ކުރީގެ ރައީސް އަދި މިހާރު ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ރިޔާސަތުގައި އިންނަވާއިރު، މީގެ ކުރިން އެ މަގާމްގައި އިންނެވި ބޭފުޅުންނާ ވަރަށް ބޮޑަށް ތަފާތު ވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު އެ ގޮތަށް ވިދާޅުވީ، ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު މަޖިލީހަށް ވަޑައިގެން ބައެއް މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވާ ގޮތާމެދު ރައީސް ނަޝީދު ފާޑު ވިދާޅުވާތީ އެކަމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ނުރުހުން ފާޅުކުރެއްވުމުންނެވެ.
އެގޮތުން ގުޅިފަޅުން ހިއްކާ ބިމުގެ ސަރަހައްދުން މާލޭގައި އުޅޭ ރައްޔިތުންނަށް ހާއްސަކޮށް ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ތަފުސީލުތަކާ ގުޅޭ ގޮތުން މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ކުރެއްވި ސުވާލަށް އަސްލަމް ޖަވާބު ދެއްވިއިރު، ރައީސް ނަޝީދު ގެންދެވީ އަސްލަމްގެ ވާހަކަ ހުއްޓުވައި އެ ވާހަކަތަކަށް ފާޑުވިދާޅުވަމުންނެވެ.
އެ މައްސަލާގައި ޝަރީފް ނިޒާމީ ނުކުތާއެއް ނަންގަވައި ވިދާޅުވީ ރައީސް ނަޝީދު އަމަލު ކުރައްވާ ގޮތުން މިނިސްޓަރުގެ ވާހަކަ އާއި ސަރުކާރުގެ ސިޔާސަތުތައް އޮޅުން އަރާ ގޮތް ދިމާވާ ކަމަށާއި އެ ގޮތަށް އަމަލު ނުކުރެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
އެހެން ނަމަވެސް ރައީސް ނަޝީދު ޝަރީފްގެ ވާހަކަ ވެސް ހުއްޓުވަން މަސައްކަތް ކުރެއްވައި ޝަރީފްގެ މައިކްގެ އަޑު ކަނޑާލި އެވެ. އެހެން ނަމަވެސް ޝަރީފް އަޑުގަދަ ކުރައްވައި، މަޖިލިސް ހިންގަވަމުން ގެންދަވާ ގޮތާ މެދު ނުރުހުން ފާޅުކުރެއްވަމުން ގެންދެވި އެވެ.
ޝަރީފްގެ ވާހަކަތަކަށް ރައްދު ދެއްްވަމުން ރައީސް ނަޝީދު ފަހުން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި މީގެ ކުރިން އިންނެވި ބޭފުޅުން މަޖިލީހުގެ ޖަލްސާ ހިންގަވާ ގޮތާއި އެމަނިކުފާނު ހިންގަވާ ގޮތާ ތަފާތު ވާނެ ކަމަށެވެ. މިނިސްޓަރުންގެ ޖަވާބުތަކުގައި މެދު ކަންބޮޑުވުންތައް އޮންނަނަމަ ފާހަގަ ކުރައްވާނެ ކަމަށެވެ.
"މި މަޖިލީހުގެ ރިޔާސަތުގައި އަޅުގަނޑު އިންނަވާއިރު ތަފާތު ވާނެ، ރިޔާސަތުގައި އިންނަވާ އެހެން ބޭފުޅުންނަށް ވުރެ," ރައީސް ނަޝީދު ވިދާޅުވި އެވެ.
މަޖިލީހުގެ ރިޔާސަތުގައި މީގެ ކުރިން އިންނެވި ބޭފުޅުންނާ ތަފާތުކޮށް ރައީސް ނަޝީދު ވަރަށް ގިނައިން ވަޒީރުންގެ ޖަވާބުތަކަށް ފާޑު ވިދާޅުވެ އެވެ. އަދި ވަޒީރުން ޖަވާބު ދެއްވާ ގޮތަކުން ރިޕޯޓް މާކްސް ވެސް ދެއްވާފައިވެ އެވެ. ވަރަށް ގިނައިން ބަހުސް ކުރެވޭ މައުޟޫއާ ގުޅޭ ގޮތުން ވާހަކަ ދައްކަވައި ތާރީހުގެ ކަންކަން ފާހަގަކޮށްދެއްވައި އުޅުއްވަ އެވެ.