މުހައްމަދު އަސްލަމް

ބްރިޖުގެ ކޮލިޓީއާ މެދު ކަންބޮޑުވުމެއް ނެތް: އަސްލަމް

ތިލަމާލެ ބްރިޖު މަޝްރޫއުގެ ކޮލިޓީ ދަށްކަމަށް ބުނެ އެކަމުގެ ކަންބޮޑުވުން އިންޖިނިއަރެއްގެ ފަރާތުން އިވިވަޑައިގެންފައިނުވާ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ ފުރުސަތުގައި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވަނީ އެފްކޮންސް ކުންފުނިން މަސައްކަތް ކުރަމުންދާ ތިލަމާލެ ބްރިޖު މަޝްރޫއުގެ ކޮލިޓީއާމެދު ރާއްޖޭގެ ވަރަށް ގިނަ އިންޖިނިއަރުންގެ ކަންބޮޑުވުން ހުރި ކަމަށް ވިދާޅުވެފަ އެވެ. އޭގެ އިތުރުން ބައިނަލްއަގްވާމީ ވަރަށް ގިނަ ފަރާތްތަކުގެ ކަންބޮޑުވުން އޮތް ކަމަށް އަޑު އިވިފައިވާ ކަމަށް ވިދާޅުވެފަ އެވެ.

މިނިސްޓަރު އަސްލަމް ވިދާޅުވީ ތިލަމާލެ ބްރިޖާއި ގުޅޭ ގޮތުން މިހާތަނަށް އެއްވެސް އިންޖިނިއަރެއް ކަންބޮޑުވުން ފާޅުކުރިކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ.

"ރާއްޖެއިން ބޭރުގެ ބަޔަކު އެކަހަލަ ވާހަކައެއް ދެކި ވާހަކައެއްވެސް ނާހަން،" މިނިސްޓަރު އަސްލަމް ވިދާޅުވި އެވެ.

މިނިސްޓަރު އަސްލަމް ވިދާޅުވީ ތިލަމާލެ ބްރިޖު ފަދަ ބޮޑު އިންފްރާސްޓްރަކްޗާއަކާ ބެހޭ ގޮތުން މަޖިލީހުގައި ވާހަކަ ދައްކާއިރު ޒިންމާދާރު ގޮތަކީ އެކަން ސާބިތުކުރުން ކަމަށެވެ.

"އެފްކޮންނުން ކުރާ މަސައްކަތުގެ ކޮލިޓީގައި މައްސަލައެއް އުޅޭ ކަމަށް ދިވެހިރާއްޖޭގެ އިންޖިނިއަރުންތަކެއް އެބަ ބުނާ ކަމަށް ވިދާޅުވާ ވިދާޅުވުން ސަބްސްޓެންޝިއޭޓް (ސާބިތު) ކޮށްފަ ނޫނިއްޔާ އަޅުގަނޑު ގަބޫލެއް ނުކުރަން މިތަނުގައި އެ ވާހަކަ ދެއްކޭނެ ކަމަކަށް،" މިނިސްޓަރު އަސްލަމް ވިދާޅުވި އެވެ.

ބްރިޖާއި ކޯޒްވޭ ހިމެނޭ ގޮތަށް ހަދަން ނިންމާފައިވާ ތިލަމާލެ ބްރިޖަކީ ގާތްގަނޑަކަށް 6.695 ކިލޯ މީޓަރު ދިގު ބްރިޖެކެވެ.

އިންޑިއާ ސަރުކާރުން ފަންޑުކޮށްގެން ތިލަމާލެ ބްރިޖު އަޅަނީ އިންޑިއާގެ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ އާއި 400 މިލިއަން ޑޮލަރުގެ ލޯނު ފައިސާއިންނެވެ.