އާމިނަތު ޝައުނާ

އަންނަ އަހަރު އެއް ބިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ: ޝައުނާ

އިއާދަކުރަނިވި ހަކަތަ އުފެއްދުމަށް ސަރުކާރުން ކުރާ މަސައްކަތްތަކާ ގުޅިގެން ދައުލަތުގެ ބަޖެޓުން އެއް ބިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް އެންވަޔަރަންމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ މެނިފެސްޓޯގައި ހިމެނޭ "އިގްތިސާދީ ބޮޑު ބަދަލު" ސިޔާސަތު ހާމަކުރުމަށް ސޯޝަލް ސެންޓަރުގައި ރޭ ބޭއްވި ޖަލްސާގައި މިސިޔާސަތުގައި ހިމެނޭ "ވިލުންތެރި މުޖުތަމައު"ގެ ބައި ހުށަހަޅުއްވައި ދެއްވީ މިނިސްޓަރު ޝައުނާ އެވެ. މިބައިގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ރިޔާސީ ދެވަނަ ދައުރެއް ލިބިވަޑައިގެންފިނަމަ ތިމާވެށީގެ ދާއިރާ އިން ސަރުކާރުން ކުރަން ހުށަހަޅާ ކަންކަމެވެ.

ސިޔާސަތު ހުށަހަޅުއްވަމުން މިނިސްޓަރު ޝައުނާ ވިދާޅުވީ އަވިން ހަކަތަ އުފެއްދުމަކީ މިސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރަމުންދާ މަސައްކަތެއް ކަމަށެވެ.

ރައީސް ސޯލިހް ވެރިކަމަށް ވަޑައިގެންނެވިއިރު ރާއްޖޭގައި އަވިން ހަކަތަ އުފައްދަން ގާއިމުކޮށްފައިވާ ނިޒާމުގެ ތެރެއިން އުފެއްދެނީ އެންމެ 16 މެގަވޮޓް ކަމަށެވެ. ނަމަވެސް ކުރިއަށް އޮތް އަހަރު އެ އަދަދު 121 މެގަވޮޓަށް މަތިވެގެންދާނެ ކަމުގައި ވިދާޅުވި އެެވެ.

"އަޅުގަނޑުމެން ސަރުކާރާ ހަވާލުވިއިރު އެންމެ 16 މެގްވޮޓްގެ ރިނިއުވަބަލް އެނަޖީ ރާއްޖޭގައި ގާއިމުކުރެވިފައިވަނީ. މިއަދު އުފަލާ އެކު އަޅުގަނޑު މި ރިޕޯޓްކޮށްލަނީ [މިވަގުތު] 53 މެގަވޮޓްގެ ރިނޮވެބަލް އެނާޖީ ސިސްޓަމް މުޅި ރާއްޖޭގައި އަޅުގަނޑުމެންނަށް ގާއިމުކުރެވިއްޖެ،" މިނިސްޓަރު ވިދާޅުވި އެވެ.


ޝައުނާ ވިދާޅުވީ ރާއްޖެއަކީ ތެޔޮ އަންދައިގެން ކަރަންޓުގެ ހިދުމަތް ދިނުމަށް ވަރަށް ގިނަ އަދަދެއްގެ ފައިސާ ހަރަދުކުރާ ގައުމެއް ކަމަށެވެ. އެގޮތުން ވިދާޅުވީ ރާއްޖޭގެ އުފެއްދުންތެރިކަމުގެ 10 ޕަސެންޓް -- ގާތްގަނޑަކަށް 500 މިލިއަން ޑޮލަރު ނުވަތަ 7.7 ބިލިއަން ރުފިޔާ ރާއްޖެއިން ތެލަށް ހަރަދުކުރާ ކަމަށެވެ. ނަމަވެސް ރާއްޖެއިން ތެލަށް ކުރާ ހަރަދުން ކުރިއަށް އޮތް އަހަރުގެ ތެރޭގައި ގާތްގަނޑަކަށް އެއް ބިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް ވިދާޅުވި އެވެެ.

މިނިސްޓަރު ވިދާޅުވީ ރައީސް ސޯލިހްގެ ސަރުކާރުގައި ސިޔާސަތަކީ ތިމާވެށްޓަށް އިސްކަން ދީގެން ރާއްޖެ ތަރައްގީކުރުން ކަމަށެވެ. ތިމާވެށީގެ ދާއިރާ އިން ސަރުކާރުން ކަނޑައަޅާފައިވާ އަމާޒުތަކަށް ވާސިލްވުމަށް ކުރަމުންދާ މަސަައްކަތްތަކުގައި ހުރިހާ އެންމެންގެ ބައިވެރިވުން ބޭނުންވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

އެމްޑީޕީން ރޭ ހާމަކުރި ސިޔާސަތުގައި ތިމާވެށީގެ ދާއިރާއިން ފަރުދުންގެ ލެވަލްގައި އަދި ރަށާއި އަތޮޅާއި ގައުމީ ލެވަލްގައި ކުރެވޭނެ ކަންތައްތަކެއްވެސް ހިމަނާފައިވެ އެވެ.