ހިޔާ މަޝްރޫއު

ހިޔާ ފްލެޓްތައް ކުއްޔަށް ދޫކުރަން ފަށައިފި

ހިޔާ މަޝްރޫއުގެ ދަށުން އަޅާފައިވާ ފްލެޓްތައް ލިބުނު ބައެއް މީހުން އެމީހުންގެ ފްލެޓް ކުއްޔަށް ދޭން އިސްތިހާރު ކުރަން ފަށައިފި އެވެ.

ހިޔާ ފްލެޓްތައް ކުއްޔަށް ދޫކުރަން އިސްތިހާރު ކުރަމުން ދަނީ ފޭސްބުކް ޕޭޖުތަކާއި ވައިބާ ގުރޫޕްތަކުގަ އެވެ. ހިޔާ ފްލެޓް ކުއްޔަށް ދޭން އިސްތިހާރު ކޮށްފައި ވަނީ 10،000 ރުފިޔާ އަށެވެ. ހިޔާ ފްލެޓްތަކުގެ އަސްލު ކުލީގެ އަގަކީ 7500ރ. އެވެ.

ސަރުކާރުން އިޖުތިމާއީ ބޯހިޔާވަހިކަން ހައްލު ކުރުމަށް ދޫކުރާ ފްލެޓްތަކަކީ ގެދޮރު ނެތް އަދި ކޮންމެހެން ބޯހިޔާވަހި ކަމަކަށް ބޭނުން ވެފައިވާ މީހުނަށް ދޫކުރާ ފްލެޓްތަކެކެވެ. އިޖުތިމާއީ ބޯހިޔާވަހިކަމުގެ ދަށުން ސަރުކާރުން ދޫކުރާ މިފަދަ ފްލެޓްތައް އެގްރިމެންޓާ ހިލާފަށް ކުއްޔަށް ދޫކުރާނަމަ ފްލެޓްތައް އަތުލާނެ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.

ބޯހިޔާވަހިކަން ހައްލު ކުރުމަށް ދޫކޮށްފައިވާ ފްލެޓްތައް މީގެ ކުރިން ވެސް ކުއްޔަށް ދޫކޮށްފައި އެބަހުއްޓެވެ. ނަމަވެސް ސަރުކާރުގެ އިދާރާތަކަށް އެ މައްސަލަ ހައްލުކުރެވިފައެއް ނުވެއެވެ.

ހިޔާ މަޝްރޫއުގެ ދަށުން އަޅާފައިވާ ފްލެޓްތަކުގެ ތަޅުދަނޑިތައް ހަވާލު ކުރަން ފަށައިފައި ވަނީ މިދިޔަ ޖުލައި މަހުގެ 14 ވަނަ ދުވަހުން ފެށިގެނެވެ. 6720 ޔުނިޓްގެ ތެރެއިން މިހާތަނަށް ސޮއި ކޮށްފައި ވަނީ 5519 މީހުނެވެ.

ސޮއިކުރާ ދުވަހު ފްލެޓް ލިބުނު މީހުނަށް ތަޅުދަނޑި ހަވާލު ކޮށްފައިވާއިރު މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ފިނިޝިންގެ މަސައްކަތަށް ދީފައިވާ ހަތަރު މަސް ދުވަހުގެ ވަގުތު ވަނީ ފަށާފަ އެވެ. ހަތަރު މަސް ފަހުން އެތަނުގެ ކުލި ހިނގަން ފަށާނެ އެވެ.