ރައްޔިތުންގެ މަޖިލިސް

މިނިސްޓަރު އަސްލަމަށް މަޖިލީހުން ރުހުން ދީފި

ޕްލޭނިން މިނިސްޓްރީ އާއި ހައުސިން މިނިސްޓްރީ އެއްކޮށްލައި އުފައްދާފައިވާ އާ މިނިސްޓްރީގެ މިނިސްޓަރުގެ މަގާމަށް އައްޔަންކުރި މިނިސްޓަރު މުހައްމަދު އަސްލަމަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ މިނިސްޓަރުގެ މަގާމަށް އައްޔަން ކުރި އަސްލަމަށް ރުހުން ދޭން ފާސްކުރީ 65 މެންބަރުންގެ ވޯޓުންނެވެ. ރުހުން ދޭން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ.

މިނިސްޓަރު އަސްލަމަށް މަޖިލީހުން ރުހުން ދޭން މިއަދު ފާސްކުރިއިރު، ގާނޫނު އަސާސީގައި ބުނާ ގޮތުން ވަޒީރުންގެ މަޖީލިހަށް ނުވަތަ ސަރުކާރުގެ ކެބިނެޓްގައި ހިމެނޭ މިނިސްޓްރީއަކަށް މިނިސްޓަރަކު އައްޔަން ކުރުމަށް ފަހު، ރުހުން ހޯދުމަށް މަޖިލީހަށް ފޮނުވަން ޖެހެ އެވެ.

ހައުސިން މިނިސްޓްރީ އާއި ޕްލޭނިން މިނިސްޓްރީ އެއްކޮށްލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމެވީ ކުރިން ހައުސިން މިނިސްޓަރު ކަމުގައި ހުންނެވި އައިމިނަތު އާތިފާ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. އެމްއާރުއެމްގެ ސްލޮޓެއްގައި އެ މަގާމަށް އައްޔަންކުރި އާތިފާ އިސްތިއުފާ ދެއްވީ އަލާސްކަންފުޅާ އުޅުއްވާތީ އެވެ.

ހައުސިން މިނިސްޓްރީ އާއި ޕްލޭނިން މިނިސްޓްރީ އެއްކޮށްލައިގެން އުފެއްދި އާ މިނިސްޓްރީގެ މިނިސްޓަރަށް އައްޔަން ކުރެއްވި އަސްލަމަކީ ދެ މިނިސްޓްރީ އޮތްއިރު ޕްލޭނިން މިނިސްޓަރުގެ މަގާމުގައި ހުންނެވި މިނިސްޓަރެވެ.

މީގެ ކުރީ ސަރުކާރުތަކުގައި އެ ދެ މެންޑޭޓަށް އޮންނަނީ އެއް މިނިސްޓްރީ އެވެ. ރައީސް ސޯލިހްގެ ސަރުކާރުގައި ދެ މިނިސްޓްރީއަށް އެކުލަވާލަން ނިންމެވުމުން ވެސް ދެ މިނިސްޓްރީގެ މެންޑޭޓްތަކުގައި ފުށު އެރުންތަކެއް އޮންނަ ކަމަށް ވާހަކަ ދެކެވުނެވެ.