އައްޑޫ ސިޓީގައި ހުންނަ ޒޯން ސްޓޭޑިއަމް މަރާމާތުކުރުމަށް ކުރީގެ ސަރުކާރުން އެއްވެސް ވަރަކަށް މަސައްކަތް ނުކުރި ކަމަށް ވިދާޅުވެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރަށް އެމްޑީޕީއަށް ނިސްބަތްވާ އައްޑޫ މޭޔަރު އަލީ ނިޒާރު ފާޑު ވިދާޅުވެއްޖެ އެވެ.
ރައީސް ޑރ. މުހައްމަދު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު އައްޑޫ ޒޯން ސްޓޭޑިއަމް ވަނީ މަރާމާތުކުރަން ފަށާފަ އެވެ. މި ސްޓޭޑިއަމް އެންމެ ފަހުން މަރާމާތު ކުރީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2014 ގައި ބޭއްވި އޭއެފްސީ ޗެލެންޖް ކަޕަށެވެ.
އަލީ ނިޒާރު ކުރީ ސަރުކާރަށް ފާޑު ވިދާޅުވީ އައްޑޫގައި މިހާރު ކުރިއަށްދާ އިންޓަ ސްކޫލް އެތުލެޓިކްސް މީޓް ރަސްމީކޮށް ހުޅުވުމަށް އިއްޔެ އައްޑޫ ޒޯން ސްޓޭޑިއަމްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
ކުރީގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ނިޒާރު ވިދާޅުވީ އައްޑޫ ޒޯން ސްޓޭޑިއަމް މަރާމާތުކޮށްދިނުމަށް ކުރީގެ ސަރުކާރުގައި ތަކުރާރުކޮށް އެދިފައިވާނެ ކަމަށެވެ. އެކަމަކު ސްޓޭޑިއަމް މަރާމާތު ކުރުމުގެ ގޮތުން އެ ތަނުގައި ދަވާދުކޮޅެއްގެ ލައިނުދިން ކަމަށް ވިދާޅުވި އެވެ.
"މިދިޔަ ސަރުކާރުގައި އަޅުގަނޑުމެން ތަކުރާރުކޮށް އެދުނިން މި ސްޓޭޑިއަމްއަކީ އައްޑު އަށް ލިބިފައިވާ އަގުބޮޑު މުދަލަކަށްވާއިރު ވީރާނާ ވުމަށް ދޫނުކޮށް މިތަން މަރާމާތު ކުރުމަށް. އެހެންނަމަވެސް އެއްވެސް ކަމެއް ނުކޮށް މިދިޔަ ސަރުކާރުގެ ދައުރު ނިމިގެން ދިޔަކަން އަޅުގަނޑު ހިތާމައާ އެކު ފާހަގަ ކުރަން،" ނިޒާރު ވިދާޅުވި އެވެ.
ނިޒާރު ވިދާޅުވީ އައްޑޫގައި އިންޓަ ސްކޫލް އެތުލެޓިކްސް މީޓް ބޭއްވުމުގެ ގޮތުން މިސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން އައްޑޫ ޒޯން ސްޓޭޑިއަމް މަރާމާތުކުރަން ބަޔަކަށް ދީ އެ މަސައްކަތް ކޮށްފައިވާ ކަމަށެވެ. އެކަން ފާހަގަކުރައްވާ ނިޒާރު ވަނީ ރައީސް މުއިއްޒާއި ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އަށް ޝުކުރު އަދާކުރައްވާފަ އެވެ.
މޭޔަރު އިތުރަށް ވިދާޅުވީ އައްޑޫ ޒޯން ސްޓޭޑިއަމްގައި ސިންތެޓިކް ޓްރެކެއް އެޅުމަށް ނިމިދިޔަ ދެ ސަރުކާރުގައިވެސް އެދިފައިވާނެ ކަމަށާއި އެކަމަކު އެކަން ކޮށްދީފައި ނުވާ ކަމަށެވެ. އެކަންކޮށްދިނުމަށް މިސަރުކާރުގައި ވެސް އައްޑޫ މޭޔަރު އެދިވަޑައިގަތެވެ.