މުހައްމަދު އަސްލަމް

ދައުވާ ކުރަން؛ ވިނަރެސް އަކީ މި ސަރުކާރުގެ މަސައްކަތެއް: އަސްލަމް

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ވިނަރެސް ފްލެޓްތަކަކީ މި ސަރުކާރުގެ މަސައްކަތުން ހޯދުނު ކާމިޔާބީއެއް ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ. އަސްލަމް މިހެން ވިދާޅުވީ ޗައިނާގެ ސީއެމްއީސީ ގުރޫޕް ތަރައްގީ ކުރި 1،344 ފްލެޓް ހިމެނޭ ވިނަރެސް މަޝްރޫއު ނިންމާ އެ ތަން ހުޅުމާލޭގެ ބެލެނިވެރިކަން އޮތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ހަވާލު ކުރުމަށް މިއަދު އޮތް ރަަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

އަސްލަމް ވިދާޅުވީ ވިނަރެސް މަޝްރޫއަކީ އޭނާ ހައުސިން މިނިސްޓަރު ކަމުގައި ހުންނެވިއިރު އޮގަސްޓް 25، 2009 ގައި އުފަން ކުރުވި މަޝްރޫއެއް ކަމަށެވެ. އަދި އެ މަޝްރޫއު ކުރިއަށް ގެންދިޔައީ ތިން ފިޔަވައްސަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން ހުޅުމާލޭގައި އިމާރާތް ކުރެވުނު 1،000 ހައުސިން ޔުނިޓާއި މާލެ ހިމެނޭހެން މާލެ އާއި ހުޅުމާލޭގައި އިމާރާތް ކުރެވުނު 796 ހައުސިން ޔުނިޓް އަދި ދެކުނުގެ އަތޮޅުތަކުގައި އިމާރާތް ކުރެވޔނު 704 ހައުސިން ޔުނިޓްގެ މަޝްރޫއުގައި ސޮއިކުރެއްވީވެސް އޭނާ ކަމަށެވެ.

ވިނަރެސް އަކީ އެ މަޝްރޫއުގެ ތިންވަނަ ފިޔަވަހި ކަމަށާ އެ މަސައްކަތުގައި ސޮއިކުރީ އެހެން ސަރުކާރެއް އޮތް ދުވަސްވަރު ނަމަވެސް ޕްރޮޖެކްޓް އުފަންވެފައި އޮތީ އެމްޑީޕީގެ ސަރުކާރުގައި ކަމަށެވެ.

"އަޅުގަނޑަށް ހައްގު އަޅުގަނޑު ދައުވާ ކުރަން މިއީވެސް [ވިނަރެސް ފްލެޓްތަކަކީ] ހަމަ އަޅުގަނޑުމެން މި ސަރުކާރުން މި ދައުރުގެ ތެރޭގައި ކުރި މަސައްކަތުން ހޯދުނު ކާމިޔާބެއްގެ ގޮތުގައި،"

އަސްލަމް ވިދާޅުވީ ވިނަރެސް މަޝްރޫއުގެ ދަށުން އަޅާފައިވާ ހައުސިން ޔުނިޓްތަކުގެ މަސައްކަތް ފެށުނީ ކުރީ ސަރުކާރުގެ ދުވަސްވަރު ނަމަވެސް މި ސަރުކާރު އުފެދުނުއިރު ކިރިޔާ މަޝްރޫއު ފެށިފައި އޮތީ ކަމަށެވެ. ބިލްޑިންތަކުގެ ފައުންޑޭޝަން މަސައްކަތްވެސް ފެށިފައި ނުވާ ކަމަށެވެ.

އެހެން ކަމުން ވިނަރެސް މަޝްރޫއު ފެށުމާއި ނިންމުމުގެ އުފާ ލިބުމަކީ ވަރަށް ފަހުރުވެރިވާ ކަމެއް ކަމަށް ވިދާޅުވިއެވެ.

"މިކަން [ވިނަރެސް ފްލެޓްގެ މަސައްކަތް] ފެށުނީ އިރާދަކުރެއްވީތީ އަޅުގަނޑުގެ ފުރިހަމަ ބައިވެރިވުމާއެކީގައި. އަޅުގަނޑުމެއްގެ ސަރުކާރެއްގެ ފެށުމެއްގެ ގޮތަށް މިކަން ފެށިފައި އޮތީ. މިކަން ނިންމާލުމުގެ ފުރުސަތު އަޅުގަނޑަށް ލިބޭ ކަމީ އަޅުގަނޑަށް ލިބޭ އުފަލެއް އަދި ވަރަށް ބޮޑު ފަހުރެއް،" އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވި ގޮތުގައި ވިނަރެސް ހައުސިން ޕްރޮޖެކްޓަކީ އެންމެ ފެންވަރު ރަނގަޅުކޮށް މިހާތަނަށް ހިންގުނު ހައުސިން ޕްރޮޖެކްޓެވެ.
މިހާ ރަނގަޅަށް ފަށާ ރަނގަޅަށް ނިންމި ޕްރޮޖެކްޓެއް ނޯންނާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވިއެވެ.

