އައްޑޫ ސިޓީ

އިންޑިއާގެ އެހީ: އައްޑޫ ތަރައްގީއަށް އެއް ބިލިއަން ރުފިޔާ

Feb 21, 2021
5

އަވަށްޓެރި އިންޑިއާ ސަރުކާރުގެ އެހީގައި އައްޑޫގެ ތަރައްގީއަށް ބޭނުންވާ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ އިތުރުން މަގުތައް ހެދުމާއެކު އައްޑޫއަށް ދިމާވާ ފެންބޮޑުވުމުގެ މައްސަލައަށް ހައްލެއް ގެނައުމަށް ފެންހިންދާ ނިޒާމެއް ގާއިމުކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.

އިންޑިއާގެ ފޮރިން މިނިސްޓަރު ޑރ. އެސް ޖައިޝަންކަރް މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ސޮއި ކުރެވުނު އައްޑޫސިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓުގެ އެއްބަސްވުމަކީ އިންޑިއަން އެގްޒިމް ބޭންކުގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ (އެލްއޯސީ) ދަށުން ކުރިއަށްގެންދިޔުމަށް ހަމަޖެހުނު ދެވަނަ އަށް އެންމެ ބޮޑު މަޝްރޫއުކަމަށް ސަރުކާރުން ބުނެ އެވެ.

މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ޕްލޭނިން އަދި ހައުސިން މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް ޝާނާ ފާރޫގް އެވެ. އަދި އިންޑިއާގެ އެގްޒިމް ބޭންކްގެ ފަރާތުން ސޮއިކުރެއްވީ ޗީފް ޖެނެރަލް މެނޭޖާ އޮފް އެކްސްޕޯޓް އިންޕޯޓް ބޭންކް އޮފް އިންޑިއާ ޝްރީ ގޯރަވް ސިންގް މަންދާރީ އެވެ.

މި މަޝްރޫއުގެ ތެރޭގައި އައްޑޫ ސިޓީގައި ފެންބޮޑުވުމުގެ މައްސަލަ އަށް ހައްލެއް ހޯދުމުގެ ގޮތުން އައްޑޫ ސިޓީ ފޭދޫ ފިޔަވައި އެހެން ހުރިހާ ރަށެއްގައި (ހިތަދޫ، މަރަދޫ، މަރަދޫފޭދޫ، ހުޅުދޫ އަދި މީދޫ) ޖުމްލަ 103 ކިލޯމީޓަރުގެ ފެން ހިންދާ ނިޒާމް ގާއިމުކުރުން ހިމެނެ އެވެ.

ފޭދޫގައި ސަރުކާރު ބަޖެޓުން ފެންހިންދާ ނިޒާމު ގާއިމްކުރުމަށްފަހު މިވަގުތު ހިނގަމުންދަނީ ކޮމިޝަން ކުރުމުގެ މަސައްކަތެވެ.

މީގެ އިތުރުން، އައްޑޫ ސިޓީ ހިތަދޫ، މަރަދޫ، މަރަދޫފޭދު، ފޭދޫ، ހުޅުދޫ އަދި މީދޫ ހިމެނޭގޮތަށް ޖުމްލަ 40 ކިލޯމީޓަރުގެ މަގުގައި ތާރު އެޅިގެންދާއިރު، ތާރުއެޅުމަށް ކަނޑައެޅިފައިވާ މަގުތަކުގެ އިތުރުން ގާތްގަނޑަކަށް 60 ކިލޯމީޓަރުގެ މަގުގައި ސިމެންތި ސްޓެބިލައިޒްޑް ބޭސް (ސިއެސްބީ) ލެޔާ އެޅުމަށް ހަމަޖެހިފައިވާކަމަށް ސަރުކާރުން ބުންޏެވެ.

އަދި އައްޑޫ ސިޓީ ހަންކެޑެ ހިމެނޭ ސަރަޙައްދުގައި މިހާރު ބޭނުންކުރަމުންދާ ލިންކް ރޯޑުގެ ހުޅަނގުން ހަންކެނޑެއަށް ނާރާ ގޮތަށް ހިތަދޫ ގައުކެޑިއާއި މަރަދޫއާއި ގުޅާލުމަށްޓަކައި 1.46 ކިލޯމީޓަރުގެ އާ ހަތަރު ލޭންގެ ޑީޓުއާ ލިންކް ރޯޑެއް މިމަޝްރޫއުގެ ދަށުން ގާއިމްކުރެވޭނެ ކަމަށް ބުނެފައިވެ އެވެ.

މި މަޝްރޫޢުގެ ތެރޭގައި ދެން ހިމެނެނީ އައްޑޫގެ ފަސް ރަށަކުން ބިން ހިއްކުމުގެ މަސައްކަތެވެ.

މިގޮތުން، ހިތަދޫގައި 90 ހެކްޓަރު، މަރަދޫ-މަރަދޫފޭދޫ ގައި 75 ހެކްޓަރު، ހުޅުދޫ އާއި މީދޫގައި ޖުމްލަ 38 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ޕްލޭންކޮށްފަ އެވެ.

މީގެތެރޭގައި ޓޫރިޒަމަށް އައްޑޫ ސިޓީ ހުޅުވާލުމަށް ބޭނުންވާ ބިންހިއްކުމުގެ ޕްލޭންގެ ދަށުން އެކި ސަރަޙައްދުތަކުން 25 ހެކްޓަރުގެ ބިން މިކަމަށް ހާއްސަކުރެވިގެން ހިއްކުމަށް ކަނޑައަޅާފައިވެ އެވެ.