ތިލަމާލެ ބްރިޖު ނިންމުމަށް މިހާތަނަށް މުއްދަތު އިތުރުކޮށްދީފައިނުވާ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވަނީ ބްރިޖު ނިންމުމަށް އެކި ތާރީހުތައް ދީފައިވާ ކަމަށް ވިދާޅުވެ ބްރިޖު ނިމޭނެ ތާރީހާބެހޭ ގޮތުން ސުވާލު ކުރައްވާފަ އެވެ. އަދި ބްރިޖުގެ މަޝްރޫއު ކުރަމުންދާ އެފްކޮންސް ކުންފުނި ވިއްކާލުމުން މަޝްރޫއަށް ކުރާނެ އަސަރަކީ ކޮބާތޯ ވަނީ ސުވާލު ކުރައްވާފަ އެވެ.
މިނިސްޓަރު ވިދާޅުވީ ބްރިޖުގެ މަސައްކަތް ނިންމަން އެއްބަސްވެފައިވަނީ ކޮންޓްރެކްޓްގައިވާ މުއްދަތަށް ކަމަށާއި އިތުރު ވަގުތު ނުދޭ ކަމަށެވެ.
"އަޅުގަނޑު ހަނދާނަކަށް ނާދޭ މާގިނަ ފަހަރަކަށް، ނިންމާނެ މާގިނަ ތާރީހުތަކެއް އަޅުގަނޑުދީފަ އޮތް ހަނދާނެއް. ކޮންޓްރެކްޓްގައި އިން މުއްދަތުގެ ތެރޭގައި މަސައްކަތް ނިންމަން އަދިވެސް ކޮންޓްރެކްޓް އިނީ. އަދިއެއް އަޅުގަނޑުމެންނެއް އިތުރަށް ޓައިމް އެކްސްޓެންޝަނެއް ދީ އެ ޒާތުގެ ކަމެއް ނުކުރަން،" މިނިސްޓަރު އަސްލަމް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ކޮންޓްރެކްޓާގެ މަސައްކަތުގެ ތެރެއިން އެ ފަރާތުން ކްލެއިމް ކުރާނެ ކަންތައްތަކެއް ހުރެދާނެ ކަމަށެވެ. އެކަންކަމަށް އިންޖިނިއަރުގެ ލަފާ ހޯދާނެ ކަމަށް ވިދާޅުވި އެވެ.
ތިލަމާލެ ބްރިޖު އެޅުމަށް ހަވާލުކޮށްފައިވާ އިންޑިއާގެ އެފްކޮންސް ކުންފުނި ވިއްކާލުމަށް ނިންމާފައިވާއިރު މިނިސްޓަރު އަސްލަމް ވަނީ އެކަމުން ބްރިޖުގެ މަސައްކަތަށް އެއްވެސް އަސަރެއް ނުކުރާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.
"އަޅުގަނޑަށް ހަމަ ޔަގީން މި ޕްރޮޖެކްޓަށް އެއްވެސް އަސަރެއް ނުކުރާނެ،" މިނިސްޓަރު އަސްލަމް ވިދާޅުވި އެވެ.
މިނިސްޓަރު އަސްލަމް ވިދާޅުވީ ކުންފުނި ވިއްކާލި ނަމަވެސް ކުންފުންޏާއެކުވެފައިވާ އެއްބަސްވުން ސައްހަ ވާނެ ކަމަށެވެ.
ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރާ އެފްކޮންސް ކުންފުންޏަކީ އިންޑިއާގެ ބިލިއަނަރެއް ކަމުގައިވާ ޝާޕޫރު މިސްޓްރީގެ ޝާޕޫރުޖީ ޕަލޯންޖީ (އެސްޕީ)ގެ ދަށުން ހިންގަމުންދާ ކުންފުންޏެކެވެ.
އިންޑިއާގެ ބައެއް ނޫސްތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުން އެސްޕީއަށް ދިމާވެފައިވާ މާލީ މައްސަލަތަކާ ގުޅިގެން ވިއްކާލުމަށް މަސައްކަތް ކުރަމުންދަނީ އެފްކޮންސްގެ އިތުރުން އެސްޕީ ގުރޫޕުން އިންޑިއާގައި ހިންގާ ގޯޕާލްޕޫރު ޕޯޓެވެ.
ވިއްކާލަން މަސައްކަތް ކުރަނީ ގާތްގަނޑަކަށް ދެ ބިލިއަން ޑޮލަރުގެ އެސެޓް ކަމަށް ރިޕޯޓްތައް ބުނެ އެވެ.