އާމިނަތު ޝައުނާ

އެފްކޮންސްގެ ޖޫރިމަނާ މާފެއް ނުކުރާނެ

ތިލަމާލެ ބްރިޖު މަސައްކަތަށް ބޭނުންކުރި ޕްލެޓުފޯމް ވިލިމާލެ ފަރަށް އެރުމުން ކުރި ޖޫރިމަނާ މާފުކުރުމުގެ ސިޔާސަތެއް ނެތް ކަމަށް އެންވަޔަރަންމަންޓް މިނިސްޓަރު އާމިނަތު ޝައުނާ މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާއި ސުވާލުކުރުމުގެ ފުރުސަތުގައި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވަނީ އެފްކޮންސްގެ ޖޫރިމަނާގެ އިސްތިއުނާފާއި ގުޅޭ ގޮތުން މިނިސްޓްރީން ވާހަކަ ނުދައްކަނީ ވަކި ބަޔަކަށް މަންފާ ހޯދައިދިނުމަށްތޯ ސުވާލު ކުރައްވާފަ އެވެ.

މިނިސްޓަރު ޝައުނާ ވިދާޅުވީ ވަކިބަޔަކަށް ފައިދާވާ ގޮތަށް ސަރުކާރުން އެއްވެސް ކަމެއް ނުނިންމާނެ ކަމަށެވެ.

"ސަރުކާރުން ހުރިހާ ކަމެއްވެސް ނިންމާނީ އުސޫލުތަކާ އެއްގޮތަށް. ފެއާނެސްއާ އެއްގޮތަށް. އަޅުގަނޑު މި ދަންނަވަނީ އެފްކޮންސްގެ މައްސަލައާ ގުޅިގެން މިހާރު ހުށަހެޅިފައި އޮތް މައްސަލައަށް މާފުކުރުމުގެ އެއްވެސް ނިޔަތެއްވެސް އެއްވެސް ސިޔާސަތެއްވެސް އަޅުގަނޑުމެންގެ ނެތް،" ޝައުނާ ވިދާޅުވި އެވެ.

ތިލަމާލެ ބްރިޖު އެޅުމަށް އިންޑިއާގެ އެފްކޮންސް ކުންފުނިން ބޭނުން ކުރި ޕްލެޓްފޯމް ފަރަށް އެރީ އޮގަސްޓް 16، 2022 ވަނަ ދުވަހު އެވެ. ޕްލެޓްފޯމް ނެގީ އޮގަސްޓް 27، 2022 ވަނަ ދުވަހު އެވެ.

ޕްލެޓްފޯމް ފަރަށް އެރުމާ ގުޅިގެން ލިބުނު ގެއްލުންތައް ބެލުމުގެ ދިރާސާ އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ފެށީ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.

އިންޑިއާގެ އެފްކޮންސް ކުންފުނިން ތިލަމާލެ ބްރިޖުގެ މަސައްކަތަށް ވިލިމާލެ ފަރު ކައިރީގައި ހެދި ޕްލެޓްފޯމް ފަރަށް އެރުމާ ގުޅިގެން 69 މިލިއަން ރުފިޔާ އިން އެ ކުންފުނި ޖޫރިމަނާކުރި އެވެ.

ޖޫރިމަނާ އިސްތިއުނާފުކުރަން އެ ކުންފުނިން އެންވަޔަރަމަންޓް މިނިސްޓަރަށް ހުށަހެޅީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ.