ޠާރިގު އިބްރާހީމް

ކޮތަޅު ޓެކްސް ކުޑަކުރަން ތޯރިގު ދެކޮޅު

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ކޮތަޅަކުން ނަގަން ފެށި ދެ ރުފިޔާގެ ޓެކްސް ކުޑަކުރަން ތާއީދުނުކުރައްވާ ކަމަށް އެންވަޔަރަންމަންޓް މިނިސްޓަރު ތޯރިގު އިބްރާހީމް ވިދާޅުވެއްޖެ އެވެ.

ކުނި މެނޭޖުކުރުމުގެ ގާނޫނު ފާސްކުރިއިރު ޕްލާސްޓިކް ކޮތަޅަކުން ދެ ރުފިޔާގެ ޓެކްސްއެއް ނަގަން އޮތީ ހިމަނާފަ އެވެ. ކޮތަޅު ޓެކްސް ނަގަން ފެށީ މިދިޔަ އޭޕްރީލް 18 ވަނަ ދުވަހުން ފެށިގެންނެވެ.

މިކަމުގެ ޝަކުވާ ބޮޑުވެގެން ކޮތަޅު ޓެކްސް ކަނޑާލުމަށް ސަރުކާރުގެ ފަރާތުން ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު ރާޝިދު ވަނީ މަޖިލީހަށް ބިލެއް ހުށަހަޅާފަ އެވެ. މިބިލްގެ ބަހުސްގައި މަޖިލީހުގެ ނައިބް ރައީސް އަދި ހޯރަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމު ވަނީ ދެ ރުފިޔާގެ ޓެކްސް އެއްކޮށް ކަނޑާލުމުގެ ބަދަލުގައި ކޮތަޅަކުން 50 ލާރި ޓެކްސްގެ ގޮތުގައި ނެގުމަށް ހުށަހަޅާފަ އެވެ. އެ ހުށަހެޅުމަށް އޮތީ ތާއީދުވެސް ލިބިފަ އެވެ. ގާނޫނު މިހާރު އޮތް ގޮތުން ވިޔަފާރިވެރިންގެ އަތުން ދެފަހަރަށް ކޮތަޅަށް ޓެކްސް ދައްކަން ޖެހޭތީ އެކަމުގައިވެސް މެންބަރުން މަޝްވަރާ ކުރައްވައި، ގިނަ މެންބަރުގެ ވިސްނުން ހުރީ، ކޮތަޅަކީ ޓެކްސް ނުނަގާ -- ޒީރޯ ރޭޓް ޓެކްސް އޮތް ބާވަތެއްގެ ގޮތުގައި ހަމަޖެއްސުމަށްވެސް ވާހަކަދައްކަވާފަ އެވެ.

އެހެންވެ މިމައްސަލަ ދިރާސާ މުޅި މަޖިލީހުގެ ސަބް ކޮމިޓީއަށް އާ ސަރުކާރުގެ އެންވަޔަރަންމަންޓް މިނިސްޓަރު ތޯރިގު އިބްރާހީމް ހާޒިރުކޮށް އާ ސަރުކާރުގެ ސިޔާސަތު އޮތް ގޮތާ ގުޅޭގޮތުން މެންބަރުން ވަނީ ސުވާލުކުރައްވާފަ އެވެ. މިމައްސަލައިގައި ފިނޭންސް މިނިސްޓްރީއާއި މީރާގެ ބޭފުޅުންވެސް ކޮމިޓީއަށް ހާޒިރުކުރި އެވެ.

ކޮމިޓީގައި ވާހަކަދައްކަވަމުން މިނިސްޓަރު ތޯރިގު ވިދާޅުވީ ކޮތަޅު ޓެކްސްގެ ގޮތުގައި ނަގަމުންދާ ދެ ރުފިޔާގެ ޓެކްސް ކުޑަކުރަން ތާއީދުނުކުރައްވާ ކަމަށާއި އެފަދަ ޓެކްސްއެއް ކުޑަކުރަމުން ޕްލާސްޓިކާ ދެކޮޅަށް ކުރާ މަސައްކަތުގެ މަގުސަދަށް ހުރަސްއެޅިދާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ކޮތަޅު ޓެކްސް ކުޑަަނުކުރުން އެއީ އަމިއްލަފުޅު ވިސްނުމަކަށްވާތީ އެކަމުގައި ރަސްމީ ނިންމުމަކަށް ދިއުމަށް ވަގުތުކޮޅެއް ބޭނުންވާ ކަމަށެވެ. އެކަމަކު ވިޔަފާރިވެރިންގެ އަތުން ދެފަހަރަށް ކޮތަޅަށް ޓެކްސް ދައްކަންޖެހޭ މައްސަލަ މިހާރުވެސް ހައްލުވާންޖެހޭ ކަމުގައި ވިދާޅުވި އެވެ. އަދި ތިމާވެށީގެ މައްސަލަތަކާ ގުޅުވައިގެން ނަގައި ޓެކްސް އެ ދާއިރާގައި ހުރި މައްސަލަތައް ހައްލުކުރަން ބޭނުންކުރެވޭނެ ގޮތްތަކެއް ހަދަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.

