އެފްކޮންސް

އެފްކޮންސްގެ މުވައްޒަފުން އިހުތިޖާޖު ހުއްޓާލުމަށްފަހު މަސައްކަތަށް ނިކުމެއްޖެ

އައްޑޫގެ މަގު ހެދުމުގެ މަސައްކަތް ކުރަމުންދާ އިންޑިއާގެ އެފްކޮންސް ކުންފުނީގެ މުވައްޒަފުން ކުރަމުން ދިޔަ އިހުތިޖާޖު ހުއްޓާލުމަށްފަހު އެނބުރި މަސައްކަތަށް ނިކުމެއްޖެ އެވެ.

ފަސް ދުވަހުގެ އިހުތިޖާޖަކަށްފަހު އެފްކޮންސްގެ މުވައްޒަފުން އެނބުރި މަސައްކަތަށް ނިކުމެފައިވަނީ އެ މުވައްޒަފުންގެ ޑިމާންޑްތައް ފުރިހަމަ ކޮށްދިނުމުންނެވެ.

އަވަސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ވިސާ ނުލިބިގެން އެނބުރި ގައުމަށް ނުދެވިފައި ތިބި މުވައްޒަފުން މިހާރު ވަނީ ފުރުވާލާފަ އެވެ.

އައްޑޫގެ މަގުތައް ހެދުމުގެ މަސައްކަތުގެ ބޮޑުބައި ހަވާލުކޮށްފައިވާ އެފްކޮންސް ކުންފުންޏަކީ ތިލަމާލެ ބްރިޖުގެ މަސައްކަތްވެސް ކުރަމުންދާ ކުންފުންޏެވެ.

އެފްކޮންސް ކުންފުނީގެ މުވައްޒަފުން އިހްތިޖާޖުތައް ހުއްޓާލާ އެނބުރި މަގު ހެދުމުގެ މަސައްކަތް ފަށާފައިވާ އިރު ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މިވަގުތު ހުންނެވީ އައްޑޫގެ ތަރައްގީގެ މަޝްރޫތައް ކުރިއަށްދާ ގޮތް ބެއްލެވުމަށް އައްޑޫގަ އެވެ.

ޕްލޭނިން މިނިސްޓްރީގެ އޮފިޝަލަކު މީގެ ކުރިން އަވަސްއަށް ވިދާޅުވީ މިނިސްޓަރު ދުވަސްކޮޅަކު އައްޑޫގައި ހުންނަވައިގެން މަސައްކަތްތައް ކުރިއަށްދާ ގޮތް އަމިއްލަފުޅަށް ބައްލަވައި ރައްޔިތުން އަދި އައްޑޫ ސިޓީ ކައުންސިލުން ފާހަގަކުރާ މައްސަލަ ހައްލުކުރައްވާނެ ކަމަށެވެ.

އައްޑޫ ސިޓީގެ މަގުތަކުގައި ގާ އަތުރައިގެން މަގުތައް ހެދުމަށް އެފްކޮންސް ކުންފުންޏާ ހަވާލުކުރީ ފެބްރުއަރީ 2021 ގައެވެ. ޖުމްލަ 107 ކިލޯމީޓަރުގެ މަގު ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް މިދިޔަ އަހަރުގެ ފެބްރުއަރީ 18 ވަނަ ދުވަހު ފަށާފައިވާއިރު މިމަޝްރޫއު ނިންމަން ދިނީ ދެ އަހަރު ދުވަހެވެ.

އިންޑިއާގެ އެގްޒިމް ބޭންކުން ދީފައިވާ 800 މިލިއަން ރުފިޔާގެ ކްރެޑިޓް ލައިންގެ ދަށުން އައްޑޫ މަގު ހެދުމަށް 1.2 މިލިއަން ރުފިޔާ ހަރަދުކުރުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.

އައްޑޫ ސިޓީގެ މަގުތައް ހެދުމުގެ މަސައްކަތް ކުރަމުންދާ ގޮތުން އައްޑޫގެ ރައްޔިތުން ގެންދަނީ އެފްކޮންސް އަށް މިމަސައްކަތް ކުރެވިދާނެތޯ ސުވާލު އުފައްދަމުންނެވެ.