ތިމާވެށި

އެތެރެކުރުން މަނާ ޕްލާސްޓިކްގެ ބާވަތްތައް އަލުން ކަނޑައަޅުއްވައިފި

Dec 20, 2022
1

ރާއްޖެއަށް އެތެރެކުރުމާއި އުފެއްދުމާއި ބާޒާރަށް ނެރުން މަނާ ސިންގަލް- ޔޫޒް ޕްލާސްޓިކްގެ ބާވަތްތަކުގެ ލިސްޓު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ ގަރާރަކުން ކަނޑައަޅުއްވައިފި އެވެ.

މި ލިސްޓް މީގެކުރިން ވެސް ރައީސް ސޯލިހް ވަނީ ކަނޑައަޅުއްވާފަ އެވެ. އޭރު އެކަން ކުރެއްވީ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުންނެވެ.

ކުނި މެނޭޖުކުރުމުގެ ގާނޫނުގެ ދަށުން އަލުން މި ލިސްޓް އެކުލަވާލީ މި ގާނޫނަށް އަމަލުކުރަން ފެށުމާ އެކު ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ އެއްވަނަ މާއްދާ އިން ފެށިގެން އަށްވަނަ މާއްދާއާ ހަމައަށް ހުރި މާއްދާތައް އުވިގެން ދިއުމާ ގުޅިގެންނެވެ.

ޕްލާސްޓިކުން ތައްޔާރުކޮށްފައި ހުންނަ އެއްޗެތީގެ ތެރެއިން ތިމާވެެއްޓަށް ގެއްލުންދޭ 13 ބާވަތެއް، ލިސްޓުގައި ބަޔާންކޮށްފައިވާ ވަކި ތާރީހުތަކަކުން ފެށިގެން އެތަކެތި ރާއްޖޭގައި އުފެއްދުމާއި ބާޒާރަށް ނެރުން މަނާ ކަމުގައި ގަރާރުގައި ކަނޑައަޅުއްވާފައިވެ އެވެ.

ރާއްޖެ އެތެރެކުރުން މަނާކުރި ބާވަތްތަކުގެ ތެރޭގައި ޖޫސް ފަދަ ތަކެތި ބޯން ބޭނުން ކުރާ ޕްލާސްޓިކް ހޮޅި، ޕްލާސްޓި ތަށި، ސަމްސާ، އޫ، ޕްލާސްޓިކް ދަނޑިކޮޅު، ކާބޯތަކެތީ ބަންދު ކުރަން ބޭނުން ކުރާ ސްޓައިރަފޯމް ފޮށި، އެއްފޫޓަށް ވުރެ ކުދި ޕްލާސްޓިކް ކޮތަޅު، 50 މައިކްރޯންއަށްވުރެ ތުނި ޕްލާސްޓިކް ކޮތަޅު، ޕްލާސްޓިކްގައި ބަންދުކޮށްފައި ހުންނަ ސުޕާރީ، އެއްފަހަރާ ބޭނުން ކުރެވޭ ޕްލާސްޓިކް ތަށި ޕްލާސްޓިކް ދަނޑިކޮޅު ލައިފައި ހުންނަ ކަފަބުރު، 50 އެމްއެލް އާއި 50 އެމްއެލްއަށްވުރެ ކުދި ޕްލާސްޓިކް ފުޅިތަކުގައި ބަންދުކޮށްފައި ހުންނަ ސައިބޯނި، ޝޭމްޕޫ، ކޮންޑިޝަނަރ، ލޯޝަން، ހިމެނެ އެވެ. އަދި 50 އެމްއެލް އިން ފެށިގެން 200 އެމްއެލްއާ ހަމައަށް ހިމެނޭ ޕްލާސްޓިކް ފުޅިތަކުގައި ބަންދުކޮށްފައި ހުންނަ ސައިބޯނި، ޝޭމްޕޫ، ކޮންޑިޝަނަރ، ލޯޝަން އާއި ރާއްޖޭގައި އުފައްދާ އަދި ބޭނުންކުރާ 500 އެމްއެލްއަށްވުރެ ކުދި ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން، ރާއްޖޭގައި އުފައްދާ އަދި ބޭނުންކުރާ އެއް ލީޓަރާއި އެއް ލީޓަރަށްވުރެ ކުދި ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން، އަދި ރާއްޖޭގައި އުފައްދާ އަދި ބޭނުން ކުރާ 500 އެމްއެލްއަށްވުރެ ކުދި ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ތައްޔާރީ ބުުއިންތައް ވެސް ހިމެނެ އެވެ.

މީގެ ތެެރެއިން 50 މައިކްރޯންއަށް ވުރެ ތުނި ޕްލާސްޓިކް ކޮތަޅު ބާޒާރަށް ނެރުން މަނާ ވާނީ އަންނަ އަހަރުގެ މާޗް މަހުން ފެށިގެންނެވެ. އަދި 50 އެމްއެލް އިން ފެށިގެން 200 އެމްއެލްއާ ހަމައަށް ހިމެނޭ ޕްލާސްޓިކް ފުޅިތަކުގައި ބަންދުކޮށްފައި ހުންނަ ސައިބޯނި، ޝޭމްޕޫ، ކޮންޑިޝަނަރ އަދި ލޯޝަން ވެސް ބާޒާރަށް ނެރުން މަނާ ވާނީ އަންނަ އަހަރުގެ މާޗް މަހުން ފެށިގެންނެވެ. ރާއްޖޭގައި އުފައްދާ އަދި ބޭނުންކުރާ އެއް ލީޓަރާއި އެއް ލީޓަރަށްވުރެ ކުދި ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން ބާޒާރަށް ނެރުން މަނާ ވާނީ 2024 ވަނަ އަހަރުގެ މާޗް މަހުން ފެށިގެންނެވެ.