އައްޑޫ ސިޓީ ކައުންސިލް

އައްޑޫ ތަރައްގީ ކުރަން ކޮންސިއުލޭޓްތައް ހުޅުވަންޖެހޭ

އައްޑޫގައި އެއްވެސް ގައުމަކުން އެމްބަސީއެއް ނުވަތަ ކޮންސިއުލޭޓެއް ހުޅުވަން ހުށަހަަޅައިފިނަމަ އެކަމަށް މަރުހަބާ ކިޔައި ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމުގައި އައްޑޫގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.

ނިޒާރު މިހެން ވިދާޅުވެފައި މިވަނީ އިންޑިއާގެ ކޮންސިއުލޭޓެއް އައްޑޫގައި ހުޅުވުމަށް އެ ގައުމުގެ ކެބިނެޓުން ނިންމާ އެކަން ރަސްމީކޮށް އިއުލާން ކޮށްފައި ވަނިކޮށެވެ.

މިކަމާ ގުޅިގެން އަވަސް އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން މޭޔަރު ނިޒާރު ވިދާޅުވީ އިންޑިއާގައި އައްޑޫގެ ކޮންސިއުލޭޓް އޮފީހެއް ހުޅުވުން ވީހާވެސް އަވަސް ކުރަންޖެހޭ ކަމަށާއި އެއީ އައްޑޫގެ ތަރައްގީއާ ގުޅިފައިވާ ވަރަށް މުހިއްމު ނިންމުމެއް ކަމަށެވެ.

"އިންޑިއާގެ އެހީގައި 200 މިލިއަން ޑޮލަރުގެ ތަރައްގީގެ މަޝްރޫއުތައް އައްޑޫގައި ކުރިއަށްދާއިރު ކޮންސިއުލޭޓެއް ހުރުން މުހިއްމު. ސިޓީ ކައުންސިލުން އެކަމަށް ދޭންޖެހޭ ހުރިހާ އެހީތެރި ކަމެއް ދޭނަން. މިއީ އައްޑޫގެ ތަރައްގީ އާ މިސްރާބަކަށް ގެންދާނެ ކަމެއް،" ކުރީގެ މަޖިލިސް މެންބަރު ނިޒާރު ވިދާޅުވި އެވެ.

މޭޔަރު ވިދާޅުވީ އިންޑިއާގެ ކޮންސިއުލޭޓް އޮފީހެއް އައްޑޫގައި ހުޅުވުމުން އައްޑޫގައި ދިރިއުޅޭ ރައްޔިތުންނަށް ބައިނަލްއަގްވާމީ ދަތުރުތަކަށް ވަރަށް ބޮޑު ފަސޭހައެއް ލިބިގެން ދާނެ ކަމަށެވެ. އައްޑޫގައި މިވަގުތު އިންޑިއާގެ ގިނަ އަދަދެއްގެ މަސައްކަތްތެރިން ވެސް ހަރަކާތްތެރިވަމުންދާތީ އެމީހުންނަށް ވެސް ވިސާގެ ކަންކަން ހަމަޖެއްސުމުގައި އެތައް ފަސޭހައެއް ލިބިގެންދާނެ ކަމަށް ގަބޫލު ކުރައްވާ ކަމުގައި ވެސް ވިދާޅުވި އެވެ.

އިންޑިއާގެ އެހީގައި 200 މިލިއަން ޑޮލަރުގެ ތަރައްގީގެ މަޝްރޫއުތައް އައްޑޫގައި ކުރިއަށްދާއިރު ކޮންސިއުލޭޓެއް ހުރުން މުހިއްމު، ސިޓީ ކައުންސިލުން އެކަމަށް ދޭންޖެހޭ ހުރިހާ އެހީތެރިކަމެއް ދޭނަން،
އަލީ ނިޒާރު | އައްޑޫގެ މޭޔަރު

ނިޒާރު ވިދާޅުވީ އިންޑިއާގެ ކޮންސިއުލޭޓް އޮފީހެއް އައްޑޫގައި ހުޅުވުމާއެކު އެފަދަ ކޮންސިއުލޭޓެއް އައްޑޫގައި ވެސް ހުރި ކަން ފާހަގަކޮށް ބައިނަލްއަގްވާމީ މައިދާނަށް އައްޑޫ ހުޅުވާލައި، ބޭރުގެ އިންވެސްޓަރުން ގެންނަން މަގުތައް ފަހިވެގެން ދާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖެއަށް އެންމެ ބޮޑަށް އެހީވާ ގައުމުތަކުގެ އެމްބަސީތައް ނުވަތަ ކޮންސިއުލޭޓެއް ނަމަވެސް އައްޑޫގައި ހުޅުވަން އެފަދަ ގައުމުތަކުގައި އެދޭނެ ކަމުގައި ވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބޭނުންވަނީ ތަރައްގީ. މިފަދަ ކޮންސިއުލޭޓެއް ހުޅުވުމުން އައްޑޫގެ އިތުރުން ފުވައްމުލަކާއި މުޅި ހުވަދޫ އަށް ވެސް ތަރައްގީ ގެންނަން ފަސޭހަތަކެއްވެ މަގުތަކެއް ހުޅުވޭނެ،" މިމަހުގެ 17 ވަނަ ދުވަހު މޭޔަރު ކަމާއި ހަވާލުވެވަޑައިގެންނެވި ނިޒާރު ވިދާޅުވި އެވެ.