"އީޕީއޭ މެދުވެރިކޮށް އެ ފައިސާއިން މުހިއްމު ކަންތައްތަކެއް ކުރުމަށްދަނީ ރާވަމުން މިޓެކްސް ފައިސާ މުހިއްމު ކަންތައްތަކަކަށް ހޭދަކުރަން. އެހެންވީމާ ގާނޫނަށް ބަދަލު ގެނައުމުގެ ކުރިން މަޝްވަރާއަށް ވަގުތު ބޭނުންވޭ،" މިނިސްޓަރު ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓްރީގެ ބޭފުޅުންވެސް ވިދާޅުވީ ކޮތަޅު ޓެކްސް ކުޑަކުރުމަކީ މަގުސަދު ހާސިލްވާނެ ކަމެއް ނޫން ކަމަށެވެ.

މީރާގެ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ފަތުހުﷲ ޖަމީލް ވިދާޅުވީ ކޮތަޅު ޓެކްސްގެ މައްސަލައިގައި ވިޔަފާރިވެރިޔާ އަތުން
ދެ ފަހަރަށް ޓެކްސް ނެގޭ މައްސަލަ ހައްލުކުރެވޭނެ އެންމެ ފަސޭހަ މަގަކީ ގާނޫނަށް އިސްލާހު ގެނައުން ކަމަށެވެ.

"އާއްމުން އަތުން ދެ ރުފިޔާ ނެގުމަށްފަހު މީރާއަށް އެ ފައިސާ މިދައްކަނީ ވިޔަފާރިވެރިޔާ. ކޮތަޅުން ނަގާ ޓެކްސް ލާރި ވިޔަފާރިވެރިޔާ އަކަށް ނުލިބޭނެ. ޑަބަލް ޓެކްސޭޝަނާއި އަދި ޖީއެސްޓީ ފޯމާއެކު ކޮތަޅުން ޓެކްސް ނަގަން ޖެހޭގޮތަށް އޮތް އޮތުންވެސް ބަދަލުކުރަން އުސޫލަށް ބަދަލުކުރަންޖެހޭ،" ފަތުހުﷲ ވިދާޅުވި އެވެ.

ކުނި މެނޭޖުކުރުމުގެ ގާނޫނުގައި މިހާރު ބުނެފައިވާ ގޮތުން ކޮތަޅު ބޮނޑި ގަންނަ ފަރާތްތަކުން ހޯލްސޭލް ރޭޓުގައި ކޮތަޅު ބޮނޑި ގަތަސް އެ ބޮނޑީގެ އަގުގެ އިތުރުން އެ ބޮނޑީގައިވާ ކޮންމެ ކޮތަޅަކަށް ދެ ރުފިޔާގެ ފީއެއް ދައްކަން ޖެހެ އެވެ.

މިގޮތަށް ދިމާވީ ކުނި މެނޭޖުކުރުމުގެ ގާނޫނުގެ ބިލް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިއިރު ޕްލާސްޓިކް ކޮތަޅުން ފީ ނެގުމުން އިސްތިސްނާވާ ހާލަތްތަކުގެ ތެރޭގައި 50 ނުވަތަ އެއަށްވުރެ ގިނަ ޕްލާސްޓިކް ކޮތަޅު ހިމެނޭ ކޮތަޅު ބޮނޑި ހިމެނި ނަމަވެސް ބިލް މަޖިލީހުން ފާސްކުރިއިރު ފީ ނެގުން އިސްތިސްނާވާ ހާލަތްތަކުގެ ތެރޭގައި ކޮތަޅު ބޮނޑި ގަތުން ހިމަނާފައި ނުވާތީ އެވެ.

ގާނޫނަށް އިސްލާހު ހުށަހަޅުއްވާފައިވަނީ 50 ނުވަތަ އެ އަށް ވުރެ ގިނަ އަދަދެއްގެ ޕްލާސްޓިކް ކޮތަޅު ހިމެނޭ ކޮތަޅު ބޮނޑިން ފީ އިސްތިސްނާ ކުރުމަށެވެ.