ހަބަރު

ނުފޫޒުން ބައެއް މަޝްރޫއު އަވަސް ކުރާކަމުގެ ތުހުމަތު އަސްލަމަށް

ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންގެ ދާއިރާތަކުގައި ތަރައްގީގެ މަޝްރޫއުތައް "ކޮންމެވެސް ނުފޫޒެއް" މެދުވެރިގެން މާ ބާރަށް ކުރިއަށްގެންދާކަމުގެ ތުހުމަތު ހައުސިންގް އަދި ޕްލޭނިންގް މިނިސްޓަރު މުހައްމަދު އަސްލަމަށް މިއަދު މަޖިލީހުގެ ޖަލްސާގައި އަމާޒުވެއްޖެ އެވެ.

ލ. ފޮނަދޫ މަގު ހެދުމުގެ ދެވަނަ ފިޔަވަހި މިއަހަރުގެ ބަޖެޓުގައި ހިމެނިފައިވަނިކޮށް، ބަޖެޓުގައި ނުހިމެނޭ ރ. ދުވާފަރު މަގު ހެދުމުގެ ދެ ވަނަ ފިޔަވަހި 37.8 މިލިއަން ރުފިޔާއަށް ބޮޑުކުރުމަށްފަހު މިދިއަ ހަވާލުކޮށްފައިވާތީ، ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ހުށަހެއްޅުވި ސުވާލަށް ޖަވާބު ދެއްވަން އަސްލަމް މިއަދު ވަނީ މަޖިލީހަށް ހާޒިރުކޮށްފަ އެވެ.

އެ ސުވާލުގެ ޖަވާބުގައި އަސްލަމް ވިދާޅުވީ ވޭރިއޭޝަންގެ ގޮތުގައި ކަނޑައެޅިފައިވާ އަދަދަށް ވުރެ ބޮޑުކޮށް، ކުރިން އެއް ބައި ނިމިފައިވާ މަޝްރޫއުތައް ވިދިގެން އަންނަ އަހަރު ކުރިއަސް ގެންދިއުމަކީ ސަރުކާރުތަކުން ކުރަމުން އަންނަ ކަމެއް ކަމަށެވެ.

ނަމަވެސް، މިނިސްޓަރު ދެއްވި ޖަވާބު ބަލައިގަންނަން ދަތިކަމަށް ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

މިގޮތުން، އެމަނިކުފާނު ވިދާޅުވީ. ލ. ފޮނަދޫ އަދި ރ. ދުވާފަރުގެ މަގު ހެދުމަށް 19 މިލިއަނެއްހާ ރުފިޔާ ބަޖެޓުކޮށްފައިވާއިރު، އެއް ރަށެއްގައި 37 މިލިއަން ރުފިޔާއަށް ބަޖެޓު ބޮޑުކޮށްގެން މަޝްރޫއު ކުރިއަށް ގެންދިއުމަކީ ވޭރިއޭޝަންއެކޭ ބުނެ ފަރުޖައްސާލެވޭނެ ކަމެއް ނޫން ކަމަށެވެ.

ސިރާޖުގެ ސުވާލަށްފަހު އިތުރު ސުވާލު ކުރަން ލިބުނު ފުރުސަތުގައި، އެކި ރަށްރަށުގެ މަޝްރޫއުތަކާ ގުޅޭގޮތުން ގިނަ ސުވާލުތަކެއް މިއަދުވެސް އަސްލަމަށް އަމާޒުވެފައިވާއިރު، އެކަމަށް އިޝާރާތް ކުރައްވައި ނަޝީދު ވިދާޅުވީ އެފަދަ ސުވާލުތަކާއި އިހުސާސްތައް މެންބަރުންގެ ފަރާތުން ފެންނަމުންދަނީ ވަކި ދާއިރާތަކެއްގެ މަޝްރޫއުތައް މާ ބާރަށް ކުރިއަށްދާ މަންޒަރު ފެންނަމުންދާތީ ކަމަށެވެ.

އަދި އެ ގޮތަށް މެދުވެރިވަނީ، ސަރުކާރުގެ ތެރެއިން ބައެއް މެންބަރުންނާ އޮންނަ ގާތް ކަމެއްގެ ސަބަބުން ކަމަށް ނަޝީދު މިއަދު ތުހުމަތު ކުރެއްވި އެވެ.

"މެންބަރުންގެ ސުވާލުތަކާއި އިހުސާސްުތައް ހަގީގަތުގައި ގުޅިފައިވަނީ ދެ ރަށެއްގެ މައްސަލައެއްގައި އެއް ނޫން. މެންބަރުންނަށް މި ފެންނަނީ ވަޒީރުގެ މިނިސްޓްރީއަށް ކޮންމެވެސް ނުފޫޒެއް އައިސްގެން ބައެއް މެންބަރުންނަށް މާ ބޮޑު ބުރަދަނެއް ދެވިގެން. އެއީ ވެދާނެ އެ ބޭފުޅުންނާ އެކި ގޮތްގޮތުން މާ ގާތް ބޭފުޅުންނަށްވެގެން ނުވަތަ އެހެން ކަހަލަ ކަންކަން ވެގެން މަސައްކަތްތައް ބައެއް ދާއިރާތަކުގައި މާ ބާރަށްދާ ކަމަށް،" މެންބަރުންގެ ކަންބޮޑުވުންތަކާ އެއްބަސްވެވަޑައިގެންނަވާކަން ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވި އެވެ.

އެފަދަ ގޮތަކަށް އަތޮޅު ތެރޭގައި މަޝްރޫއުތައް ކުރިއަށް ގެންދާނަމަ، ބޮޑެތި މައްސަލަތައް އުފެދޭނެކަމުގެ އިންޒާރުވެސް އެމަނިކުފާނު މިއަދު ދެއްވި އެވެ.

މި ކަންކަމުން އެބަ ސާފުވޭ މީގައި ކަމެއް އުޅޭކަން. އަޅުގަނޑުގެ ވާހަކައަކީ ރެކިވަޑައިނުގަންނަވާށޭ އެގޮތަށް ދާއިރާތަކުގައި ޕްރޮޖެކްޓުތައް ގެންދަވާފިއްޔާ ވަރަށް ބޮޑު އިމްބެލެންސް، ވަރަށް ބޮޑެތި މައްސަލަ އުފެދިގެން އަންނާނެއޭ،" ނަޝީދު ތަކުރާރުކޮށް ވިދާޅުވި އެވެ.

ނަޝީދު މި ފަދަ ތުހުމަތެއް ކުރައްވާފައިމިވަނީ، އެމަނިކުފާނާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެމެދު އުފެދިފައިވާކަމަށް ތުހުމަތުކުރެވޭ ކޯޅުމެއްގެ ތެރެއިން، އެމްޑީޕީ ކޮންޓްރޯލްކުރާ މަޖިލީހުގައި ދެ ފެކްޝަނެއް އުފެދިގެން އުޅޭކަމުގެ އަޑުތައް ގަދަވެފައިވާ ދަނޑިވަޅެއްގައި އެވެ.

މިގޮތުން، ރައީސް ސޯލިހަށް ވަފާތެރި މެންބަރުންގެ ދާއިރާތަކުގެ މަޝްރޫއުތަކަށް ސަރުކާރުގެ ތެރެއިން އިސްކަންދޭ ކަމުގެ ތުހުމަތުތައްވެސް މި ފަހުން ވަނީ ފެންމަތިވެފައި އެވެ.