ޑރ. އަބްދުﷲ މުއްތަލިބް

އައްޑޫގައި އިންޑިއާއިން ކުރިއަށް ގެންދިޔައީ ބޭނުންތެރި މަޝްރޫއުތަކެއް: މުއްތަލިބް

އައްޑޫ ސިޓީގައި އިންޑިއާއިން ކުރިއަށް ގެންދިޔަ މަޝްރޫއުތަކަކީ އެ ސިޓީގެ ތަރައްގީއަށް މުހިންމު މަޝްރޫއުތަކެއް ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން އައްޑޫ ސިޓީގައި ކުރިއަށް ގެންދިޔަ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިންމާ ދިވެހި ސަރުކާރާއި ހަވާލުކުރުމާއި ހަތަރު ލޭން ޑީޓުއާ ލިންކް ރޯޑް އިފްތިތާހުކުރުމަށް އެ ސިޓީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު މުއްތަލިބް ވަނީ އެ މަޝްރޫއުތަކުން އައްޑޫއަށް ގިނަ ފައިދާތަކެއް ކުރާނެ ކަމަށް ވިދާޅުވެފަ އެވެ.

އައްޑޫގެ ހިތަދޫ އާއި މަރަދޫ އިން ޖުމްލަ 156 ހެކްޓަރުގެ ބިން ހިއްކާފައިވާކަން ފާހަގަކުރައްވާ މުއްތަލިބް ވިދާޅުވީ ހިއްކިގެންދިޔަ ބިންތަކަކީ ބޯހިޔާވަހިކަމާއި އައްޑޫގެ ތަރައްގީއަށް މުހިންމު ބިންތަކެއް ކަމަށެވެ.

އެ ގޮތުން ޑީޓުއާ ލިންކް ރޯޑަށް ބޭނުންވާ ބިމާއި ފަތުރުވެރިކަމަށް ހާއްސަކުރާ ތިން ރަށަށް ބޭނުންވާ ބިން ހިއްކާފައިވާކަން މިނިސްޓަރު މުއްތަލިބް ފާހަގަކުރެއްވި އެވެ.

ފަތުރުވެރިކަމަށް ހާއްސަކޮށް އައްޑޫގައި 25 ހެކްޓަރުގެ ބިން ވަނީ ހިއްކާފަ އެވެ.

ހަންކެޑެ ހިމެނޭ ގޮތަށް މަރަދޫ އާއި ހިތަދޫ ގުޅާލާ ހަތަރު ލޭންގެ 1.46 ކިލޯމީޓަރުގެ ޑީޓުއާ ލިންކް ރޯޑަކީ މާލެ ސަރަހައްދުން ބޭރުގައި ރާއްޖޭގައި ކުރިއަށް ގެންދެވުނު އެފަދަ ފުރަތަމަ މަޝްރޫއު ކަމަށް މުއްތަލިބް ވިދާޅުވި އެވެ.

މީގެ އިތުރުން އައްޑޫގައި މިހާރު ނިމެމުންދާ މަގުތައް ތަރައްގީކުރުމާއި ފެން ހިންދާ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއުތަކާއެކު ފެން ބޮޑުވުމުގެ މައްސަލައަށް ހައްލު ލިބިގެންދާނެކަން މުއްތަލިބް ފާހަގަކުރެއްވި އެވެ.