އަޅުގަނޑަށް ހައްގު އަޅުގަނޑު ދައުވާ ކުރަން މިއީވެސް [ވިނަރެސް ފްލެޓްތަކަކީ] ހަމަ އަޅުގަނޑުމެން މި ސަރުކާރުން މި ދައުރުގެ ތެރޭގައި ކުރި މަސައްކަތުން ހޯދުނު ކާމިޔާބެއްގެ ގޮތުގައި
މުހައްމަދު އަސްލަމް | ޕްލޭނިން މިނިސްޓަރު

މެދުފަންތީގެ މީހުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ ވިނަރެސް މަޝްރޫއުގެ ދަށުން ހަދާފައިވާ ފްލެޓްތަކުގެ ބޮޑު ބައި ހާއްސަކޮށްފައިވަނީ މާލޭގެ ރަޖިސްޓްރީގައިވާ މާލެ މީހުންނަށެވެ. ނަމަވެސް ވިނަރެސް މަޝްރޫއުގައި ހިމެނޭ 100 ފްލެޓް ވަނީ މާލޭގައި ރަޖިސްޓްރީވެފައި ނުވާ އެކަމަކު މާލޭގައި ދިރިއުޅެމުންގެންދާތާ 15 ވެފައިވާ މީހުންނަށާއި، މާލޭގައި ރަޖިސްޓްރީވެފައިވާތާ 15 އަހަރު ވެފައި ނުވާ އެކަމަކު މާލޭގައި ދިރިއުޅެމުންދާތާ 15 އަހަރުވެފައިވާ މީހުންނަށް ހާއްސަކޮށްފަ އެވެ.

ވިނަރެސް ފްލެޓްތަކަށް ކުރިމަތިލެވޭނެ އާންމު ޝަރުތުތަކަކީ މާލޭގައި ރަޖިސްޓްރީވެފައިވާ ރަށްވެއްސަކަށްވުމާއި، މާލޭ ސިޓީން 600 އަކަފޫޓަށް ވުރެ ބޮޑު ހައުސިން ޔުނިޓެއް ނުވަތަ ބިމެއް ގަނެ ނުވަތަ ގަތުމަށް އެއްބަސްވުމެއްގައި ސޮއިކޮށް ފައިސާ ދައްކަން ފަށާފައި ނުވުމެވެ. އަދި މިދިޔަ ތިން އަހަރުގެ ތެރޭގައި މާލޭ ސިޓީގައި ދިރިއުޅުމަށް ހޯދާފައިވާ 600 އަކަފޫޓު ނުވަތަ އެއަށްވުރެ ބޮޑު އެއްވެސް ތަނެއް ވިއްކާފައި ނުވުމާއި ސަރުކާރުގެ ބޯހިޔާވަހިކަމުގެ އެއްވެސް މަޝްރޫއަކުން މީގެ ކުރިން ބޯހިޔާވަހިކަމެއް ލިބިފައިވާ ފަރާތަކަށްވެސް ވެގެން ނުވެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިމާރާތް ކުރަން ފެށި ވިނަރެސް ފްލެޓް މަޝްރޫއުގައި 13 ބުރީގެ 10 ޓަވަރު ހުރެ އެވެ. އެއީ ތިން ކޮޓަރީގެ ޖުމްލަ 1،344 އެޕާޓްމަންޓެވެ. މީގެތެރެއިން ކޮންމެ އެޕާޓްމަންޓެއްގެ ބޮޑުމިނުމުގައި 902-883 އަކަފޫޓު ހުންނައިރު އެޕާޓްމަންޓް ވިއްކުމަށް ހަމަޖައްސާފައިވަނީ 2.5 އަކާއި 2.7 މިލިއަން ރުފިޔާގެ އަގެއްގަ އެވެ. އިންސްޓޯލްމަންޓަށް ފައިސާ ދައްކާ ފަރާތްތަކުން އަގު އަދާކޮށް ނިމޭއިރު އެޕާޓްމަންޓްގެ އަގު ދެގުނައާ ގާތްކުރާނެ އެވެ.