ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އިންޑިއާ އިން އެހީވަނީ ވެރިކަމުގައި ތިބީ ކޮން ބައެއްތޯ ނުބަލާ: ރައީސް

އިންޑިއާ އިން ދިވެހީންނަށްވާ އެހީތަކަކީ އޭރު ރާއްޖޭގެ ވެރިކަމުގައި ތިބީ ކޮން ބައެއްތޯ ނޫނީ ކޮން ޕާޓީއެއްތޯ ބެލުމެއް ނެތި ގައުމުގެ ތަރައްގީއަށް ދިވެހީންގެ ކުރިއެރުމަށްޓަކައި ވެދެމުން އަންނަ އެހީތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ "ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ އިންޑިއާ އިން ރާއްޖެއަށް ވެދެމުންގެންދާ އެހީތަކަކީ ސީދާ ދިވެހި ރައްޔިތުންގެ ކުރިއެރުމާއި ތަރައްގީއަށް އަބަދުވެސް ވެދެމުން ގެންދާ އެހީތަކެއް ކަމަށެވެ. އެކަމުގެ ސާފު ހެކިތައް ފެންނަން އެބަހުރި ކަމަށް ވިދާޅުވެ ވަރަށް ގިނަ މިސާލުތައް ދެއްކެވިއެވެ.

އެމަނިކުފާނު ވިދާޅުވީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލާއި ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް ސްޓްޑީސް އާއި 34 ރަށެއްގެ ފެނާއި ނަރުދަމާގެ އިތުރުން ތިލަމާލެ ބްރިޖާއި ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަަރައްގީ ކުރުމާއި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމާއި އައްޑޫ މަގުތައް ހެދުމާއި ބިން ހިއްކުން އަދި ކޯސްޓްގާޑް ބިލްޑިން ފަދަ ޕްރޮޖެކްޓްތަކަކީ އިންޑިއާގެ ހިލޭ އެހީ އާއި ލޯން އެހީގެ ދަށުން ހިންގާ އަދި ހިންގިފައިވާ ޕްރޮޖެކްޓްތައް ކަމަށެވެ.

"އިންޑިއާ އިން ދިވެހީންނަށްވާ އެހީތަކަކީ އޭރު ރާއްޖޭގެ ވެރިކަމުގައި ތިބީ ކޮން ބައެއްތޯ ނޫނީ ކޮން ޕާޓީއެއްތޯ ބެލުމެއް ނެތި ގައުމުގެ ތަރައްގީއަށް ދިވެހީންގެ ކުރިއެރުމަށްޓަކައި ވެދެމުން އަންނަ އެހީތަކެއް. މިއަދު ހުޅުވިގެން މިދާ ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓަކީ މި ދެންނެވި ހަގީގަތުގެ އެއް މިސާލް،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް ޕްްރޮޖެކްޓްގެ ވާހަކަ ފުރަތަމަ ދެ ސަރުކާރުގެ ދެމެދުގައި ދެކެވިފަައިވަނީ 2009 ވަނަ އަހަރު ކަމަށެވެ. އަދި ޕްރޮޖެެކްޓް ކުރިއަށް ގެންދަން ނިންމާފައި އޮތީ ޅ. ދިއްފުށިމާދޫގައި ކަމަށެވެ. އަދި އޭގެ ފަހުން ޅ. މާބިންހުރާ އިން ދ. ވާނީ ޕްރޮޖެކްޓް ބަދަލުކޮށް އައްޑޫ ސިޓީގެ މަރަދޫ ހިތަދޫ ގުޅޭ ސަރަހައްދުގައި ޕްރޮޖެކްްޓް ހިންގަން ނިންމާފައިވަނީ 2014 ވަނަ އަހަރުގެެ ފެބްރުއަރީ މަހު ރައީސް ޔާމީންގެ ވެރިކަމުގައި ކަމަށެވެ.

ރައީސް ވިދާޅުވީ މި ޕްރޮޖެކްޓްތައް ސަރުކާރުން 30 މިލިއަން ޑޮލަރުގެ ހިލޭ އެހީ ދީފައިވާ ކަމަށެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި މި ޕްރޮޖެކްޓް ހަގީގަަކަށް ހެދުމަށް ކުރީ ސަރުކާރުގެ ތަކުގެ ވެރީން ކުރެއްވި މަސައްކަތަށްވެސް ޝުކުރު އަދާކުރައްވާފައެވެ.

މިއަދު ހުޅުވުނު ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓާއި ގުޅޭގޮތުން ރައީސް ވިދާޅުވީ އެ ކޮލެޖުން ދޭ ތައުލީމާއި ތަމްރީނުތަކުގެ ސަބަބުން ޑޮމިކްރަޓިކް އުސޫލުތަކަށް ފުލުހުންގެ ލޯ ހުޅުވިގެންދާނެ ކަމަށެވެ. އަދި ޒަމާނީ ބެސްޓް ޕްރެކްޓިސްތަކަށް އަހުލުވެރިވާނެ ކަމަށެވެ.

"އަދި ކޮންމެ ފުލުހަކީ ރައްޔިތުންގެ އިހުސާސްތައް ދަންނަ އަދި މަަސައްކަތަށް ގާބިލް މީހަކަށް ވެގެންދާނެ. ކޮމިއުނިޓީ އޮރިއެންޓެޑް ފުލުހުންގެ ހިދުމަތެއް ދެވޭނީ އެ އަސާސްތަކުގެ މަތީގައި ފުލުހުން ތަމްރީނުކޮށްގެން. އެފަދަ ހިދުމަތެއް ދެވޭނެ މިންވަރަށް ފުލުހުން ތަމްރީނު ކުރެވޭނެ ފުރިހަމަ ވަސީލަތްތައް ހުރުމަކީ މުޅި ދައުލަތުގެ މަސްލަހަތާ ގުޅިފައިވާ ކަމެއް. އިރާދަކުރެއްވިއްޔާ މި ކޮލެޖަކީ ދިވެހި ރައްޔިތުން އުންމީދު ކުރާ ފަދަ ހިދުމަތަކަށް މަގު ކޮށައިދޭނެ ތަނަކަށް ވެގެންދާނެ،" ރައީސް ވިދާޅުވިއެވެ.