އަލީ ނިޒާރު

އައްޑޫގެ މަގުތައް ނިންމަން ދެވަނަ ފޭސްއެއް ބޭނުންވޭ: ނިޒާރު

އައްޑޫ ސިޓީގެ ރައްޔިތުންގެ އެންމެ ބޮޑު އުއްމީދަކީ އައްޑޫގެ މަގުތައް ފުރިހަމަކޮށް ނިމިގެން ދިއުން ކަމަށާއި އެ މަގުތައް ނިންމުމަށް ދެވަނަ ފޭސްއެއް އަންނަން ޖެހޭ ކަމަށް އައްޑޫގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރާނިއަމް ޖައިޝަންކަރު އައްޑޫއަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަލީ ނިޒާރު ވިދާޅުވީ އައްޑޫގެ މަގުތައް އެއްކޮށް ނިންމުމަށްޓަކައި ދެވަނަ ފޭސްއެއް އަންނަންޖެހޭ ކަމަށާއި އެހެންނޫންނަމަ ހެދިފައިހުރި މަގުތައްވެސް ހަލާކުވެގެންދާނެ ކަމަށެވެ.

"އެހެންވީމަ އަޅުގަނޑު އެދެނީ، ކޮންސްޓްރަކްޝަން މިނިސްޓަރުވެސް އެބަ އިންނެވި، މުއްތަލިބް ވެސް އެބަ އިންނެވި އަދި އަޅުގަނޑުމެންގެ ފޮރިން މިނިސްޓަރު ވެސް އެބަ އިންނެވި،" އަލީ ނިޒާރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އައްޑޫއަށް ފަންޑު ލިބުނުހެން އެ ބޭފުޅުންގެ އެހީއާއެކު ފަންޑު ލިބިއްޖެނަމަ ދެވަނަ ފޭސްއެއް ފެށިގެން ދާނެ ކަމަށެވެ.

މޭޔަރު ވަނީ އައްޑޫގެ ގުޅިފައިވާ ރަށްތަކުގައި ހަދާފައިވާ ލިންކް ރޯޑަށް 20 އަހަރު ވެއްޖެކަން ފާހަގަކުރައްވައި، އެއީ ހަރަދު ކުޑަކޮށް ހަދާފައިވާ މަގެއް ކަމަށް ވިދާޅުވެފަ އެވެ. އަދި އެ މަގު މިހާރު ވަނީ ބަރު އުޅަނދުތައް ދުއްވުމުގެ ސަަބަބުން ވަރަށް ބޮޑަށް ހަލާކުވެފައި ކަމުގައިވެސް ވިދާޅުވި އެވެ.

އަލީ ނިޒާރު ވިދާޅުވީ އައްޑޫގެ ލިންކި ރޯޑަކީވެސް އެ ސިޓީގެ ތަރައްގީއަށް ވަރަށް މުހިއްމު މަގެއް ކަމަށާއި އެ މަގު މަރާމާތުކުރުމަށް ނުވަތަ ހަންކެޑެ ބްރިޖު ފަދަ ހަތަރު ލޭންގެ މަގަކަށް އެ މަގު އަލުން ހެދުން މުހިއްމު ކަމަށެވެ.

އައްޑޫ ހަންކެޑެ ބްރިޖާ ގުޅޭގޮތުން މޭޔަރު ވިދާޅުވީ އެއީ އައްޑޫ ސިޓީގެ ތަރައްގީއަށް ބޭނުންތެރި މުހިއްމު މަޝްރޫއެއް ކަމަށާއި ހަންކެޑެ ހިމެނޭ ސަރަހައްދު ތަރައްގީކުރުން އަވަސްކުރަންވެސް ޖެހޭ ކަމަށެވެ.

"ހާއްސަކޮށް އައްޑޫ ސިޓީގެ އިގްތިސާދަށްޓަކައި ހަންކެޑެ ތަރައްގީކުރުމަކީ އަޅުގަނޑުމެންގެ ކައުންސިލުން އެދޭނެ އެންމެ މުހިއްމު ކަންތައް،" މޭޔަރު ވިދާޅުވި އެވެ.

އަލީ ނިޒާރުގެ ވާހަކަފުޅުގައި ވަނީ އިންޑިއާއިން ރާއްޖެއަށް ދެމުންދާ އެހީތައް ފާހަގަކުރައްވާ އިންޑިއާ ސަރުކާރަށް ޝުކުރުވެސް އަދާކުރައްވާފަ އެވެ.