މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ

ގްރީން ފަންޑުގެ އެހީ ފުރަތަމަ ފަހަރަށް ކައުންސިލްތަކަށް

ގްރީން ފަންޑުގެ އެހީގައި ކުނި މެނޭޖުކުރުމުގެ މަސައްކަތްތަކަށް ލޯކަލް ކައުންސިލްތަކަށް ސަރުކާރުން ފުރަތަމަ ފަހަރަށް މާލީ އެހީތެރިކަން ފޯރުކޮށްދީފި އެވެ.

ކައުންސިލްތަކަށް އެހީވުމުގެ ގޮތުން ފައިސާ ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވަނީ ގްރީން ފަންޑުން 30.8 މިލިއަން ރުފިޔާ ކައުންސިލްތަކާ ހަވާލުކޮށްފަ އެވެ.

މިރަސްމިއްޔާތުގައި އެންވަޔަރަންމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވީ، ތިމާވެށީގެ މައްސަލަތަކުގެ ތެރެއިން ރާއްޖެއަށް ހައްލުކުރަން ދަތިވެފައި އޮތް އެންމެ ބޮޑު މައްސަލައަކީ ކުނީގެ މައްސަލަ ކަމަށެވެ.

"މައްސަލަ ހައްލު ކުރުމަށް ސަރުކާރުން ގެންދަނީ ކައުންސިލްތަކާއި ގުޅިގެން މަސައްކަތްތަކެއް ކުރަމުން،" ޝައުނާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ކުނީގެ މައްސަލަ ހައްލުނުވެ ދިގުލައިގެން ގޮސްފައިވަނީ މާލީ ގޮތުން ކައުންސިލްތަކަށް ބޭނުންވާ އެހީތެރިކަން ކައުންސިލްތަކަށް ލިބިފައި ނުވާތީ ކަމަށެވެ. ނަމަވެސް ސަރުކާރުން މިހާރު ހަމަޖައްސައިދީފައިވާ ފައިސާ ބޭނުންކޮށްގެން ކުނި ނައްތާލުމަށް ބޭނުންވާ ވަސީލަތްތައް ހޯދޭނެ ކަމުގައި ވިދާޅުވި އެވެ.

"ފައިސާގެ އެހީ ކައުންސިލް ތަކަށް ފޯރުކޮށްދޭނީ ރަށުގެ އާބާދީއާއި، ގޭބިސީއާއި، ރަށުގެ ބޮޑުމިނާއި، ކުނި އުފެދޭ މިންވަރަށް ބަލާފައި،" މިނިސްޓަރު ވިދާޅުވި އެވެ.

ކުނީގެ މައްސަލަ ހައްލުކުރުމުގެ ގޮތުން ސަރުކާރުން ގެންދަނީ ރާއްޖެ ހަތް ސަރަހައްދަކަށް ބަހާލައިގެން ތިން ސަރަހައްދެއްގައި ޒަމާނީ ވޭސްޓް މެނޭޖްމަންޓް ސެންޓަރުތައް ގާއިމުކުރަމުންނެވެ. މިމަސައްކަތުގެ ބޮޑު ބައި މިހާރު ވަނީ ނިމިފަ އެވެ.

ރާއްޖެ އަންނަ ފަތުރުވެރިންގެ އަތުން ނަގާ ގްރީން ޓެކްސް ޖަމާކުރަނީ ގްރީން ފަންޑަށް ކަމަށްވެފައިވާ މި ފައިސާ އަކީ ތިމާވެށީގެ މައްސަލަތަކަށް ހަރަދުކުރަންޖެހޭ ފައިސާ އެވެ. ނަމަވެސް ފަންޑުގެ ފައިސާ އެންމެ ހެޔޮ ގޮތުގައި ހަރަދު ނުކުރާކަން ބައެއް ކައުންސިލްތަކުން މީގެކުރިން ފާހަގަކޮށްފައިވެ އެވެ.