އާމިނަތު ޝައުނާ

ކޮތަޅު ފީ ނެގުން އޮތީ ސަރުކާރުން ބޭނުންވި ގޮތަކަށް ނޫން

ޕްލާސްޓިކް ކޮތަޅުން ފީ ނެގުމުގެ ކަންތައް ގާނޫނުގައި މިހާރު އޮތީ ސަރުކާރުން ބޭނުންވި ގޮތަށް ނޫން ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު އާމިނަތު ޝައުނާ މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޝައުނާ ވިދާޅުވީ ގާނޫނު މިހާރު އޮތް ގޮތުން ކޮންމެ މަރުހަލާއެއްގައި ކޮތަޅަކުން ދެ ރުފިޔާ ނެގޭ ކަމަށާއި އެއީ މައްސަލައެއް ކަމަށެވެ.

"މައްސަލައަކީ ކޮންމެ މަރުހަލާއެއްގައި ކޮންމެ ޕްލާސްޓިކް ކޮތަޅަކުން ދެ ރުފިޔާ ނެގުން. ރައްޔިތުންނަށް ނޫފުލޭ ވަރުގެ ތަކުލީފަކަށް މިކަންވުމަކީ އަޅުގަނޑު އެދޭ ކަމެއް ނޫން،" ޝައުނާ ވިދާޅުވި އެވެ.

ޝައުނާ ވިދާޅުވީ ޕްލާސްޓިކް ކޮތަޅުން ފީ ނެގުން އިސްތިސްނާ ހާލަތްތަކެއް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ފުރަތަމަ ބިލު ހުށަހެޅިއިރު ހިމަނާފައިވާ ކަމަށެވެ.

އެގޮތުން 50 ނުވަތަ 50އަށްވުރެ ގިނަ ޕްލާސްޓިކް ކޮތަޅު ގަންނައިރު ފީ އިސްތިސްނާކުރަން ބިލުގައި ހިމެނި ކަމަށް ވިދާޅުވި އެވެ.

"ހއ. ފިއްލަދޫގައި ހުންނަ މީހާ ކަންމަތީ ފިހާރައިން ހަކުރު ކިލޯއެއް ހަތަރު ރުފިޔާ ބަޔަށް ގަތީމާ، އިތުރަށް ކޮތަޅަށް ހަ ރުފިޔާ ދެއްކީމާ މިއީ ބޮޑު މައްސަލައެއް،" ޝައުނާ ވިދާޅުވި އެވެ.

ޕްލާސްޓިކް ކޮތަޅަކަށް ދެ ރުފިޔާގެ ފީއެއް ނެގުން ލާޒިމުކުރަނީ ކުނި މެނޭޖުކުރުމުގެ ގާނޫނުންނެވެ.

ވިޔަފާރި ހަރަކާތަކުން ޕޮއިންޓް އޮފް ސޭލްގައި ކަސްޓަމަރަށް ވިއްކާ ނުވަތަ ފޯރުކޮށްދޭ ޕްލާސްޓިކް ކޮތަޅުން ފީ ނަގަން ފެށީ މިމަހުގެ 18 ވަނަ ދުވަހުން ފެށިގެންނެވެ.

ޕްލާސްޓިކް ކޮތަޅު ނެގުން އިސްތިސްނާ ހާލަތްތައް

  • ޑިއުޓީ ފްރީ ފިހާރަތަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ ޕްލާސްޓިކް ކޮތަޅު
  • ބަންދުނުކޮށް ހުންނަ، ހުރިހާ ބާވަތެއްގެ ތާޒާ މަސް އެޅުމަށް ބޭނުންކުރާ ޕްލާސްޓިކް ކޮތަޅު
  • ކުނި މެނޭޖުކުރުމުގެ ހިދުމަތްދޭ ފަރާތްތަކުން ނުވަތަ ކަމާބެހޭ އެހެން އިދާރާއަކުން ކުނި އެޅުމަށް ހާއްސަކޮށް ވިއްކާ ނުވަތަ ދޫކުރާ "ބިންލައިނާ"

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ކޮތަޅު ބޮނޑި އިސްތިސްނާ ނުކޮށް، ކުނި މެނޭޖު ކުރުމާބެހޭ ގާނޫނު މަޖިލީހުން ފާސްކުރީ ގަސްދުގައި ކަމަށާއި އެއީ އޮޅިގެން ކުރި ކަމެއް ނޫން ކަމަށެވެ.

ނަޝީދު ވިދާޅުވީ ކޮމިޓީން ފާސްކޮށް ބަންޑާރަ ނައިބުގެ އިތުރުން އެންވަޔަރަންމަންޓް މިނިސްޓްރީގެ ލަފާފުޅަށް ފޮނުއްވެވި ކަމަށެވެ. ނަމަވެސް އެއްވެސް މައްސަލައެއް ފާހަގަކޮށްފައިނުވާ ކަމަށް ވިދާޅުވި އެވެ.