ތިމާވެށި

12 ސަރަހައްދެއް ހިމާޔަތްކޮށްފި

ވ. އަތޮޅާއި ބ. އަތޮޅުގައި ތިމާވެށީގެ ގޮތުން ފާހަގަކުރެވޭ 12 ސަރަހައްދެއް ހިމާޔަތްކޮށްފައިވާ ސަރަޙައްދުތަކެއްގެ ގޮތުގައި ކަނޑައަޅައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މިގޮތަށް ނިންމެވީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ހުށަހެޅި ކަރުދާހަކަށް ވަޒީރުން މަޝްވަރާކުރެއްވުމަށްފަހު ދެއްވެވި ލަފާފުޅާ ގުޅިގެންނެވެ.

ވަކި ސަރަހައްދުތަކެއް ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކުގެ ގޮތުގައި ކަނޑައެޅުއްވީ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ބާރުގެ ތެރެއިންނެވެ.

ހިމާޔަތް ކުރި ސަރަހައްދުތައް

  • ވ. ކަވަރުފަޅު ސަރަޙައްދު
  • ވ. ފޮއްތެޔޮ ސަރަޙައްދު
  • ވ. ހިނގާކުޅީ ފިނޮޅު ސަރަޙައްދު
  • ވ. ތުޑުހުރާ
  • ވ. ރުއްހުރި ހުރާ
  • ވ. ރަކީދޫ ކޯނަ
  • ވ. ފުށިފަރު ފަރުގެ ސަރަޙައްދު
  • ވ. ހުރާ ފަޅު
  • ބ. ހުރާފަރު ސަރަޙައްދު
  • ބ. ދަރަވަންދޫ ތިލަ ސަރަޙައްދު
  • ބ. ނެލިވަރު ސަރަޙައްދު
  • ބ. އިންނަފުށި ސަރަޙައްދު

ހިމާޔަތް ކުރަން ނިންމި ތަންތަނަކީ ތިމާވެށީގެ ގޮތުން ހާއްސަ ސިފަތަކެއް ލިބިގެންވާ، ދިރޭތަކެތީގެ ނަސްލުން މުއްސަނދިވެފައިވާ ގުދުރަތީ ރީތި މަންޒަރުތަކެއް ހިމެނޭ ތިމާވެށީގެ ހާއްސަ ހިދުމަތްތަކަކާއި ވަސީލަތްތަކެއް ފޯރުކޮށްދޭ ސަރަހައްދުތަކެކެވެ.

ރައީސް އޮފީހުން ބުނީ މި ތަންތަން ހިމާޔަތް ކުރުމަށް ނިންމަވާފައިވަނީ ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން 2019-2023ގެ ދަށުން ކޮންމެ އަތޮޅަކުން މަދުވެގެން ފަރުގެ 10 ޕަސަންޓް ސަރަހައްދާއި، ކުޅި، ފާ، ޗަސްބިމުގެ 20 ޕަސަންޓް ހިމާޔަތްކުރުމާއި، ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ރަށާއި، އެއް ފިނޮޅާއި، އެއް ފަރާއި، އެއް ކަނޑޫފާ ޗަސްބިން ހިމާޔަތްކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ކަމަށެވެ.