ހަބަރު

އައްޑޫގައި ޑްރަގް ޑިޓޮކްސް ސެންޓަރެއް ހަދަން ހަވާލުކޮށްފި

އައްޑޫ ސިޓީ ހުޅުދޫގައި، ޑްރަގް ޑީޓޮކްސިފިކޭޝަން ސެންޓަރެއް ހަދަން ރެއިބޯ ކޮންސްޓްރަކްޝަން އާ ހަވާލު ކޮށްފި އެވެ.

ދިވެހިރާއްޖޭގެ އަޑުގައި ބޭއްވި ރަސްމިއްޔާތެއްގައި ޕްލޭނިން މިނިސްޓްރީން މި މަސައްކަތް ހަވާލުކޮށް ވަނީ އެއްބަސްވުމުގައި ސޮއި ކޮށްފަ އެވެ. މިނިސްޓްރީގެ ފަރާތުން ޑިރެކްޓަ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގު އަދި ރެއިންބޯގެ ފަރާތުން އެ ކުންފުނީގެ ޑިރެކްޓަރު މާޒިން އިބްރާހިމް ރަފީގު ސޮއި ކުރެއްވި އެވެ.

މި މަޝްރޫއު ކުރިއަށްގެންދިޔުމަށް 15،099،50 ހަރަދުވާއިރު އޭގެ ތެރެއިން ހަތް މިލިއަން ރުފިޔާ އަކީ އިންޑިއާ އިން ރާއްޖެއަށް ދީފައިވާ ހިލޭ އެހީގެ ފައިސާ އެވެ. ޕްރޮޖެކްޓަށް ބޭނުންވާ ބާކީ، 7.1 މިލިއަން ރުފިޔާ އަކީ ދިވެހި ސަރުކާރުގެ ހޭދަ އެކެވެ.

މި މަސައްކަތް ފުރިހަމަކުރަން ކޮންޓްރެކްޓަރަށް ދީފައި ވަނީ ހަ މަސް ދުވަހެވެ.

ޕްލޭނިން މިނިސްޓްރީން ބުނި ގޮތުގައި އައްޑޫގައި ހަދާ ސެންޓަރުގައި 60 މީހުންނަށް ފަރުވާ ދިނުމުގެ ކެޕޭސިޓީ ހުންނާނެ އެވެ. އަދި، ޑޮކްޓަރަށް ކޮޓަރިއަކާއި ނަރުސް ސްޓޭޝަނެއްގެ އިތުރުން ކްލިނިކަލް އޮފީހެއްވެސް ހަދާނެ އެވެ.

މިއީ އިންޑިއާ އިން ރާއްޖެ އަށް ދީފައިވާ 200 މިލިއަން ރުފިޔާގެ ހިލޭ އެހީ ހިމެނޭ މަޝްރޫއެކެވެ.