ރައްޔިތުންގެ މަޖިލިސް

ކުނި އެތެރެކުރުން މަނާކުރާ އިސްލާހު މަޖިލީހަށް

ކުނި އެތެރެކުރުން މަނާކުރަން ކުނި މެނޭޖުކުރުމާ ބެހޭ ގާނޫނަށް އިސްލާހު ހުށަހަޅައިފި އެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން ހުއްދަ ނަގައިގެން ރާއްޖެއަށް ކުނި އެތެރެކުރުމުގެ ހުއްދަ ލިބޭ، ކުނި މެނޭޖުކުރުމާ ބެހޭ ގާނޫނު އިސްލާހުކުރަން ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު ރާޝިދު އެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އޮތީ މި ބިލު މަޖިލީހަށް ތައާރަފު ކުރުމެވެ.

އެއްވެސް ބަޔަކު ރާއްޖެއަށް އެެއްވެސް ބާވަތެއްގެ ކުނި އެތެރެކުރުމަކީ މަނާކަމެއް ކަމަށް އިސްލާހުގައިވެ އެވެ.

ގާނޫނުގައި "ޕްލާސްޓިކް ކޮތަޅު" ކަމަށް ބުނެފައިވަނީ މުދާ އުފުލުމަށް ބޭނުންކުރާ، ޕްލާސްޓިކުން އޮކްސޯޑިގްރޭޑަބަލް އަދި ސިންތަޓިކް ޕޮލިމާއިން އުފައްދާފައިވާ، އަމިއްލަ ޒާތުގައި ނެތިފަނާވާ (ޑިގްރޭޑަބަލް) ޕްލާސްޓިކްވެސް ހިމެނޭ ގޮތަށް ހަދާފައި ހުންނަ ކޮތަޅެވެ.

ޕްލާސްޓިކް ކޮތަޅުގެ މާނައިގެ ތެރޭގައި މުދާ ބަންދުކުރާ ޕްލާސްޓިކު ކޮތަޅު ނުހިމެނުމަށް ވަނީ އިސްލާހެއް ހުށަހަޅާފަ އެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން ހުއްދަ ނަގައިގެން ރާއްޖެއަށް ކުނި އެތެރެކުރުމުގެ ހުއްދަ ލިބޭ، ކުނި މެނޭޖުކުރުމާ ބެހޭ ބިލް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ތަސްދީގު ކުރެއްވީ ޑިސެމްބަރު 18، 2022 ވަނަ ދުވަހު އެވެ.

ކުނި އެތެރެ ކުރެވޭ ގޮތަށް އޮތުމުގެ ސަބަބުން ތިމާވެށީގެ ރައްކާތެރިކަމަށް މަސައްކަތްކުރާ ޖަމިއްޔާތަކަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.