އަނެއް ރަށަށް ކުނި ގެންދިއުމުގެ ބަދަލުގައި ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ކުނި ގެންދެވެންދެން ކުނިތައް ބަހައްޓަން ވޭސްޓް މެނޭޖްމަންޓް ޓްރާންސްފާ ސްޓޭޝަނެއްވެސް ގާއިމުކުރާނެ ކަމަށެވެ.
"އެގޮތުން އިރާދަ ކުރެއްވިއްޔާ ރ. ވަންދޫގައި ހުރި ވޭސްޓް ފެސިލިޓީ ޖޫން މަހުގެ ތެރޭގައި އޮޕަރޭޝަން ލެވެލްއަށް އަޅުގަނޑުމެން ގެންނާނަން. ތިލަފުށީގައި ގާއިމުކުރެވޭ ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ ފުރަތަމަ ފޭސްގެ އިންފްރާސްޓްރަކްޗާ މިހާރު އެވަނީ ތަރައްގީކޮށް ނިމިފައި. އިރާދަކުރެއްވިއްޔާ މާލެ އަތޮޅާއި ވ. އަތޮޅުގެ ހުރިހާ ރަށެއްގައި މިވީހާ ތަނަށް އުފެދިފައި ހުރި ކުނި އަޅުގަނޑުމެން ޖަމާކޮށް ތިލަފުއްޓަށް ގެންދަން ފަށާަނަން." ޝައުނާ ވިދާޅުވި އެވެ.
މީގެ އިތުރުން ތިންވަނަ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ސެންޓަރެއް އައްޑޫގައި ގާއިމުކުރާނެ ކަމުގައިވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި އެތަނަށް 50 ޓަނުގެ ވޭސްޓް ޓު އެނާޖީ ޕްލާންޓެއް ގާއިމުކުރުމަށް ބޭނުންވާ ހުރިހާ ސާމާނެއް ގެންގޮސް އަދި އެތަނުގެ މަަސައްކަތް ނިމި މިއަހަރުގެ ތެރޭގައި އޮޕަރޭޝަނަށް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ޝައުނާ ވިދާޅުވި އެވެ.
"އަޅުގަނޑު ދަންނަވާލަން ބޭނުންވާ ވާހަކައަކީ މިވީހާ ތަނަށް މެނޭޖު ނުކޮށް އޮތް އަޅުގަނޑުމެން ކުނި އަޅަމުން ދިޔަ މަސައްކަތަށް ހުއްޓުމެއް އަންނާނެޔޭ" ޝައުނާ ވިދާޅުވި އެވެ.