ހަބަރު

ދެ މިނިސްޓްރީ އެއްކުރުމުން ދައްޗެއް ނުވޭ: އަސްލަމް

މީގެ ކުރިން ވަކި ދެ ވުޒާރާއެއްގެ ގޮތުގައި އޮތް ހައުސިންގް މިނިސްޓްރީ އާއި ޕްލޭނިން އަދި އިންފްރާސްޓްރަކްޗާ އެއް ކޮށްލުމުން ދަތިތައް ކުރިމަތިވެ، މަސައްކަތްތައް ލަސްވާކަމަށް ގަބޫލުނުކުރައްވާކަމަށް އެ ދެ މިނިސްޓްރީއާ މިހާރު ހަވާލުވެ ހުންނެވި މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެއްޖެ އެވެ.

ހައުސިން މިނިސްޓްރީ އާއި ޕްލޭނިން މިނިސްޓްރީ އެއްކޮށްލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމެވީ ކުރިން ހައުސިން މިނިސްޓަރު ކަމުގައި ހުންނެވި އައިމިނަތު އާތިފާ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. އެމްއާރުއެމްގެ ސްލޮޓެއްގައި އެ މަގާމަށް އައްޔަންކުރި އާތިފާ އިސްތިއުފާ ދެއްވީ އަލާސްކަންފުޅާ އުޅުއްވާތީ އެވެ.

ހައުސިން މިނިސްޓްރީ އާއި ޕްލޭނިން މިނިސްޓްރީ އެއްކޮށްލައިގެން އުފެއްދި އާ މިނިސްޓްރީގެ މިނިސްޓަރަށް އައްޔަން ކުރެއްވި އަސްލަމަކީ ދެ މިނިސްޓްރީ އޮތްއިރު ޕްލޭނިން މިނިސްޓަރުގެ މަގާމުގައި ހުންނެވި މިނިސްޓަރެވެ.

ލ. ފޮނަދޫ މަގު ހެދުމުގެ ދެވަނަ ފިޔަވަހި މިއަހަރުގެ ބަޖެޓުގައި ހިމެނިފައިވަނިކޮށް، ބަޖެޓުގައި ނުހިމެނޭ ރ. ދުވާފަރު މަގު ހެދުމުގެ ދެ ވަނަ ފިޔަވަހި 37.8 މިލިއަން ރުފިޔާއަށް ބޮޑުކުރުމަށްފަހު މިދިއަ ހަވާލުކޮށްފައިވާތީ، ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ހުށަހެއްޅުވި ސުވާލަށް ޖަވާބު ދެއްވަން އަސްލަމް މިއަދު ވަނީ މަޖިލީހަށް ހާޒިރުކޮށްފަ އެވެ.

ސިރާޖުގެ ސުވާލަށްފަހު އިތުރު ސުވާލު ކުރަން ލިބުނު ފުރުސަތުގައި، އެކި ރަށްރަށުގެ މަޝްރޫއުތަކާ ގުޅޭގޮތުން ޖަވާބު ދޭން ވެސް ދަތިވާ މިންވަރަށް ގިނަ ސުވާލުތަކެއް މިއަދުވެސް އަސްލަމަށް އަމާޒުވެފައިވާއިރު، އެމްޑީޕީ ކޮންޓްރޯލްކުރާ މަޖިލީހުގައި ނުތަނަވަސްކަމެއް އިހުސާސު ކުރެއްވޭ ކަމަށް މާވަށު ދާއިރާގެ އިދިކޮޅު މެންބަރު މުހައްމަދު ސައީދު ވަނީ ވިދާޅުވެފަ އެވެ.

މިގޮތުން، ދެ ވުޒާރާ އެކުވީމާ މަސައްކަތްތަކަށް ލަސްވުމެއް އަންނަނީތޯ ސައީދު ވަނީ އަސްލަމާ ސުވާލު ކުރައްވައިފަ އެވެ.

"އަޅުގަނޑު ގަބޫލެއް ނުކުރަން އެކަހަލަ އުނދަގުލެއް ވާކަމަށް. 2008 ވަނަ އަހަރު އުފެދުނު ސަރުކާރުގައި އަޅުގަނޑު ހަވާލުވީ އޭރުގެ ރައީސުލްޖުމްހޫރިއްޔާ ހަތަރު ވުޒާރާ އެއްކޮށްލާފައި އުފެއްދި ވުޒާރާއަކާ ހަވާލުވެ އޭރުވެސް އެކަން އަޅުގަނޑަށް ކުރެވުނު. އެހެންވީމާ އަޅުގަނޑު ގަބޫލެއް ނުކުރަން [މިހާރު] އެކަހަލަ ދަތިކަމެއް އަޅުގަނޑަށް ވާކަމަކަށް،" ސައީދުގެ ސުވާލަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވި އެވެ.

މިއަދުގެ ޖަލްސާގައި މަޖިލީހުގެ ބައެއް މެންބަރުންގެ ދާއިރާތަކުގައި ތަރައްގީގެ މަޝްރޫއުތައް "ކޮންމެވެސް ނުފޫޒެއް" މެދުވެރިގެން މާ ބާރަށް ކުރިއަށްގެންދާކަމުގެ ތުހުމަތު އަސްލަމަށް ވަނީ އަމާޒުވެފައި އެވެ.