ސަރުކާރުގެ ސޯޝަލް ހައުސިން ސްކީމުގެ ދަށުން ހިންގާ 1000 ހައުސިން ޔުނިޓްގެ މިކްސް ރެސިޑެންޝަލް ހައުސިން ޕްރޮޖެކްޓްގެ ޔުނިޓްތަކަށް ސަރުކާރުން ލަފާކުރާ އަގުތައް އާންމުކޮށްފި އެވެ.
މި މަޝްރޫއަކީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި އެޕޯލޯ ކުންފުންޏާއި އެކު ސޮއިކޮށްފައިވާ މަޝްރޫއެކެވެ. މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ ޖޫން މަހު އެވެ.
ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގައި ވެސް ކުރިއަށް ގެންދާ މި މަޝްރޫއުގެ ހައުސިން ޔުނިޓްތައް އަޅަނީ ތިން ކެޓެގެރީއަކަށް ބަހާލައިގެންނެވެ. އެއީ ކައުންސިލް ހައުސިން، މިޑްރޭންޖް ހައުސިން އަދި އެފޯޑަބަލް ހައުސިން އެވެ.
ސަރުކާރުން މަހަކަށް ލަފާ ކުރާ އަގުތައް
- ކައުންސިލް ހައުސިން ކެޓެގަރީ (ދެ ކޮޓަރި): 5،500ރ.
- ކައުންސިލް ހައުސިން ކެޓެގަރީ (ތިން ކޮޓަރި): 7،000ރ.
- އެފޯޑަބަލް ހައުސިން ކެޓެގަރީ (ދެ ކޮޓަރި): 8،600ރ.
- އެފޯޑަބަލް ހައުސިން ކެޓެގަރީ (ތިން ކޮޓަރި): 13،000ރ.
- މިޑްރޭންޖް ހައުސިން ކެޓެގަރީ (ދެ ކޮޓަރި އަދި ތިން ކޮޓަރި): 2،400ރ. އަށް ވުރެ ބޮޑު ނޫން އަދަދެއް
އެޗްޑީސީން މިއަދު ބުނީ މި ޕްރޮޖެކްޓް ކުރިއަށް ގެންދާނީ ދެ ސްޓޭޖަކަށް ބަހާލައިގެން ކަމަށެވެ. މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށް ދަނީ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރާ ކައުންސިލް އަދި އެފޯޑަބަލް ހައުސިން ކެޓަގަރީގެ ޔުނިޓްތަކުގެ ފައުންޑޭޝަންގެ މަސައްކަތްތައް ކަމަށް އެޗްޑީސީން ބުންޏެވެ.
މި މަޝްރޫއު 2023 ވަނަ އަހަރުގެ ކުރީކޮޅު ނިންމައިލެވޭނެ ކަމަށް ލަފާކޮށްފައިވާއިރު މި މަޝްރޫ އަކީ ޑިވެލޮޕާ ފައިނޭންސިންގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫއެކެވެ.
މި މަޝްރުއުގައި ކައުސިލް ހައުސިންގެ ދަށުން އަޅާނީ 120 ހައުސިން ޔުނިޓެވެ. މި ޔުނިޓްތަކުގައި ތަރައްގީކުރާ ދެ ކޮޓަރީގެ ފްލެޓްތަކުގައި ހުންނާނީ 650 އަކަފޫޓެވެ. ތިން ކޮޓަރީގެ ފްލެޓްތަކުގައި ހުންނާނީ 800 އަކަފޫޓެވެ. އެފޯޑަބަލް ހައުސިންގެ ދަށުން އަޅާނީ 220 ޔުނިޓެވެ. މި ކެޓަގަރީގެ ދެ ކޮޓަރީގެ ފްލެޓްތަކުގައި 650 އަކަފޫޓު ހުންނައިރު ތިން ކޮޓަރީގެ ފްލެޓްތަކުގައި 900 އަކަފޫޓު ހުންނާނެ އެވެ. މީގެ އިތުރުން މިޑްރޭންޖް ކެޓެގަރީގެ ދަށުން އަޅާ ދެ ކޮޓަރީގެ ފްލެޓްތަކުގައި 750 އަކަފޫޓު ހުންނައިރު ތިން ކޮޓަރީގެ ފްލެޓްތަކުގައި 1000 އަކަފުޓޫ ހުންނާނެ އެވެ. މި ކެޓެގަރީގެ ދަށުން އަޅާނީ 660 ޔުނިޓެވެ.
ކައުންސިލް ހައުސިން އަކީ ކައުންސިލްގެ ފަރާތުން ކުއްޔަށް ދިނުމަށް ހަމަޖެހިފައިވާ ޔުނިޓުތަކެކެވެ. މި ޔުނިޓުތަކަކީ ހަމައެކަނި ލީސް ކުރާ ނުވަތަ ލީސް މޮޑެލް އަށް ދެވޭ ޔުނިޓުތަކެކެވެ.
އެފޯޑަބަލް ހައުސިން ޔުނިޓްތައް ލީސް ޓު އޯން އުސޫލުން ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ފަރާތުން ކުއްޔަށް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. މި ޔުނިޓުތަކަކަކީ މަހު ކުލި ދައްކައި، ޔުނިޓަށްވާ ޖުމްލަ ފައިސާ ދައްކާ ހަލާސް ކުރުމުން އެފަރާތުގެ ނަމުގެ މައްޗަށް ރަޖިސްޓްރީ ބަދަލު ކުރެވިގެން ދާނެ ޔުނިޓުތަކެކެވެ.
މިޑް ލެވެލް ހައުސިން އަކީ މަޝްރޫއު ހިންގާ ފަރާތުން ކަނޑައެޅިފައިވާ އަގުތަކަކަށް ވިއްކުމަށް ހަމަޖެހިފައިވާ ޔުނިޓު ތަކެކެވެ. މިގޮތުން ޑިވެލޮޕަރުގެ ފަރާތުން ވިއްކުމަށް ހަމަޖެހިފައިވާ މިޑް ލެވެލް ހައުސިން ޔުނިޓުތަކުގެެ އަގެއްގެ ގޮތުގައި އަކަފޫޓަކަށް 2400ރ. އަށް ވުރެ ބޮޑު ނޫން އަގެއް ހަމަޖެއްސުމަށް އެއްބަސްވުމުގައި ކަނޑައަޅާފައިވާނެ ކަމަށް އެޗްޑީސީން ބުންޏެވެ.