އަލީ ނިޒާރު

ތަރައްގީއަށް ހުރަސް އެޅޭނަމަ އިންޑިއާ އައުޓަށް ފުރުސަތެއް ނުދޭނަން: މޭޔަރު

އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން އިންޑިއާ އައުޓްގެ ނަމުގައި ހަރަކާތެއް ހިންގާ، އައްޑޫގެ ތަރައްގީއަށް ހުރަސްއަޅަން ފުރުސަތު ނުދެއްވާނެ ކަމަށް އައްޑޫގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.

އަވަސް އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި މޭޔަރު ނިޒާރު ވިދާޅުވީ އިންޑިއާ އައުޓް ހަރަކާތަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްކޮށް ހުންނަވާ ސިޔާސީ ހަރަކާތްތަކަށް "ބޫސްޓެއް" ގެނައުމަށް ކުރައްވާ ކަމެއް ކަމަށެވެ. އެއީ ރައްޔިތުންގެ އަމާޒު ގެއްލުވާލަން އިދިކޮޅުން ކުރާ މަސައްކަތެއް ކަމުގައިވެސް ވިދާޅުވި އެވެ.

އިންޑިއާ އައުޓް ހަރަކާތަކީ އައްޑޫ ރައްޔިތުން ބަލައިގަންނަ ހަރަކާތެއް ނޫން ކަމަށް ފާހަގަކުރައްވަމުން ނިޒާރު ވިދާޅުވީ އެ ސިޓީގައި އިންޑިއާ އައުޓްގެ ނަމުގައި މާބޮޑު ހަރަކާތެއް ނުހިނގާ ކަމަށެވެ. ދެ ފަހަރެއްގައި އެ ހަރަކާތުގެ ކުޑަ ކަމެއް ހިނގި ނަމަވެސް އެ ހަރަކާތް އެހާ ރަނގަޅަށް ކުރިއަށް ނުދިޔަ ކަމަށެވެ.

"ޕީޕީއެމްގެ 'އިއްޑިއާ އައުޓް' އަށް ވުރެ 'އިންޑިއާ އިން' ހަރަކާތް ވެސް މާ ފޯރިއާއެކު ދިޔައީ ކުރިއަށް. އައްޑޫ ރައްޔިތުން މާ ހޭލުންތެރިވާނެ. އެހެން ހިންގާލާ ހަރަކާތެއްގެ ސަބަބުން އައްޑޫގެ ތަރައްގީގެ އެއްވެސް މަސައްކަތަކަށް ހުރަހެއް ނޭޅޭނެ." މޭޔަރު ވިދާޅުވި އެވެ.

މީގެ އިތުރުން ނިޒާރު ވިދާޅުވީ އިއްޑިއާ އައުޓް ހަރަކާތުގެ ސަބަބުން އައްޑޫގެ ތަރައްގީއަށް ހުރަސް އަޅަން ފުރުސަތު ނުވެސް ދެއްވާނެ ކަމަށެވެ.

"އެކަމަކު ކައުންސިލްގެ ފަރާތުން އެ ހަރަކާތް ހުއްޓުވަން ކަމެއް ކުރާނެ ވާހަކައެއް ނޫން މި ބުނަނީ،" ނިޒާރު ވިދާޅުވި އެވެ.

އައްޑޫގެ ރައްޔިތުންނާއި އައްޑޫގެ ތަރައްގީއަށް ހުރަސް އެޅޭ ގޮތަށް އެއްވެސް ކަމެއް ކުރެވިގެން ނުވާނެ ކަމަށާއި އެފަދަ ކަންކަމާ ދެކޮޅަށް ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރައްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

އިންޑިއާ އައުޓް ހަރަކާތާ ދެކޮޅަށް އައްޑޫގެ މޭޔަރު ވާހަކަ ދައްކަވާފައި މިވަނީ އިންޑިއާގެ ލޯނާއި ހިލޭ އެހީގައި އައްޑޫގައި ބައެއް މަސައްކަތްތައް ހިނގަމުންދާ ވަގުތެއްގަ އެވެ. އައްޑޫގައި ފުލުހުންގެ ތަމްރީން މަރުކަޒު ވެސް ހަދަމުން ދަނީ އިންޑިއާ އިންނެެވެ.

އިންޑިއާ އައުޓް ހަރަކާތް ހުއްޓުވުމަށް ދިވެހި ދައުލަތުން އެކި ގައުމުތަކާއެކު ގާއިމުކޮށްފައިވާ ގުޅުންތަކަށް ނޭދެވޭ އަސަރު ފޯރާ ގޮތަށް ހިންގާ އަމަލުތަކަކީ ޖިނާއީ ކުށަކަށް ހަދަން ބިލެއް ވަނީ ޑްރާފްޓް ކޮށްފަ އެވެ.

އިންޑިއާ އައުޓް ބިލްގައިވާ ގޮތުން ގާނޫނީ އަދި ބައިނަލްއަގްވާމީ ހަމަތަކާއި އެއްގޮތަށް ގައުމަކާ އެކު ރާއްޖެއިން ގުޅުން އުފައްދާފައި ވަނިކޮށް ސިޔާސީ ޕާޓީ އަކުން ނުވަތަ ވަކި ބަޔަކު ރައްޔިތުންގެ ނަމުގައި ވަކި ގައުމަކާ ދެކޮޅަށް ނުވަތަ ވަކި ގައުމެއްގެ ވަކި މުއައްސަސާ އަކާ ދެކޮޅަށް ހަރަކާތްތެރިވުމަކީ ކުށެކެވެ. ރާއްޖެ އޮތީ ވަކި ގައުމެއްގެ އަޅުވެތިކަމުގައި ކަމަށް ދެއްކުމުގެ ގޮތުން ވަކި ގައުމަކާ ދެކޮޅަށް ހަރަކާތްތައް ހިންގުމަކީ ވެސް ކުށެކެވެ. އެހެންކަމުން މި ބިލް އެކުވާލުމުގެ ބޭނުމަކީ ބޭރު ގައުމުތަކާއެކު ރާއްޖެއިން ގާއިމުކޮށްފައިވާ ގުޅުންތަކަށް ނޭދެވޭ އަސަރު ކޮށްފާނެ ކަމަށް ފެންނަ އަމަލުތައް ހުއްޓުވުން ކަމަށް ބުނެފައިވެ އެވެ.

ބިލްގައިވާ ފަދަ ކުށެއް މީހެއްގެ މައްޗަށް ސާބިތުވެއްޖެނަމަ އަދަބެއްގެ ގޮތުގައި 20،000 ރުފިޔާ އިން ޖޫރިމަނާ ކުރުމާއި، އެއް އަހަރަށް ވުރެ ދިގު ނޫން މުއްދަތަކަށް ގޭބަންދު ކުރުމާއި، ހަމަސް ދުވަހަށް ވުރެ ކުރު މުއްދަތަކަށް ޖަލަށް ލުން ވެސް ހިމެނެ އެވެ.

މިބިލް އެކުލަވާލާފައި އޮތީ ބިލް ގާނޫނަކަށްވެ ތަސްދީގު ކުރާ ދުވަހު އަމަލުކުރާ ގޮތަށެވެ. މި ބިލްގެ ދަށުން ހަދަންޖެހޭ ގަވައިދުތައް ތިން މަސް ދުވަހުގެ ތެރޭގައި ނިންމަން ހަވާލުކޮށްފައިވަނީ ފޮރިން މިނިސްޓްރީ އަށެވެ.