ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ވަންގަވްއާ އެކު ފެށިގެންދާނީ ޑިޖިޓަލް ސަރުކާރެއް: ރައީސް

"ވަންގަވް"އާ އެކު ރާއްޖޭގައި ފެށިގެން ދާނީ ޑިޖިޓަލް ސަރުކާރެއްގެ ފެށުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ސަލްޓަން ޕާކްގައި މިއަދު ހެނދުނު "ވަންގަވް" އިފްތިތާހް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ސޯލިހް ވިދާޅުވީ ވަންގަވްއާ އެކު ފެށިގެންދާ ޑިޖިޓަލް ސަރުކާރުގެ އެންމެ ހާއްސަ ސިފައަކީ ސަރުކާރުގެ ތެރެއިން އެމީހަކު ހޯދަން ބޭނުންވާ ހިދުމަތެއް އެމީހަކު ހުރި ތަނަކުން އެމީހަކާ ހަމައަށް ފޯރުކޮށްދިނުން ކަމަށެވެ.

"މިއީ ރާއްޖެ ފަދަ ޖަޒީރާވަންތަ ގައުމަކަށް މުހިއްމު ޕްލެޓްފޯމެއް. މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމުގައާއި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށްވެސް މުހިއްމު ޕްލެޓްފޯމެއް،" ރައީސް ވިދާޅުވި އެވެ.

ވަންގަވްގެ ހިދުމަތާއެކު ހިދުމަތްތައް ހޯދުމަށް ކަނޑުހުރަސްކޮށް ދަތުރުކޮށް އިދާރާތަކަށް ދާންޖެހޭޖެހުމާއި ބޭނުންވާ ހުރިހާ މައުލޫމާތެއް ލިބޭގޮތް ނުވުމާއި ހިދުމަތްތައް ހޯދުމަށް ފޯމުތައް ޕްރިންޓްކޮށް އުފުލަންޖެހޭ ތަކުލީފުތަކަށް ލުއި ލިބިގެންދާނެ ކަމަށް ސަރުކާރުން ބުނެ އެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ ވަންގަވްގެ ހިދުމަތްތަކަށް ހަފްތާގެ ހަތް ދުވަހު 24 ގަޑިއިރު އެދެވޭނެކަން ފާހަގަކުރައްވާފަ އެވެ.

ރައީސް އިތުރަށް ވިދާޅުވީ ވަންގަވްގެ ސަބަބުން ކޮރަޕްޝަނަށް އޮތް ފުރުސަތުތައް ހަނިވެގެންދިޔުމާއި ކަރުދާސް ބޭނުންކުރަންޖެހޭ މިންވަރު މަދުވެ، ތިމާވެށީގެ ގޮތުންނާއި އިގްތިސާދީ ގޮތުންވެސް ފައިދާތަކެއް ލިބިގެންދާނެ ކަމަށެވެ.

ވަންގަވް އަށް ލޮގިން ކުރެވެނީ "އީފާސް" މެދުވެރިކޮށެވެ. ވަންގަވްގެ ތެރެއިން ލިބޭ ލުއިފަސޭހަތަކުގެ ބޭނުން ހިފުމަށް ވީހާވެސް ގިނަ ރައްޔިތުން "އީފާސް" ހެދުމަށްވެސް ރައީސް މިއަދު ވަނީ އިލްތިމާސްކުރައްވާފަ އެވެ.

ރައީސް އޮފީހުން ބުނީ މިއަދު ވަންގަވް އިފްތިތާހް ކުރީ ހަ އިދާރާއެއްގެ ހިދުމަތްތަކާ އެކުގައި ކަމުގައިވިޔަސް މި ހިދުމަތް ފުޅާކުރެވި ސަރުކާރުގެ ހުރިހާ އިދާރާތައް މީގެ ތެރޭގައި ހިމެނިގެން ދާނެ ކަމަށެވެ.

ވަންގަވްގެ ހިދުމަތްތައް ހޯދުމުގައި އެހީތެރިކަމަށް ބޭނުންވެއްޖެ ހާލަތެއްގައި އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ރާއްޖޭގެ ތިން ސަރަހައްދެއްގައި ސަޕޯޓް ސެންޓަރުތައް މިހާރުވެސް ވަނީ ގާއިމުކޮށްފަ އެވެ. އެގޮތުން އެތަންތަނަށް ގޮސްގެންނާއި ކޯލް ސެންޓަރު މެދުރިކޮށް އަދި އޮންލައިންކޮށް އެހީތެރިކަން ހޯދޭނެ އިންތިޒާމު ވަނީ ހަމަޖައްސާފަ އެވެ.