ބޯހިޔާވަހިކަން

ގޯތި ދޭ މާލޭ މީހާގެ ޝަރުތު ލުއިކޮށްފި

Sep 15, 2022

މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރުމަށް ކުރިއަށް ގެންދާ ބިންވެރިޔާ ސްކީމުގައި މާލޭ މީހުން މާނަކޮށްފައިވާ ގޮތަށް ބަދަލެއް ގެނެސްފި އެވެ.

މާލޭގެ ރައްޔިތުންނަށް ގޯއްޗާއި ފްލެޓް ދޫކުރުމަށް ސަރުކާރުން ދެ ސްކީމެއް ގެންގުޅެ އެވެ.

މާލޭގެ ރައްޔިތުން ގޯތި ދޫކުރުމަށް އެކުލަވާލާފައިވާ އުސޫލުގައި ކުރިން އޮތް ގޮތުން މާލޭގެ ރައްޔިތުންގެ ގޮތުގައި ބަލަނީ މާލެ ފިޔަވައި އެހެން އެއްވެސް ރަށެއްގައި އެއްވެސް އިރަކު ރަޖިސްޓްރީވެފައި ނުވާ މީހުންނެވެ.

ޕްލޭނިން މިނިސްޓްރީން މިއަދު އުސޫލަށް ގެނައި އިސްލާހުގައި މިހާރު ބުނެފައިވަނީ ސަރުކާރުން ކަނޑައެޅި އުސޫލެއް ނުވަތަ ގަވާއިދަކާ ގުޅިގެން އެހެން ތަނެއްގެ ރަޖިސްޓްރީގައި ކުރިން އޮތް ނަމަވެސް އެ މީހެއްގެ މަންމަ ނުވަތަ ބައްޕައަކީ މާލޭ މީހެއް ނަމަ އަދި އެ މީހަކު މިހާރު އަނެއްކާވެސް މާލޭ ރަޖިސްޓްރީގައި ހިމަނާފައި އޮތް ނަމަ އެ މީހަކީ މާލޭ މީހެއް ކަމަށް ބަލާނެ ކަމަށެވެ.

މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރުމަށް ކުރިއަށް ގެންދާ ބިންވެރިޔާ ސްކީމުގައި މާލޭ މީހުން މާނަކޮށްފައިވާ ގޮތަށް ބަދަލު ގެނެސްފައި މިވަނީ އެކަން އެގޮތަށް ނުކުރާނެ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މިދިޔަ މަހުގެ 18 ވަނަ ދުވަހު މަޖިލީހުގެ ޖަލްސާގައި ވިދާޅުވެފައި ވަނިކޮށެވެ.

މާލޭގެ ރައްޔިތުންނަށް 5،000 ގޯތި އަދި 4،000 ފްލެޓް ދޫކުރުމަށް ނިންމާ މިދިޔަ ޖޫން މަހު ސަރުކާރުން ވަނީ ގޯއްޗާއި ފްލެޓަށް ކުރިމަތިލުމަށް ހުޅުވާލާފަ އެވެ. އެ މުއްދަތު ހަމަވާނީ މިމަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށެވެ.

ގެދޮރުވެރިން ޕްރޮގްރާމުގެ ދަށުން ދޫކުރުމަށް ނިންމާފައިވަނީ ތިން ސައިޒެއްގެ ގޯތިތަކެކެވެ. އެގޮތުން ވަކި ފަރުދަކަށް ނަމަ ދޫކުރާ އެންމެ ކުޑަ ގޯތީގެ ބޮޑުމިނަކީ 1،250 އަކަފޫޓެވެ. ޖޮއިންޓް އެޕްލިކޭޝަނެއްނަމަ އިތުރުވާ ކޮންމެ މީހަކަށް 400 އަކަފޫޓުގެ ގޯއްޗެވެ. އަދި ހަތް މީހުންނަށްވުރެ ގިނަ މީހުން ބައިވެރިވެގެން ހުށަހަޅާ އެޕްލިކޭޝަނެއްނަމަ ޖުމްލަ 4،000 އަކަފޫޓުގެ ގޯތި ދޫކުރާނެ އެވެ.