އައްޑޫގައި ކޮންސިއުލޭޓެއް ހުޅުވުމަށް އިންޑިއާ އިން ނިންމީ ރާއްޖެއަށް ނުފޫޒު ފޯރުވުމަށް ކަމަށް ސިޔާސީ ބައެއް ބޭފުޅުން ވިދާޅުވާތީ އެކަމަށް ވެސް މޭޔަރު ނިޒާރު ވަނީ ރައްދު ދެއްވާފަ އެވެ. އެގޮތުން މޭޔަރު ވިދާޅުވީ މި މައްސަލާގައި ސިޔާސީ ގޮތުން ވާހަކަ ދައްކަވާ ކޮންމެ ބޭފުޅަކީ އައްޑޫގެ ތަރައްގީއަށް ހުރަސް އަޅުއްވާ ބޭފުޅެއް ކަމަށެވެ.

"އައްޑޫގައި ކޮންސިއުލޭޓެއް ހުންނަން ނޭދޭނަމަ މާލޭގައި ވެސް އެމްބަސީއާއި ކޮންސިއުލޭޓް ހުރެގެން ނުވާނެ. އަޅުގަނޑުމެންގެ ތަރައްގީއަށް ހުރަސް ނާޅުއްވާ. މި މައްސަލާގައި ސިޔާސީ ގޮތުން ދައްކަންޖެހޭ ވާހަކައެއް އޮވެގެން ނުވާނެ. އަޅުގަނޑުމެން ވެސް ބަލާނެ ނޫންތޯ ނުފޫޒު ފޯރުވަން ކަމެއް ކުރޭތޯ. މިގައުމަށް ދިމާވި ކޮންމެ ބޮޑު ކަމެއްގައި އިންޑިއާ އޮތް. ދެން ކޮން ނުފޫޒެއްގެ ވާހަކަތޯ ދައްކަންވީ،" ނިޒާރު ވިދާޅުވި އެވެ.

އައްޑޫގައި ކޮންސިއުލޭޓް އޮފީހެއް ހަދަން އިންޑިއާ ސަރުކާރުން ނިންމި ނަމަވެސް ދިވެހި ސަރުކާރާއެކު މިހާތަނަށް އެކަމާ ގުޅޭ އެއްވެސް މަޝްވަރާއެއް ކޮށްފައި ނުވާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފަ އެވެ.

މިދިޔަ އަންގާރަ ދުވަހުގެ ރޭ ނޫސްވެރިންނާ ބައްދަލު ކުރައްވާ ރައީސް ސޯލިހް ވިދާޅުވީ ގައުމު ތަކުގެ މެދުގައި ހުންނަ ޑިޕްލޮމެޓިކް ގުޅުންތަކުގެ ތެރެއިން އެއް ގައުމުން އަނެއް ގައުމަށް ހުށަހަޅާ ކަންތައްތަކެއް ފުރިހަމަ ކުރުމަށްޓަކައި ދެކެވެންޖެހޭ ވާހަކަތަކެއް ދެކެވޭނެ ކަމަށެވެ. އިންޑިއާގެ ނިއުދިއްލީގައި ރާއްޖޭގެ ހައިކޮމިޝަނެއް ހުންނައިރު އެ ގައުމުގެ ޓްރިވެންޑްރަމްގައި ރާއްޖޭގެ ކޮންސިއުލޭޓް އޮފީހެއް ހަދާފައިވާ ކަން ވެސް ރައީސް ފާހަގަ ކުރެއްވި އެވެ.

"އެހެންވީމާ އެއް ގައުމަކުން ފޯރުކޮށްދޭ އެކަހަލަ ވަސީލަތްތައް އަނެއް ގައުމެއްގައި އެ އޮންނަ ގައުމަކުން އެދިއްޖެ ކަމަށް ވަންޏާ އެއާ ދޭތެރޭގައި ވިސްނަންޖެހޭ ކަމެއް ކަމަށް އަޅުގަނޑު ދެކެނީ،" އިންޑިއާގެ ހުށަހެޅުން ލިބިއްޖެނަމަ ސަރުކާރުން އެކަމާ ވިސްނާނެ ކަން ހާމަކުރައްވަމުން ރައީސް ވިދާޅުވި އެވެ.

ރާއްޖޭގައި އެމްބަސީއެއް ނުވަތަ ކޮންސިއުލޭޓެއް ހެދުމަށް އެއްވެސް ގައުމަކުން ހުށަހަޅައިފިނަމަ އެކަމުގައި ގޮތް ނިންމުގެ އެއްވެސް ބާރެއް ލޯކަލް ކައުންސިލްތަކަށް ލިބިގެނެއް ނުވެ އެވެ. ހާރިޖީ ދާއިރާގެ އެކަހަލަ ނިންމުންތައް ނިންމާނީ މައި ސަރުކާރުންނެވެ.