އައްޑޫ ސިޓީ

އަންނަ އަހަރު އައްޑޫގައި ބޯހިޔާވަހިކަމުގެ މަޝްރޫއެއް ފަށަނީ

އައްޑޫ ސިޓީގެ ބޯހިޔާވަހިކަމުގެ މަޝްރޫއު އަންނަ އަހަރު ކުރީކޮޅު ފަށާނެ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

އަސްލަމް މިއަދު އެހެން ވިދާޅުވީ މަޖިލީހުގަ އެވެ. އޭނާ މަޖިލީހަށް ހާޒިރުކުރީ ތ. ތިމަރަފުށީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ފެށޭނެ ދުވަހަކާ ބެހޭގޮތުން އެ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ސުވާލުތަކެއް ކުރައްވާށެވެ.

ރިޔާޒްގެ ސުވާލުތަކަށް ފަހު ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު ވަނީ އައްޑޫ ސިޓީ ހިތަދޫގައި މިއަހަރު ބޯހިޔާވަހިކަމުގެ މަޝްރޫއެއް ޕްލޭނެއް އެބައޮއްތޯ އައްސަވާފަ އެވެ.

އަސްލަމް ވިދާޅުވީ މިއަަހަރު އައްޑޫ ސިޓީގައި ބޯހިޔާވަހިކަމުގެ އެއްވެސް މަޝްރޫއެއް ނުފެށޭނެ ކަމަށާއި ނަމަވެސް އަންނަ އަހަރު ޕީއެސްއައިޕީގެ ބަޖެޓުން ބޯހިޔާވަހިކަމުގެ މަޝްރޫއެއް އެ އަތޮޅުގައި ހިންގަން ރާވާފައިވާ ކަމަށެވެ. އެކަމަކު އޭގެ ތަފްސީލު މިނިސްޓަރު ނުދެއްވަ އެވެ.

"އަޅުގަނޑު މިހާރު ދަނީ ރަށްރަށަށް ބޭނުންވާ މިންވަރުތައް ކަނޑައަޅަމުން. މިއަންނަ އަހަރު ފޭށޭ ތަނުން ހަމަ އެ މަސައްކަތް ފަށާނަން. މިއީ ޕީއެސްއައިޕީގެ ދަށުން ހިންގާ ކަމަކަށްވާތީ މިއީ ދިވެހި ލޯކަލް ކޮންޓްރެކްޓަރުންނަށް ޓާގެޓް ކޮށްގެން ކޮންސްޓްރަކްޝަން އިންޑަސްޓްރީ ސްޓިމިއުލޭޓް ކުރުމަށްޓަކައި އެކީގައި އަޅުގަނޑުމެން ނިންމާފައި އޮތް މަސައްކަތެއް." މިނިސްޓަރު ވިދާޅުވި އެވެ.

މާލެ ފިޔަވައި ރާއްޖޭގެ އެންމެ އާބާދީ ބޮޑީ އައްޑޫ ސިޓީގެ ހިތަދޫގަ އެވެ.

މިނިސްޓަރު އަސްލަމް ވިދާޅުވީ އައްޑޫއަކީ އާބާދީ ބޮޑު ސިޓީއަކަށް ވުމުން ހައުސިން ރިއަލް އެސްޓޭޓް ޑިވޮލޮޕަރުންނަށް ފުރުސަތު އޮތް ތަނެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އެހެންކަމުން ރިއަލް އެސްޓޭޓްގެ ދަށުން އެ މަސައްލަތް ކުރިއަށް ގެންދަން ސިޓީ ކައުންސިލުން ވެސް ބާރު އަޅާ ކަމަށެވެ.