ހަބަރު

މިނިސްޓަރު އަަސްލަމަށް ރުހުން ހޯދަން މަޖިލީހަށް ފޮނުވައިފި

ހައުސިން މިނިސްޓްރީ އާއި ޕްލޭނިން މިނިސްޓްރީ އެއްކޮށްލައި، ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ނަމުގައި އުފެއްދި އާ މިނިސްޓްރީއަށް އައްޔަން ކުރެއްވި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމަށް ރުހުން ހޯދުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ.

މިނިސްޓަރު އަސްލަމަށް ރުހުން ހޯދުމުގެ މައްސަލަ މާދަމާގެ މަޖިލީހުގެ ޖަލްސާއަށް ވަނީ އެޖެންޑާ ކޮށްފަ އެވެ. އަދި އާ މިނިސްޓްރީގެ މަސައްކަތުގެ ދާއިރާތައް ރައީސް ފޮނުވާ މައްސަލައެއްގެ ގޮތުގައި ފޮނުވާފައިވާ މައްސަލައެއް ވެސް މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފައިވެ އެވެ.

މިނިސްޓަރު އަސްލަމަށް މަޖިލީހުގެ ރުހުން ހޯދަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފޮނުއްވިއިރު، ގާނޫނު އަސާސީގެ 129 ވަނަ މާއްދާގައި ބުނާ ގޮތުން ވަޒީރުންގެ މަޖީލިހަށް ނުވަތަ ސަރުކާރުގެ ކެބިނެޓްގައި ހިމެނޭ މިނިސްޓްރީއަކަށް މިނިސްޓަރަކު އައްޔަން ކުރުމަށް ފަހު، ރުހުން ހޯދުމަށް މަޖިލީހަށް ފޮނުވަން ޖެހެ އެވެ.

ހައުސިން މިނިސްޓްރީ އާއި ޕްލޭނިން މިނިސްޓްރީ އެއްކޮށްލަން ރައީސް ނިންމެވީ، ކުރިން ހައުސިން މިނިސްޓަރު ކަމުގައި ހުންނެވި އައިމިނަތު އާތިފާ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. އާތިފާ އެ މަގާމުން އިސްތިއުފާ ދެއްވީ އަލާސްކަންފުޅާ އުޅުއްވާތީ މަގާމުގެ މަސްއޫލިއްޔަތު އަދާ ކުރެއްވެން ނެތުމުންނެވެ.

މީގެ ކުރީ ސަރުކާރުތަކުގައި އެ ދެ މެންޑޭޓަށް އެއް މިނިސްޓްރީ އޮތްއިރު، ރައީސް ސޯލިހްގެ ސަރުކާރުގައި ދެ މިނިސްޓްރީއަށް އެކުލަވާލަން ނިންމެވުމުން ވެސް ދެ މިނިސްޓްރީގައި ފުށު އެރުންތަކެއް އޮންނަ ކަމަށް ވާހަކަ ދެކެވުނެވެ.