މާލޭގައި ބިން ބޭނުންވެފައި ތިބި އެންމެނަށް ދޭވޭ ވަރަށް ބިން ނެތް ކަމަށް ހައުސިން އަދި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅު ވެއްޖެ އެވެ.
ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި ބައިވެރިވެ ވަޑައިގެން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އަސްލަމް މިއަދު ވިދާޅުވީ ތޮއްޖެހިފައިވާ މާލެއިން ބިން ބޭނުންވާ ހުރިހާ އެންމެނަށް ގޯތި ދޫކުރާނެ ބިން ނެތް ކަމަށާއި، ގުޅި ފަޅުން 1200 ގޯތި ދޫކުރި ނަމަވެސް އެއީ ޑިމާންޑަށް ވުރެ ދަށް އަދަދެއް ކަމަށެވެ.
"ރައްޔިތުންނަށް އޮޅުވާލާކަށް ނެތިން! ނެތް ބިންތަކެއްގެ ވާހަކަ ދައްކާކަށް ބޭނުމެއް ނޫން، ކޮންމެވެސް ބަޔަކަށް ލިބޭނެ. އެންމެންނަކަށް ނުލިބޭނެ." އަސްލަމް ވިދާޅުވި އެވެ.
އަސްލަމް ވިދާޅުވީ މާލޭގައި ވަޒަންވެރި ވެގެން ތިބި މީހުންނަށް އެމީހުން ބިން ބޭނުންވާ އެހެން ތަންތަނުން ނުވަތަ ދިރިއުޅެން ގޯއްޗެއް ލިބެން އޮތް ތަނަކުން ބިމެއް ދީފިނަމަ ބައެއް މީހުން މާލެ ނޫން ތަނެއްގައި ދިރިއުޅެން ބޭނުން ވެދާނެ ކަމަށެވެ. އޭގެތެރޭގައި އެންމެން ނުހިމެނޭނެ ކަމަށެވެ. އެކަމަކު މާލެއިން މަދުވާ ކޮންމެ މީހަކީ ލިބޭނެ ލުޔެއް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
އަސްލަމް ވިދާޅުވީ އެފުރުސަތު އޮތް ނަމަވެސް އެއްވެސް ރަށަކުން ސީދާ އެރަށު މީހާއަށް ނޫނީ ބިން ދޫކުރަން ގިނަ ފަހަރު ބޭނުން ނުވާ ކަމަށެވެ.
"ބައެއް ރަށްރަށުގެ ޖާގަ ހުއްޓަސް ނުދޭ. އަނެއްބައި ރަށްރަށުގަ ބިން ފުރިގެން ނުދެނީ. ގިނަ ރަށްރަށުގަ ބޭނުމެއް ނުވޭ ރަށު މީހާއަށް ނޫނީ ދޭކަށް" އަސްލަމް ވިދާޅުވި އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ރަށަށް ތަރައްގީ ގެނައުމަށް އެހެން ރަށްރަށު މީހުންނަށް މަރުހަބާ ކިޔުމަކީ މުހިންމު ކަމެއް ކަމަށެވެ. މިސާލެއްގެ ގޮތުގައި މާފުށި ނަންގަވައި އަސްލަމް ވިދާޅުވީ އެރަށުގައި ވިޔަފާރި ކުރާ ގިނަ މީހުންނަކީ އެރަށަށް ނިސްބަތްވާ މީހުން ނޫން ކަމަށެވެ. އޭނާ ވިދާޅުވީ ރަށާ ހިސާބަށް އެކަނި ނުވިސްނާ ގައުމީ ފެންވަރުގައި ސިކުނޑި ހުޅުވާލައި ވިސްނައިގެން ކަން ކޮށްފިނަމަ ހައްލު ލިބޭނެ ކަމަށެވެ.